ދުނިޔެ

ސައިޕްރަސްއިން ގަވައިދާ ހިލާފަށް ޕާސްޕޯޓް ވިއްކާކަން ފަޅާއަރައިފި

ލީކްކޮށްލާފައިވާ ސައިޕްރަސްގެ ސަރުކާރުގެ ޑޮކިއުމެންޓްތަކާއެކު ބޭރު ގައުމުތަކުގެ އެތައް ބައިވަރު ކުއްވެރިންނާއި ހިޔާނާތުގެ ކުށް ސާބިތުވެފައިވާ މީހުނާއި މުއްސަނދި ވަގުންނަށް ސައިޕްރަސްގެ ސަރުކާރުން ޕާސްޕޯޓް ވިއްކާފައި ވާކަން ހާމަވެއްޖެ އެވެ.

މަނީ ލޯންޑަރިން ކުރާ މީހުންނާއި މަކަރާއި ހީލަތުގެ ކުށް ސާބިތުވެފައިވާ މީހުނާއި ޚިޔާނާތުގެ ތުހުމަތުތައް ކުރެވިފައިވާ މީހުންނަށް ސައިޕްރަސް ސަރުކާރުން އެ ގައުމުގެ "ގޯލްޑެން ޕާސްޕޯޓް" ވިއްކާފައިވާކަން އެ ލިޔުންތަކުން ވަނީ ފަޅާ އަރުވާލާފަ އެވެ. މިގޮތުން 70 އަށްވުރެ ގިނަ ގައުމުތަކުގެ އެފަދަ މީހުނަށް ޕާސްޕޯޓް ވިއްކާފައި ވެއެވެ. މިކަން ފަޅާ އަރުވާލީ އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓަށް ލިބިފައިވާ ގިނަ އަދަދެއްގެ ޑޮކިއުމެންޓްތަކާއެކު ހެދި ރިޕޯޓަކުންނެވެ.

ލީކްވެފައިވާ ޑޮކިއުމެންޓުތަކުން އެނގޭގޮތުގައި 2017 އާއި 2019 އާއި ދެމެދު 1400 ޕާސްޕޯޓް އެޕްލިކޭޝަންސް ސައިޕްރަސް ސަރުކާރުން ހުއްދަ ކޮށްފައި ވެއެވެ. ސައިޕްރަސްގެ ޕާސްޕޯޓް އެހެން ގައުމުތަކުގެ މީހުންނަށް މުހިންމު ވަނީ ސައިޕްރަސް އަކީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމަކަށް ވެފައި އެ ގައުމުގެ ޕާސްޕޯޓް އޮންނަ އެހެން ގައުމެއްގެ ރައްޔިތަކަށް ވެސް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު 27 ގައުމަކަށް ދަތުރުކޮށް ވަޒީފާ އަދާކޮށް ބޭންކިންގެ ހިދުމަތް ހޯދޭތީ އެވެ.

އަލްޖަޒީރާ އިން ބުނާ ގޮތުގައި ސައިޕްރަސް އިން ގަވާއިދާ ހިލާފަށް ޕާާސްޕޯޓް ގަނެފައިވާ މީހުންގެ މައުލޫމާތު ވެސް ކުރިއަށް އޮތްތާގައި ހާމަ ކުރާނެ އެވެ. ސައިޕްރަސްގެ ގާނޫނީ ހަމަތަކުން ވެސް ޕާސްޕޯޓް ހައްގު ނުވާ އެތައް ބަޔަކަށް އެ ގައުމުގެ ޕާސްޕޯޓް ލިބިފައި ވެއެވެ.

ސައިޕްރަސްގެ ޕާސްޕޯޓެއް ހޯދަން އެޕްލައި ކުރަން މަދުވެގެން 2.15 މިލިއަން ޔޫރޯ ސައިޕްރަސް ގައި އިންވެސްޓް ކުރަން ޖެހެ އެވެ. އާންމު ގޮތެއްގައި ރިއަލް އެސްޓޭޓް ދާއިރާގައި އިންވެސްޓްކުރުމުގެ އިތުރުން ސާފު ރެކޯޑެއް އޮންނަން ވެސް ޖެހޭނެ އެވެ. ޕާސްޕޯޓަށް އެޕްލައިކުރާ މީހުން އެމީހުންނަކީ އެކަމަށް ޝަރުތު ހަމަވާ ބައެއްކަން ސާބިތު ކޮށްދޭން ވެސް ޖެހޭނެ އެވެ. އެކަމަކު އަލްޖަޒީރާ އަށް ލިބިފައިވާ ޑޮކިއުމެންޓްތަކުން އެނގޭ ގޮތުގައި ޝަރުތުތައް އެގޮތައް އޮތަސް ކަންތައްތައް ހިނގާފައި ވަނީ އެގޮތަކަށް ނޫނެވެ.

ސައިޕްރަސް އިން އެހެން ގައުމުތަކުގެ މީހުންނަށް ޕާސްޕޯޓް ދޫކުރަން ފެށުމާއި ގުޅިގެން އިޔޫ އިން ވަނީ ތަކުރާރުކޮށް އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް އެ ޕްރޮގްރާމް ހުއްޓާލުމަށް އަންގާފައެވެ. އެ ޕްރޮގްރާމުގައި 2017 އާއި 2019 ޢައި ދެމެދު އެންމެ ގިނަ މީހުން ޕާސްޕޯޓަށް އެޕްލައިކޮށްފައި ވަނީ ރަޝިއާ ޗައިނާ އަދި ޔުކްރެއިންނެވެ.

ޕާސްޕޯރޓް ޕްރޮގްރާމް 2013 ގައި ފެށުމާއިއެކު ވަނީ ހަތް ބިލިއަން ޔޫރޯ ލިބިފައެވެ. މި ފައިސާ ބޭނުންކުރީ ގައުމުގެ ވަޅުޖެހިފައިވާ އިގްތިސޯދު ހަމަޔަކަށް އަޅުވާށެވެ.