އުރީދޫ

އުރީދޫ އަތޮޅު ދުވުމަށް ފުރުސަތު ހުޅުވާލައިފި

Aug 22, 2020

މުއާސަލަތީ ކުންފުނި އުރީދޫ މޯލްޑިވްސް އިން ވާޗުއަލްކޮށް ބާއްވާ އަތޮޅު ދުވުމުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މި އިވެންޓްގައި ބައިވެރިވާން ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކުން ދުވުމަށް ހާއްސަ ކޮށްފައިވާ އުރީދޫ އަތޮޅު ދުވުން ޕޯޓަލް އިން ބައިވެރި ވެވޭނެ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅު ތަކުން ވީހާ ވެސް ގިނަ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭ މި ދުވުމުގައި ހިލޭ ބައިވެރި ވެވެ އެވެ.

އަތޮޅު ދުވުމުގައި ބައިވެރިވާން ބޭނުން މީހުން މި މަހުގެ 27 ވަނަ ދުވަހު ރަޖިސްޓަރީ ވާން ޖެހެ އެވެ. ދުވުން ފުރިހަމަ ކުރާ ފަރާތް ތަކަށް ވާޗުއަލް މެޑައްޔެއް ދޭނެ އެވެ. އަދި އެ މެޑަލް ފިޒިކަލް މެޑައްޔަކަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ވެސް ދޭނެ އެވެ.

އުރީދޫން ބުނި ގޮތުގައި އެންމެން އެއް ވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި ބާއްވާ މި ދުވުމަކީ އެކަނި ނުވަތަ އާއިލާ އާއި ރަހުމަތްތެރިނާއެކު ގައިދުރުކަން ބަހައްޓައިގެން ބައިވެރި ވެވޭނެ އިވެންޓަކަށް ވާނެ އެވެ. މި ދުވުމުގައި އުމުރުން ހަ އަހަރުން މަތީގެ ހުރިހާ ފަރާތް ތަކަށް ވެސް ބައިވެރިވެވެ އެވެ. ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުން ގޭގައި ހުރެގެން ވެސް ނުވަތަ ކައިރީގައިވާ ދުވާ ޓްރެކަށް ގޮސް ވެސް ދުވެވޭނެ އެވެ.

ރަޖިސްޓޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އާއި ކޮންފަމޭޝަން މެސެޖެއް ލިބޭނެ އެވެ. ރެޖިސްޓާ ކުރާ ދުވުންތެރިން ދުވުމަށް "ސްޓްރާވާ އެޕް" ނުވަތަ "ގާމިން ކަނެކްޓް" އާއި "ރަންޓާސްޓިކް" އަދި "ނައިކް ރަން ކްލަބް" ނުވަތަ "ރަންކީޕާ އެޕްލިކޭޝަން" ބޭނުން ކުރެވިދާނެ އެވެ. އަދި ދުވުން ނިންމި ރަން ރޫޓްގެ ސްކީންޝޮޓް ކޮންފަމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމާއެކު ޑިޖިޓަލް މެޑަލް ލިބޭނެ އެވެ.