ވިޔަފާރި

ރާއްޖޭ ބާޒާރުން ބަޓަރު ހުސްވެއްޖެ

Aug 23, 2020
2

ކޭކާއި ޕޭސްޓްރީ އަދި ފޮނި ތަކެތި ފިހަން ބޭނުން ކުރާ ބަޓަރުގެ ގިނަ ބާވަތްތައް ރާއްޖޭން ހުސްވެ ކޭކު ފިހާ މީހުންނަށް ދަތިތަކާ ކުރިމަތި ވެއްޖެ އެވެ.

މާލޭގެ ބޮޑެތި ފިހާރަތަކާއި މާޓުތަކުން މިހާރު ކޭކު ފިހަން ބޭނުން ކުރާ ބަޓަރު ވަނީ އެއްކޮށް ހުސްވެފަ އެވެ. ރާއްޖޭގައި އާއްމު ގޮތެއްގައި ކޭކު ފަދަ ފޮނި ތަކެތި ފިހަން ބޭނުން ކުރާ "އަންސޯލްޓެޑް" ބަޓަރު އެއްގޮތަކަށް ވެސް މިހާރު ނުލިބެ އެވެ. އެހެންވެ މި މަސައްކަތުގައި އުޅޭ ބައެއް މީހުނަށް ވަނީ ދަތި ވެފަ އެވެ.

ޔޫރަޕުން ރާއްޖެއަށް މުދާ ގެންނަ، އެއް ކުންފުނި ކަމަށްވާ ހެޕީމާކެޓުގެ ޖެނެރަލް މެނޭޖަރު އަލީ އިހުސާން ވިދާޅުވީ ދާދި ފަހުން ޔޫރަޕުން ކޮންޓެއިނަރު ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މުދާ ގެންނަން ދަތި ވެގެން ދިޔަ ކަމަށެވެ. އެހެންވެ، އެ ކުންފުނިން ވިއްކާ ބަޓަރުގެ 250 ގްރާމް ހުސްވެފައިވާ ކަމަށާ ނަމަވެސް މި މަހުގެ 26 ބަޓަރު ލިބޭނެ ކަމަށެވެ.

ރާއްޖެއަށް ގިނަ އަދަދަކަށް މުދާ ގެންނަ ރެޑްވޭވްގެ މެނޭޖަރު އަލީ ޝަހީމް ވިދާޅުވީ އެ ފިހާރަ އިން ވެސް ބަޓަރު ހުސްވުމުގެ ސަބަބުން އެއާ ފްރައިޓްކޮށް ޝިޕްމަންޓެއް ގެނެސްފައިވާ ކަމަށެވެ.

"ހުސް ވެގެން ވައިގެ މަގުން ގެނެސްގެން މިހާރު މި ވިއްކަނީ. ވައިގެ މަގުން ގެނައީމަ އަގު ބޮޑުވާނެ. އެކަމަކު ބަޓަރު ހުސްނުވެ، ލިބޭނެ ގޮތް ހަދަން ގެނެސްގެން މި އުޅެނީ،" އަލީ ވިދާޅުވި އެވެ.

އާއްމުކޮށް ފޮނި ކާ ތަކެތި ތައްޔާރު ކުރަން ބޭނުން ކުރާ ބަޓަރު ހުސްވެފައި ވާއިރު، ވައިގެ މަގުން ގެނެސް ވިއްކާ ބަޓަރު ފޮއްޓެއް އަގު އުޅެނީ 80ރ. އަށެވެ.

އެހެން ކުންފުންޏަކުން ވާހަކަ ދެއްކި ސީނިއާ ބޭފުޅަކު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ސްޓޯރޭޖުން ވެސް ވަނީ ބަޓަރު ހުސްވެފަ އެވެ. ބާޒާރުން ބަޓަރު ހުސް ވެގެން އުޅެނީ މޫސުމަށް އައި ބަދަލެއްގެ ސަބަބު ސްޓޮކް ލިބުމުން ދަތިވެގެނެވެ.

"މޫސުމާ ގުޅިގެން ބައެއް ގައުމުތަކުގައި ފްލަޑްވުމުގެ ހާދިސާ ތަކެއް އެބަހުޅޭ މި ދުވަސްވަރު. އެހެންވުމުގެ ސަބަބުން މި ތަކެތީގެ ޕްރޮޑިއުސް މަދުވެފައިވަނީ،" އެއް ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.