ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް ޖެހުނު މީހަކު މަރުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އަނެއްކާވެސް މީހަކު މަރުވެއްޖެ އެވެ. މިރޭ މަރުވެފައި ވަނީ އުމުރުން 62 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

އެޗްޕީއޭއިން ދެންމެ ބުނީ ކޮވިޑްގައި މިރޭ މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށެވެ. އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުންނަށެވެ. އޭނާ މަރުވީ މިރޭ 8:02 ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މި މީހާއާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 26 އަށް އެރީއެވެ.

ރޭވެސް މި ބަލީގައި ވަނީ އުމުރުން 82 އަހަރުގެ ދިވެއްސަކު މަރުވެފަ އެވެ. މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި ހަ ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑްޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. މިއަދު އެކަނިވެސް 194 މީހަކަށް ބަލި ޖެހިފައި ވެއެވެ.

މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 191 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށާ އަނެއް ތިން މީހަކީ އަތޮޅުތެރޭގެ ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 167 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 16 މީހަކާއި އިންޑިއާގެ ހަތް މީހަކާއި ސްރީލަންކާ މީހަކާއި ނޭޕާލް މީހަކާއި ތައިލެންޑް މީހެއްގެ އިތުރުން އިޓަލީ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 6564 އަރާފައެވެ.

މިވަގުތުވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 166 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިއީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އެންމެ ގިނަ ބަޔަކަށް ފަރުވާ ދެމުންދާ ދުވަހެވެ.