ދަރުމަވަންތަ ހޮސްޕިޓަލް

ދެ ޕޭޝަންޓަކާއި ގުޅޭގޮތުން ފެތުރީ ދޮގެއް

Aug 21, 2020

ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގައި އެޑްމިޓްކޮށްފައިވާ ދެ މީހަކާ ގުޅޭގޮތުން މީޑީއާގައި ރިޕޯޓްކުރި ވާހަކަތަކެއް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދޮގުކޮށްފި އެވެ. އައިޖީއެމްއެޗުން އެހެން ބުނި އިރު ޑީއެޗް ހިންގަނީ މާލޭ ހޮސްޕިޓަލް ގްރޫޕުންނެވެ.

ޓީވީ ޗެނަލަކުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ދެ މީހަކާ ގުޅޭގޮތުން ހަބަރެެއް ގެނެސްދީފައި ވެއެވެ. އެ ހަބަރުގައި އެ ދެ ޕޭޝަންޓުންނަކީ އައިޖީއެމްއެޗްގެ ސީއީއޯ ބަންދު އިބްރާހިމް ސަލީމްގެ އާއިލީ ބައެއް ކަމަށް ބުނެފައިވާއިރު އެ ދެ މީހުން އެ ހޮސްޕިޓަލްގައި ޕްރައިވެޓް ކޮޓަރިތަކުގައި ތިބީ ފައިސާ ނުދައްކާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

އެކަން ދޮގު ކޮށް އައިޖީއެމްއެޗުން ބުނެފައި ވަނީ ދަރުމަވަންތާގައި އެޑްމިޓްކޮށްފައިވާ ދެ ޕޭޝަންޓުންނަކީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދިޔަ ދެ މީހެއް ކަމަށެވެ. މެއި މަހުގެ ފުރަތަމަ ދުވަހު އެ ދެ މީހުން ދަރުމަވަންތައަށް ބަދަލުކޮށްފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލަކީ ކޮވިޑަށް ފަރުވާދޭ ހާއްސަ ތަނެއްގެ ގޮތުގައި ހަމަޖެއްސުމުން ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ނިޒާމުގެ ތެރެއިން ކަމަށެވެ.