އަލީ އަފްރާހު "ގޭމް ފިޝިން" އަށް ކެޔޮޅުކަމު ދިއުމަކީ އާދައެކެވެ. އަދި މަސްވެރިކަމުގައި ބޮޑެތި މަސް ބޭނުމަކީ އޭނާ ކޮށްފަރިތަ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކު ރޭ އޭނާއަށް ކުރެވުނީ މުޅިން ތަފާތު ތަޖުރިބާ އެކެވެ. މާލެ އަތޮޅު ދިއްފުށީ ކައިރިއަށް ގޮސް ޖިގިން (އަޑީ ދަމަން) މަސް ދޫކޮށްލައި ދޮށި ތަޅުވާލުމާއެކު ގަަނެގެން ދުއްވައި ގަތެވެ. އެއީ ކޮން ކޮންކަހަލަ މަހެެއްކަން އެނގޭ ވަރުވީ ގަޑިއެއްހާއިރު ފަހުންނެވެ. ލޮލު ކޮޅުން ކިރިޔާ ފެންނަ ހިސާބަށް ގެނެވޭވަރުމުން އެނގުނީ އެއީ ބޮޑު ކަންނެއްޔެއް ކަމެވެ. އެއީ ކަންނެލި އާއިލާގައި ހިމެނޭ އެންމެ ބޮޑު ވައްތަރު ކަމަށްވާ ލޯބޮޑު ކަންނެލީގެ އެންމެ ބޮޑު ކަންނެއްޔެކެވެ. މި ކަންނެލީގައި 85 ކިލޯ ހުއްޓެވެ.
އަފްރާހަށް މި ކަންނެލި ވަރަށް ހާއްސަވި އެވެ. އެކަމަކު އެއީ ކީއް ވެގެން ހެއްޔެވެ؟
ލޯބޮޑު ކަންނެއްޔަކީ ރާއްޖޭގެ ކަންނެލީގެ މަސްވެރިކަމުގަ އާއްމު ގޮތެއްގައި ބާނާ ބާވަތެއް ނޫނެވެ. މީގެ ކަންނެލި ބާނަނީ އިގްތިސޯދީ ސަރަހައްދުގެ ބޭރުން ނުވަތަ ވަރަށް ބޭރުން އަދި އެހާމެ ފުނުގައި ލޭނު އަޅައިގެނެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ލޭނު އަޅައިގެން ލޯ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަން ކުންފުނިތަކަށް ދޫކޮށްފައިވާ ހުއްދަ ވަނީ ބާތިލުކޮށްފަ އެވެ. އެހެންވެ އަފްރާހުގެ ދޮށީގައި މި ކަންނެލި ގަތީ އޭނާގެ ނަސީބު ގަދަ ކަމުންނެވެ.
"އެންމެ ހާއްސަ ކަމަކީ މިހާ ކުޑަ ދޮއްޓެއްގައި އެހާ ހިމަ ކަންވާރެއްގައި މިވަރުގެ ބޮޑު ފަލަ ކަންނެއްޔެއް ނެގުން. ގާތްގަނޑަކަށް 60 އެލްބީގެ ރޮދީގައި މި ނެގީ،" އަފްރާހު ކިޔައި ދިނެވެ.
ކަންނެލި ގަނެގެން ވާންކޮށް ގަދަ ދައްކަމުން ދިޔައި އިރު އަފްރާހާއި އޭނާގެ އެކުވެރިން ތިބި ލޯންޗު އެތަށް ހިސާބަކަށް ގެންދިޔަ އެވެ. ކަންވާރަށް ވާންވިޔަ ނުދޭން އެތައް ތަނެއް ދޫދޭން ޖެހުނެވެ. ދޫދި ނުމާއެކު ބޯ ވަތަށް ޖަހާފައި ދުއްވައި ގަނެ އެވެ. މި ބޮޑު ކަންނެލި އޭނާގެ ދޮށީގައި ގަތީ ހަވީރު 5.10 އެވެ. އެކަމަކު ކަންނެލި ނެގުނުއިރު ރޭގަނޑު 10:30 ވެއްޖެ އެވެ. ނެގުނީ ގަތްތާ ގާތްގަނޑަކަށް ފަސް ގަޑިއިރު ފަހުންނެވެ.
"ވަރަށް އަވަހަށް ގޮސް މަހެއް ބާނާލައިގެން އަންނަން ދިޔައީ. އެކަމަކު ވަރަށް ލަހުން އާދެވުނީ. ކަންނެލި ގަތީމަ ޑިއުޓީ ބަހައިގެން ދޮށީގައި ހިފީ. މިހާ ހިމަ ކަންވާރެއްވީމަ ވަރަށް ބަލައިގެން އުޅެން ޖެހުނީ. އެހެންވީމަ އެހާ ލަސްވީ ވެސް."
ކަންނެލި ލޯންޗްއަށް ނެގުމަށް ފަހު އޭނާ ވަނީ ރޭ އެ ކަންނެލީގެ ކަންތައް ނިންމާލާފަ އެވެ.
"ކަންނެލި ކަނޑާލައިގެން އާއިލާގެ މީހުންނާއި ރަހުމަތްތެރިންނަށް ބަހާލައި ނިންމާލީ އެކަން،" އޭނާ ބުންޏެވެ.