ވިޔަފާރި

ލެޓްސް ކޮފީން ޒުވާނުން ކޮފީގެ ވިޔަފާރިއަށް

Aug 29, 2020
1

ކޮފީއެއް ނުބޯ މީހަކު މަދުވާނެ އެވެ. ބައެއް މީހުންނަކީ ދުވާލެއްގެ މައްޗަށް، އެއް ތައްޓަށް ވުރެ ގިނައިން ކޮފީބޯ މީހުންނެވެ. އެހެންވެ ކޮފީގެ ވިޔަފާރިވެފައިވަނީ ދުނިޔޭގައި ވެސް ނަފާ ލިބޭ ރަނގަޅު މަސައްކަތަށެވެ. ހާއްސަކޮށް ޒުވާނުން ވަރަށް ޕެޝަނޭޓްކަމާއެކު ނިކަން ވެގެން ކުރާ މަސައްކަ ތަކަށެވެ. ކޮފީއަކީ ދަސްކޮށްގެން ކުރެވޭ ހުނަރުވި މަސައްކަ ތަކެވެ. "ބަރިސްތާ" އަކަށްވާނަމަ ހާއްސަކޮށް މި ދާއިރާއިން ތަމްރީން ތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ. ކޮފީ ތައްޔާރު ކުރާނެ ހުނަރުތައް އުނގެނެން ޖެހެ އެވެ. މި ވިޔަފާރިއަކީ ޒުވާނުން ނުކުނަންނަ ބޭނުންވާ މަސައްކަތެވެ. ނަމަވެސް މައްސަލައަކީ ވަންނާނެ ގޮތެއް ނޭނގުމެވެ. ސަބަަބަކީ މި ހުނަރު ދަސްކޮށްދޭން މީހުން މަދުވުމެވެ. ލެޓްސް ކޮފީ މޯލްޑިވްސް ހުޅުވައި، ސްޕޭންގެ ހާއްސަ ކޮފީއެއް ރާއްޖެ ގެނައި ސަބަބަކީ މިއީ އެވެ.

"މި ތަން [ލެޓްސް ކޮފީ] ހުޅުވުމުގެ މައިގަނޑު ސަބަބަކީ ވެސް ޒުވާނުނަށް މިކަން ދަސްކޮށް ދިނުން. އަޅުގަނޑުމެން ބޭނުން ވަނީ ޒުވާނުން މި ދާއިރާ އަށް ނެރެން. އެހެންވެ ހާއްސަ ކޮފީއެއް ގެނައިއީ،" ޓޫރިޒަމް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ލެޓްސްގޯ ކުންފުނީގެ ވެރިޔާ މުހައްމަދު ރިޔާޒު ވިދާޅުވި އެވެ.

ޒުވާނުން ކޮފީގެ ވިޔަފާރީގެ ތެރެ އަށް ނެރުމުގެ މަގުސަދުގައި ލެޓްސްކޮފީ އިން ވަނީ ސްޕޭންގެ "ކަތުނަމްބު" ކޮފީ ރާއްޖެ ގެނެސްފަ އެވެ. ލެޓްސް ކޮފީއިން ދަނީ މި ކޮފީ ގެނެސް ރާއްޖެ ވިއްކުމުގެ އިތުރުން ޒުވާނުންނަށް ތަމްރީން ވެސް ދޭން ފަށާފަ އެވެ.

"މިއީ 150 އަހަރުވެއްޖެ. ދިގު ހިސްޓްރީއެއް އޮތް ކޮފީއެއް. އެކި ގައުމުތަކުން ގެނެސްފައިވާ ބީމް އެއް މިއީ. މިއީ ކޮކްޓޭލްއެއް. ޔޫރަޕުން ރޯސްކޮގެން ގެނެސްފައި މިވަނީ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލެޓްސްކޮފީގެ މަގުސަދަކީ ޒުވާނުންނަށް ވިޔަފާއެއް އުފެއްދުމަަށް އެހީތެރިވެދިނުން ކަމަށެވެ.

"ކޮފީ ޝޮޕެއް ހުޅުވަން ވިސްނައިގެން ޒުވާނަކު އައީ. އައީމަ އަޅުގަނޑުމެން އެ ކުއްޖަަށް ތަމްރީން ދޭނެ. ބިޒްނަސް ޕްލޭން ހަދާ ގޮތް ކިޔައިދޭނެ. އޭރުން ކުޑަ ކައުންޓަރުން ހުޅުވައިގެން ހެދިޔާ ކޮޅެއް ހޯދައިގެން މި ވިޔަފާރި ފަށަންވީ. އެ ކޮންސެޕްޓް މި ގެނެސް ދެނީ،" ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފައިނޭންސް ވެސް ހޯދައި ދޭނެ. އަޅުގަނޑުމެންގެ އުފަލަކީ ދިވެހިންނަށް ފުރުސަތު ތަކެއް ހޯދައި ދިނުން."