ހަބަރު

ގިނަ ދުވަސްވީ މުދާތައް ކްލިއާ ކުރަން ހަތް ދުވަސް ދީފި

މާލޭ ވިޔަފާރި ބަނދަރުގައި ކްލިއާ ނުކޮށް ގިނަ ދުވަސްވެފައިވާ މުދާ ބަނދަރުން ކްލިއާ ކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލޭގެ ވިޔަފާރި ބަނދަރުގައި ކްލިއާނުކޮށް ގިނަ ދުވަސް ވެފައިވާ މުދާތައް ހަތް ދުވަހުގެ ތެރޭގައި ބަނދަރުން ކްލިއާ ނުކޮށްފިނަމަ މިފަދަ މުދަލާއިމެދު އެ ކުންފުނިން އަމަލު ކުރުމަށް ހަމަޖެހިފައި އޮންނަ ގަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލާނެ ކަމަށެވެ.

އެމްޕީއެލް އިން ވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއާނުކޮށް ގިނަދުވަސްވީ މުދަލުގެ ތަފްސީލުވެސް އާއްމުކޮށްފަ އެވެ. އެގޮތުން ކޮންޓެއިނާ ނަމްބަރާއި، ރާއްޖެއަށް އެ ކޮންޓެއިނާ އެއް އައިސްފައިވާ ތާރީހުގެ އިތުރުން ކޮންޓެއިނަރުގައި ހިމެނޭ މުދަލުގެ ބާވަތާއި ގުޅޭ ހުރިހާ މައުލޫމާތުވެސް އެކުންފުނިން ވަނީ އާންމުކޮށްފަ އެވެ.

މީގެ އިތުރުން ބަނދަރުން ކްލިއާ ނުކޮށް ހުރި މުދަލުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް އެތަކެއްޗާއިމެދު ވަކިގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއާރ ކުރުމަށް ނުވަތަ ނައްތާލުމަށް އަންގާ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.