އެމްއެންޑީއެފް

އިތުރު 27 ސިފައިން ޕޮޒިޓިވްވެ ތަމްރީންތައް މެދުކަނޑާލައިފި

ސިފައިންގެ ތަމްރީނު މަރުކަޒު، ގިރިފުށީގައި ތިބި ސިފައިންގެ ތެރެއިން އިތުރު 27 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ގިރިފުށިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ސިފައިންގެ ހަތަރު މީހެކެވެ. އެމީހުން ޕޮޒިޓިވްވުމާއި ގުޅިގެން ގިރިފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ. އަަދި އެ ރަށަށް އަރާ ފޭބުން މަނާކޮށް ދެން ތިބި ސިފައިންގެ ޓެސްޓްތައް ވެސް ވަނީ ހަދާފަ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އޭގެ ފަހުން ސިފައިންގެ 27 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އެކަމާއި ގުޅިގެން ގިރިފުށީގައި ސިފައިން ހަދަމުންދިޔަ ތަމްރީންތައް ވަގުތީ ގޮތުން މިހާރު ވަނީ ހުއްޓާލާފަ އެވެ.

މި މައްސަލައާ ގުޅިގެން އެމްއެންޑީއެފުން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ފްރަންޓްލައިންގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ އެއް މުއައްސަސާއަކީ ސިފައިންނެވެ. ކޮވިޑްގެ ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމާއި ބަލި މީހުން ތިބޭ ފެސިލިޓީތައް ބަލަހައްޓަމުން ގެންދަނީ ވެސް ސިފައިންނެވެ.

ސިފައިންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ކުރިން ހާމަކުރަމުން އައި ނަަމަވެސް މީގެ ދެ މަހެއްހާ ދުވަސް ކުރިން ސިފައިންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ހާމަ ކުރުމުން ވަނީ ހުއްޓާލާފަ އެވެ. ނަމަވެސް ފުުލުހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ހާމަ ކުރެ އެވެ.

ކޮވިޑް-19 އަށް 93 ފުލުހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި މިހާރު އެކްޓިވް ކޭސް ތަކުގެ ގޮތުގައި 56 މީހަކު ހިމެނޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފުލުސް އޮފިސަރުންގެ އިތުރުން އެ އިދާރީ މުވައްޒަފުން ވެސް ހިމެނެ އެވެ.