ބަންގްލަދޭޝް އިން ރާއްޖެއަށް މަސައްކަތްތެރިން ނުގެނޭ މުއްދަތު އިތުރު ނުކުރާ ކަމަށް، އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މީޑިއާގައި މިދިއަ ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ބަންގްލަދޭޝް އިން ލޭބަރުން ނުގެނެވޭ ގޮތަށް ސަރުކާރުން ނިންމި ނިންމުގެ މުއްދަތު އިތުރު އެއް އަހަރު ދުވަހަށް ދަމާލާފައި ވެއެވެ. މިދިޔަ އަހަރު ސަރުކާރުން ވަނީ ބަންގްލަދޭޝް އިން މަސައްކަތްތެރިން އެތެރެ ކުރުން އެއް އަހަރު ދުވަހަށް ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. އަދި މި މުއްދަތު ހަމަވާނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ގައި ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެ އެތެރެ ކުރުން ވަގުތީ ގޮތުން ހުއްޓާލާފައި އޮތުމަށް ފަހުން އެ މުއްދަތު އިތުރު ކުރި ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.
ބަންގްލަދޭޝް މަސައްކަތު މީހުން އެތެރެ ކުރުން މަނާކުރަން މިދިޔަ އަހަރު ނިންމުމަށްފަހު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ގައުމަކަށް ކަނޑައަޅާފައި ވަނީ 150،000 ގެ ކޯޓާ އެވެ. ނަމަވެސް އެ މިންގަނޑުން ބެލި ނަމަވެސް ބަންގްލަދޭޝަން އިން ލޭބަރުން ގެނައުމުގެ ކޯޓާ ހަމަވެފައިވެ އެވެ. އެހެންކަމުން އެ ގައުމުން ލޭބަރުން ގެނައުން ވަގުތީ ގޮތުން ހުއްޓާލަން ނިންމީ އެވެ.
"މި ލިމިޓް ކަނޑައެޅުމުގައި މި ބަލަނީ އަންސްކިލްޑް ލޭބާގެ ކެޓަގަރީ އަށް. އެހެންވީމާ މިހާރު ކަންވެފައި އޮތް ގޮތުން ބަންގްލަދޭޝް އަށް އިތުރަށް މީހުން ވެއްދޭކަށް ނެތް މި ވަގުތު،" މިނިސްޓަރު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ މި ނިންމުމާއެކު ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ، ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ފަށާފަ އެވެ. ކޮވިޑް-19 އައުމާ ހަމައަށް 20،000 ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު، މި މައްސަލަ ހައްލު ކުރަން މިހާތަނަށް ރާއްޖޭގައި މަސައްކަތް ކުރާ 5،000 މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.
އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް 70،000 ބިދޭސީން އުޅެ އެވެ. ނަމަވެސް މި އަދަދަކީ ވެސް ޔަގީންވާ އަދަދެއް ނޫނެވެ.