ހަބަރު

ފައިސާ ނުދޭތީ މަސްވެރިން އިހުތިޖާޖު ކުރަނީ

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި ގިނަ ދުވަސް ވެފައިވާތީ އެކަމާ ހިތް ހަމަ ނުޖެހިގެން ދެކުނުގެ މަސްވެރިންތަކެއް ގއ. ކޫއްޑޫގައި އިހުތިޖާޖެއް ކުރަން ފަށައިފި އެވެ.

މިއަދު ހެނދުނުން ފެށިގެން ކުރާ ސުލްހަވެރި އިހުތިޖާޖުގައި ފިޝަރީޒް މިނިސްޓަރާއި ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ އިސްވެރިންތަކުގެ އިސްތިއުފާއަށް ގޮވާފައި ވެއެވެ. އެ ރަށުގައި އިހުތިޖާޖު ހިނގަމުންދާ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވެ ސެކިއުރިޓީ ބަލަހައްޓަ އެވެ.

ފުލުހުން ބުނީ ކޫއްޑޫގައި މަސްވެރިންގެ ބަޔަކު އިހުތިޖާޖެއް ކުރަމުންދާ ކަމަށާއި އިހުތިޖާޖެއް ކުރި ނަމަވެސް ހަމަޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރަން ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ އަވަސް އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ނުދީ ހުރި ފައިސާ މަޑުމަޑުން ދީ ހަލާސް ކުރަމުން ގެންދާ ކަމަށެވެ. އަދި އެ ފައިސާއިން ބައެއް މާދަމާ ވެސް މަސްވެރިންނަށް ދޭން ހަމަޖެހިފައިވާ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކޮށްފައި ވަނީ މި މަހުގެ ދެވަނަ ދުވަހު ކަމަށާ، އެ ފަހަރު 15 މިލިއަން ރުފިޔާއާ ކައިރި އަދަދެއް ދޫ ކުރި ކަމަށެވެ. ބާކީ 13 ދުވަހުގެ ފައިސާއަށް ނުދީ ހުރި 33 މިލިއަން ރުފިޔާ މާދަމާ ދޫކުރަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އިހުތިޖާޖު ކުރަމުން އެދާ ފަރާތްތަކުން އަޅުގަނޑަށް މީގެ ތިން ވަރަކަށް ދުވަސް ކުރިން ގުޅައި ކަންބޮޑުވުންތައް ހިއްސާ ކުރުމުން އަޅުގަނޑު ދެންނެވިން މާދާމާއިން ފެށިގެން ފައިސާ ދޫކުރަން ފަށާނަމޭ. އަޅުގަނޑުމެންނަށް ވެސް އިނގޭ ދަތިވާނެކަން. އެކަމަކު އަޅުގަނޑުމެން ވަކި ކީއްތޯ ކުރާނީ. އަޅުގަނޑުމެންގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ވަރަށް ބޮޑު ދދަތިތަކެއް އެބަހުރި." އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި ދުވާލެއްގެ މައްޗަށް 200 ޓަނުގެ މަސް ބާނާނަމަ އާއްމު ގޮތެއްގައި ދުވާލަކު މައްޗަށް ފަސް މިލިއަން ރުފިޔާ މިފްކޯ އިން މަސްވެރިންނަށް ދޫކުރާނެ އެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ ކެފޭ ރެސްޓޯރަންޓްތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މަހަށް އޮންނަ ޑިމާންޑް ދަށްވެ އެކްސްޕޯޓް ކުރަންޖެހޭ މިންވަރު ދަށެވެ.

މިފްކޯއަށް މިދިޔަ އަހަރު 48،000 ޓަނުގެ މަސް ކިރުވި އެވެ. އަދި މަސްވެރިންނަށް 908 މިލިއަން ރުފިޔާ ދޫކުރި އެވެ. މިފްކޯގެ ކެޕޭސިޓީ އިތުރު ކުރަން މިހާރު ކުރަމުންދާ މަސައްކަތް ނިމުމުން މަސްވެރިންގެ ޝަކުވާ އަށް ލުއި ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.