ހިޔާނާތް

އަނެއްކާވެސް ހިޔާނާތުގެ ބިރު އިންތިހާއަށް!

Aug 22, 2020
3

ހިނގަމުން މިދާ ވެރިކަން އައީ ރާއްޖޭގައި ޒަމާނުއްސުރެ ބާރުގަދަ ފަރާތްތަކުން ނާޖާއިޒު ގޮތުގައި ހިންގާ ކޮރަޕްޝަންގެ އަމަލު ތަކަށް އެއްވެސް މިންވަރަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ "ޒީރޯ ޓޮލަރެންސްގެ" ވައުދާއެކު އެވެ. ދެ އަހަރުވާން އުޅޭ ސަރުކާރުގެތެރޭގައި ކަރަޕްޝަންގެ ތުހުމަތުގެ އިނގިލި ދިއް ނުކުރެވޭ ހަމަ އެކަކުވެސް ނެތޭ ހީވާވަރަށް ކަންކަން ގޮސްފި ކަމަށް ރައްޔިތުން މިއަދު ބުނަން ފަށައިފިއެވެ. މިދިޔަ ހަފުތާތަކުގައި ވެސް އަދި މިއަދުވެސް ކަރަޕްޝަންގެ ގުގުން މިވަނީ އިންތިހާއަށް ގަދަވެފައެވެ. ކީއްވެގެން ހެއްޔެވެ؟

މިސަރުކާރު އައީ ވޭތުވެދިޔަ ސަރުކާރުގައި ހިންގި ބޮޑު ކަރަޕްޝަނެއް ފަޅާއަރައި އެކަމާ ރައްޔިތުން ހޭ ބުއްދި ފިލައިދާ ހިސާބުގައި ތިއްބާ އެކަމަށް ނިމުމެއް ގެނެސްދޭނެ ކަމުގެ ބޮޑު ވައުދާ ޔަގީން ކަމާއެކު އެވެ. މި ސަރުކާރު ވުޖޫދުވެ، މަޖިލިސް އަޣުލަބިއްޔަތު ސަރުކާރަށް ލިބި ސަރުކާރުގެ ބާރު ފުރިހަމައަށް ލިބުމުން ރައްޔިތުން އުއްމީދު ކުރީ ކޮރަޕްޝަން ފަދަ ނާޖާއިޒު ނުފޫޒު އިންތިހާއަށް ބޭނުންކޮށް ސަރުކާރުގެ ތެރެއިން ކޮރަޕްޝަނަށް ފުރުސަތު ހޯދަމުންދާ ދިއުން ހަމަ ސުމަކަށް ގެންދިއުމަށެވެ. ނަމަވެސް މިއަދު ހއ. އިން ފެށިގެން އައްޑުއަތޮޅާ ދޭތެރޭ ހިންގާފައިވާ އެއްވެސް މަޝްރޫއެއް ރައްޔިތުން ޝައްކު ނުއުފައްދާ ނެތެވެ.

އެންމެ ފުރަތަމަވެސް ސިއްސުވާލީ ނުފޫޒުގަދަ ފަރާތްތަކަށާއި އަދި ސަރުކާރަށް ތާއީދުކުރާ އެންމެހާ ފަރާތްތަކަށް ބޮޑެތި އަދަދުން، ބައެއް ފަހަރު ބިލިއަނަކާ ކައިރިކުރާ ވަރުގެ އަދަދުތަކުން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވިގެންދިޔަ "ބަދަލު ދިނުން" ތައް ބާރަށް ހިންގަން ފެށުމުންނެވެ. މަޑުޖެހުމެއްނެތި ކޮރަޕްޝަން ގެ ތުހުމަތު ކުރެވޭ ބޮޑެތި މިފަދަ ކަންކަން ދިޔައީ ބާރު މިނުގައި ކުރިއަށެވެ.

މީގެތެރެއިން ރައްޔިތުންގެ މަޖިލިހާ ހަމައަށް ފޯރި ދީބާޖާއެއްގެ މައްސަލަ އެއްގައި މަޖިލިސް މެންބަރުން މިވަނީ އެކުންފުންޏަށް އެއްމެ ލޯލާރިއެއް ވެސް ބަދަލުގެ ގޮތުގައި ދޭން ނުޖެހޭ ކަމަށް ވަކާލާތުކޮށްފަ އެވެ. ފަރަށް އަރައި ތިލަފުށީގައި ޑޮކް ކުރެވުނު ބޮޑު އާގުބޯޓެއްގެ މައްސަލަ މަޖުލިހުގައި ދަމާހަލާ ގެނެވި ސުވާލުކުރި އެވެ. މަޖިލިހުގެ ތަހުގީގު އަޑު އެހި ފެނުނުމީހަކަށް ކިހިނެއްވެގެން އުޅޭ ކަމެއްތޯ ނިންމާކަށް އެއްވެސް ދައްޗެއް ނެތެވެ. އެމައްސަލަ މިއަދު އޮތް ހިސާބަކީ އެއާ ގުޅިގެން އެމައްސަލަ ބަލާ ފަނޑިޔާރުގެ ބެންޗު ބަދަލު ކުރުމަށް ތިލަފުށި ހިންގާ ގްރޭޓަރ މާލޭ ރީޖަން ޑިވެލޮޕް ކުރާ ކުންފުނިން އެދިފައިވުމެވެ.

މިފަދަ ގޮތަކަށް ސަރުކާރުތެރޭ ކަންކަން ހިނގަމުންގޮސް ކޮވިޑު-19 އިގެ ބަލާއާފާތް ރާއްޖެއަށްވެސް އަތުވެއްޖެއެވެ. ހަމައެއާއެކު މިބައްޔަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މަސައްކަތްތައް ރާވައި ހަރަކާތްތައް ހިންގަން ފަށައި ބަލިވާ މީހުން އެކަހެރިކުރުމަށް ބައިތިއްބާނެ މަރުކަޒުތައް ހެދުމާއި ފަރުވާދޭނެ ވެންޓިލޭޓަރުފަދަ ތަކެތި ގެނައުމުގެ މަސައްކަތް ބާރު މިނުގައި ފެށިއެވެ. ފުރަތަމަވެސް ސަރުކާރުން ސީރިއަސް ގޮތެއްގައި ބައްޔާ ދެކޮޅަށް މަސައްކަތް ފެށުމުން މަޖިލިހުން ސިފަ ކުރީ މިއީ އާދައިގެ ރޯގާ އެއްކަމަށެވެ. އަދި ބައެއް މެންބަރުން ސަރުކާރު ހިންގާނީ "އިދިކޮޅަށް ކޮރޯނާ ޖައްސާފައި" ކަމަށް ބުނުންފަދަ ދަށުދަރަޖައިގެ ވާހަކަ ވެސް ދެއްކިއެވެ. އަނެއްބައި މެންބަރުން މިއީ އެއްވެސް ނުރައްކާތެރި ބައްޔެއް ނޫންކަމަށާއި ސިއްހީ މަރުކަޒުތަކުގައި ފަރުވާ ދެވޭނެ އާދައިގެ ރޯގާ އެއްކަމަށް ސިފަކޮށް އަދި ބައްޔަކީ މަރު ބައްޔެއް ނޫންކަމަށާއި އަދި މިއީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ސިޔާސީ ފައިދާ ނެގުމަށް ކޮވިޑު-19 މާބޮޑު ކަމަކަށް ހަދައިގެން ރައްޔިތުންތެރޭ ބިރުވެރިކަން ފަތުރަން ކުރާ ކަމެއްކަމުގެ ގޮތުގައި ވަކާލާތު ކުރިއެވެ.

ކޮވިޑް-19 އަށް ތައްޔާރުވުމަށް ސަރުކާރުން ސީރިއަސް ކަމާއެކު ފެށި މަސައްކަތް މިދެންނެވި ނަޒަރުން މަޖިލިހުން ދެކި ވާހަކަ ފެތުރުމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުރިއަށް އޮތް ދުވަސްތަކަށް ވިސްނަންޖެހޭ މިންވަރުގެ ސީރިއަސްކަން ކަނޑުވާލިއެވެ. އެހެންކަމުން ކޮވިޑު-19 އަށް ތައްޔާރުވުންވީ ކޮރަޕްޝަނަށް މަގުފަހިކޮށްލި ބިރުވެރި ކަންތައްގަނޑަކަށެވެ. ނަތީޖާއަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވުނު މަސައްކަތަށް ޚަރަދުތައް ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެތައް ކަމެއް ހިންގަން ފުރުސަތު ހޯދައި އެތައް ވައްކަމެއް ހިންގުމެވެ.

މިއަދު ރައްޔިތުން ކޮރަޕްޝަނޭ ކިޔައި ދައްކަމުންދާ އެ ވާހަކައަކީ އަދި ތޯތޯ ވާހަކައެއް ނޫންކަން ސާބިތު ކޮށްދީފައިވަނީ ކޮންމެ ސަބަބަކާ ހުރެ ކަމަށްވިޔަސް އޮޑިޓާ ޖެނެރަލް އެވެ. އޮޑިޓާ ޖެނެރަލް ގެ ރިޕޯޓުން ހެލްތް މިނިސްޓްރީއާ އަދި ޓޫރިޒަމް މިނިސްޓްރީން ކޮރަޕްޝަނުގެ އެތައް މިލިއަން ރުފިޔާގެ ޚިޔާނާތް ހިންގާފައިވާ ކަމަށް އެވަނީ ނިންމާފަ އެވެ. އެހެންކަމުން ސަރުކާރުތެރެއިން ކޮރަޕްޝަން ބަޔަކު ހިންގާކަމާ ދޭތެރޭ ސުވާލު ރައްޔިތުން މިއަދު ނުކުރެއެވެ.

މަޖިލިހުގެ ރޯލަށް ބަލާއިރު، މިހާރުގެ މަޖިލިހު ރައީސް ދައުލަތުގެ ފައިސާއިން 400ރ. ގެ ކޮރަޕްޝަންގެ އަމަލެއް ހިންގި މައްސަލައެއް ފެންމަތިވުމުން އާއްމު ރައްޔިތުންގެ ބަޔަކު އެ ފައިސާ ދައްކަން ތައްޔާރުވެ ކޮރަޕްޝަން މީހަކު ނުހިންގާ ކަމަށް ދައްކަން ބައެއް ރައްޔިތުން މިތިބީ މަސައްކަތް ކޮށްފައެވެ. ކޮރަޕްޝަން ހުއްޓުވުމަށް ރައްޔިތުންތެރޭ ވަރުގަދަ ސަގާފަތެއް ވެސް އެހެންކަމުން އެބަ އޮންނަންވެސް ޖެހެ އެވެ.

އޮޑިޓާ ޖެނެރަލްވެސް މި މައްސަލަ ބެލުމަށް މިވަނީ އަދި މިހާތަނަށް ނުކުޅެދިފަ އެވެ. ގައިމުވެސް ބައިރުފިޔާއެއްގައި ވަގަށް އަތްލިޔަސް އޮޑިޓާ ޖެނެރަލް އެކަން ބަލަން އެ ހުންނެވީ މާތްﷲ ގަންދީ ހުވާ ކޮށްގެންނެވެ. އާހިރަތަށް ބިރުވެރިވެ އިންސާފުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގުމަށެވެ. ޒީރޯ ޓޮލަރެންސްއަކީ އެވަރަށް މިވަރަށް ބެލުންކަން ރައްޔިތުން މިދަނީ ހާމަ ކުރަމުންނެވެ.

އެހެން ކަމުން، ސަރުކާރު އައިފަހުން ކޮރަޕްޝަން ހިންގަން ފުރުސަތު ނުދެވޭ ކަމަށާއި ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފިކަމަށާއި އަދި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ބުނި ބުނުން މިވަނީ އޮޔާ ގޮސްފައިކަމަށް ރައްޔިތުން މިއަދު ބާރަށް ބުނަން ފަށައިފި އެވެ. ސަރުކާރު ތެރެއިން ކޮރަޕްޝަން ހުއްޓުވުމަށް ނުކުޅެދިފައިވާ މިންވަރު ސާބިތު ކުރުމަށް އިތުރަށް މި ޖަރީމާތަކާ ބެހޭގޮތުން ބަހެއް ބުނަން ޖެހޭ ކަމަކަށްވެސް ރައްޔިތުން ނުދެކެއެވެ.

އެހެން ނަމަވެސް ސަރުކާރުތެރޭ ބައެއް ވުޒާރާތަކުން މިސާލަކަށް ޑިފެންސް މިނިސްޓްރީ ކަހަލަ ވުޒާރާތަކުން މިވަނީ އެކަށީގެންވާ ގޮތުގައި ޚަރަދު ކުރިކަމަށް އޮޑިޓަރޖެނެރަލް ވިދާޅުވެފަ އެވެ. އެހެންކަމުން އެއީ އަސްކަރީ އަޚުލާގާ އުސޫލްތަކާއި އިސްލާމީ ޝަޚުސިއްޔަތުގައި ހިފަހައްޓާފައިވާލެއް ފުރިހަމަކަމުންކަމަށް ވެސް ރައްޔިތުން މިދަނީ ބުނަމުންނެވެ.

ކޮންމެއަކަސް މިރާއްޖޭގެ ވަސީލަތްތަކުގެ މުއްސަނދިކަމަކީ އެންމެހާ ރައްޔިތުންގެ ހައްގުކަމުގައިވާއިރު ވަކި ބަޔަކަށް ނާޖާއިޒުފައިދާ ލިބޭނެގޮތަށް ޓޫރިޒަމް އާއި މަސްވެރިކަމާއި އަދިވެސް އިގްތިސޯދީ އެކިއެކި ދާއިރާތަކުން އަމިއްލަ ޕާޓީއާއި ނުފޫޒުގަދަ ފަރާތްތަކަށް އެތައް ކަމެއް މަގުފަހިކޮށްދޭ ކަމަށް ބުނެ ރައްޔިތުން މިއަދު އިތުރަށް މިދަނީ ބާރަށް ވާހަކަ ދައްކަމުންނެވެ. މިފަދަ ހެކިތައް ޚުދު ރައްޔިތުންގެ މަޖިލިސް މެންބަރުން މިދަނީ އެބޭފުޅުން ފައިސާދިންވަރުގެ ބޮޑެތި އަދަދުތުތައް ވިދާޅުވެ ހެކި ދައްކަވަމުންނެވެ. ކޮރަޕްޝަނުގެ ކަންކަން ބަލަން ހުރި މުވައްސަސާތަކުން ކޮންމެހެން ދިގުމުއްދަތެއް ހޭދަކޮށް ނެރޭ ރިޕޯޓަކަށް އިންތިޒާރު ކުރުމެއްނެތި ކަންކަންހިންގާ ގޮތުން ރައްޔިތުން މިއަދު އެތިބީ ކޮރަޕްޝަނުގެ ބޮޑެތި ޖަރީމާ ހިންގާ ކަމަށް މުޅިން ޔަގީންކޮށް ނިންމައިގެންނެވެ.

ހެލްތް މިނިސްޓްރީ އާ ޓޫރިޒަމް މިނިސްޓްރީގެ ސާބިތު ކޮރަޕްޝަން މައްސަލަތައް އޮޑިޓާ ޖެނެރަލް ސާފުކޮށް ވިދާޅުވެދެއްވުމުން ރައްޔިތުން މިއަދު އެދެނީ މި މައްސަލަތައް "ވަގުތުންވަގުތަށް" ޕީޖީ އަށް ހުށަހެޅުމަށެވެ. އަދި އޮޑިޓަރޖެނެރަލްގެ ރިޕޯޓްތައް ޝަރްއީ ދެން ހުރި މަރްޙަލާތަކަށް ގެންދިއުމަށް ރައްޔިތުންނަށް ފުދޭ ކަމަށްވެސް ރައްޔިތުންނަށް މިދަނީ ބުނަމުންނެވެ. ވަގުތުންވަގުތަށް ފިޔަވަޅު ނާޅާ ކަމަށްވާނަމަ ކޮރަޕްޝަން ހުއްޓުވަން ތިމަންނާމެން އެބަ މަސައްކަތް ކުރަމޭ ބުންޏަސް ރައްޔިތުން އަޑުއަހާނެ ކަމަކަށް މިއަދު ދުށުން އެއީ ވާނީ ހެއްވާ ކަމަކަށެވެ. އެއީ ސަރުކާރަށް ވިޔަސް އަދި މަޖުލިހަށްވިޔަސްވެސް މެއެވެ. މިފަދަ ބޮޑެތި ޚިޔާނާތް ހިންގުމުން ވަގްތުންވަގްތަށް ވަޒީފާއިން ވަކިކޮށް ފިޔަވަޅު ނާޅައި ކޮރަޕްޝަންގެ މައްސަލަތައް ހައްލުނުވެ ދިގުދެމިގެންދާތަން ރައްޔިތުންނަށް ފެންނަނަމަ ސަރުކާރުގެ އިތުބާރު ރައްޔިތުން ކުރިމަތީ ގެއްލޭނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

އިންތިހާއަށް ބޮޑެތި ޚިޔާނާތް ހިންގުމުންވެސް މަޖުލިހުން އެފަދަ ފަރާތްތަކުގެ އިތުބާރު ނެތްކަމުގެ ވޯޓެއްހާ މިނުންވެސް ނުނަގާނަމަ އަދި މަޖުލިހަކަށް ވެސް ރަނުން ރަނަށް ހަމަ އެންމެ ކަމެއް ކުރެވިއްޖެ ކަމަކަށް ވެސް ރައްޔިތުން ނުދެކޭނެ އެވެ. އެހެންކަމުން އެއްވެސް ބާރަކާ ހަވާލްވެ ތިއްބެވި ފަރާތްތަކުން ތިމަންމެން ކޮރަޕްޝަން ހުއްޓުވަން ޖާގަ ނުދޭނަމޭ ބުންޏަސް ނުލަފާ ހިނިގަނޑަކުން ނޫނީ ރައްޔިތަކު މިއަދު ރައްދެއް ނުދޭނެއެވެ. ކޮރަޕްޝާނާ ދެކޮޅަށް ހިތްވަރުކޮށް ރައްޔިތުންގެ އިތުބާރު ވަގްތުންވަގްތަށް ސަރުކާރަށް އެބަ ބޭނުންވެއެވެ. ކޮރަޕްޝަންގެ ސަބަބުން ސުލްހަ މަސަލަސްކަން ގެއްލިޔަ ނުދީ ގައުމުގެ މަސްލަހަތު ހިމާޔަތް ކުރަން އާފެށުމަކުން ފެށިކަމުގެ ކުލަ އެއް ދެކެން ރައްޔިތުން މިތިބީ ހަމަ ކެއްމަދުވެފައި ކަމުން ސަރުކާރުން މިކަން އިންތިހާއަށް އަވަސް ކުރަން އެބަޖެހެއެވެ.