މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ފްލެޓް ނުލިބުނު މީހުންނަށް ދެ ގޮތެއް

ގުޅީފަޅުން ފުލެޓުގަތުމަށް ފައިސާ ދައްކަންފަށާފައިވާ މީހުންނާއި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގާކޮށި އަދި ވޭސައިޑް އިން ފުލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ފުލެޓު ދިނުމަށްޓަކައި ދެ ގޮތެއް ހިޔާރުކުރުމުގެ ފުރުސަތު ދިނުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގުޅީފަޅުން ފުލެޓުގަތުމަށް ފައިސާ ދައްކަންފަށާފައިވާ މީހުންނާއި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގާކޮށި އަދި ވޭސައިޑް އިން ފުލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ހިޔާ މަޝްރޫއުގެ 6720 ފުލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފުލެޓެއް ނުވަތަ ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތްކުރާ 1700 ފުލެޓުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓެއް ހިޔާރުކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ އެ ދެ ގޮތުން ކުރެ ގޮތެއް އިހުތިޔާރުކޮށް ލިޔުމުގައި ސޮއި ނުކުރާ މީހުން މި ފެށޭ ހަފްތާގެ ބުރާސްފަތި ދުވަހުގެ 1:00 ކުރިން އެ މިނިސްޓްރީއަށް ހާޒިރުވެ ސޮއިކުރުމަށް އެދިފައެވެ. ލިޔުމުގައި ސޮއިކުރުމުގެ ފުރުސަތު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 ކުން 1 ހަމަޖެހިފައިވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ގުޅީފަޅު މަޝްރޫއުގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންގެ މައްސަލައަށް ދާއިމީ އަދި އަވަސް ހައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ހުޅުމާލޭގައި އަލަށް ގާއިމް ކުރާ ފްލެޓުތަކުން އެންމެ ފުރަތަމަ ފްލެޓު ދޭނީ ގުޅީފަޅުން ފްލެޓު ގަނެ، ބޯހިޔާވެހިކަން ނުލިބުނު ފަރާތްތަކަށް ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅީފަޅުގައި ފްލެޓުތަކެއް އަޅައި އެ ފްލެޓުތައް ގަތް ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ވެސް ނަގާފައިވެ އެވެ. ނަމަވެސް ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައި ވަނީ އެ ތަނަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. އަދި ގުޅީފަޅުން ފްލެޓު ގަތް ބައެއް ފަރާތްތަކަށް އެހެން މަޝްރޫއުތަކުގެ ތެރެއިން ފްލެޓު ދިން ނަމަވެސް ގިނަ މީހުން އަދިވެސް މާލޭގެ ކުދިކުދި ކޮޓަރިތަކުގައި ހާލުގައި އުޅޭތާ 10 އަހަރުވެއްޖެ އެވެ.