ލޮކްޑައުން ޕްރޮޓޮކޯލް

"ކޭސްތައް ގިނަވާނަމަ ލޮކްޑައުން ކުރަންޖެހޭނެ"

މިހާރު ޕޮޒިޓިވްވަމުންދާ އަދަދަށް ކޮންމެ ދުވަހަކު ބަލި މީހުން ފެންނަމުންދާނަމަ މާލެ ސިޓީ ދެވަނަ ފަހަރަށް ލޮކްޑައުން އަކަށް ދާންޖެހޭނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކޮންމެ ދުވަހަކުވެސް 140 ވުރެ ގިނަ މީހުން ބައްޔަށް ދަނީ ޕޮޒިޓިވްވަމުންނެވެ. އެ އަދަދު އިތުރުވާ ދުވަސްތައް ދަނީ ގިނަވަމުންނެވެ. އެކަމާއި ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. މާސްކު އެޅުން މަޖުބޫރުކޮށް ރޭގަނޑު 8 ކުން ފެށިގެން ފަތިހު 5 ކަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 10 ކުން ފަތިހު 5 ކަށް ކާފިއު ދަނީ ހިންގަމުންނެވެ.

ޓެގް ޓީމުގެ އިސް ބޭފުޅެއްގެ ގޮތުގައި ހަރަކާތްތެރިވާ ޑރ. އަލީ ލަތީފް މިރޭ ވިދާޅުވީ އަދިވެސް އިތުރު ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށެވެ. އެގޮތުން ފިހާރަތައް ބަންދުކުރުމާއި ރެސްޓޯރަންޓްތައް ބަންދުކުރުން އަދި ސުކޫލްތަކާއި އޮފީސްތައް ބަންދުކުރަން ޖެހިދާނެ ކަމަށެވެ.

ލޮކްޑައުންއަށް ދިއުމަކީ އެންމެ ފަހުގެ މަރުހަލާ ނަަމަވެސް މިހާރު ޕޮޒިޓިވްވަމުންދާ އަދަދަށް ކޮންމެ ދުވަހަކު ބަލި މީހުން ފެންނަމުންދާނަމަ އަލުން ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

"އޭގެ އެންމެ ފަހުގެ މަރުހަލާގައި ގިނަވެގެންދާ ކަމަށްވާނަމަ ލޮކްޑައުންއަކަށްދާންޖެހޭނެ. އަޅުގަނޑު ނުދަންނަވަން މިއަދު ލޮކްޑައުންއަކަށްދާންޖެހޭ. ނަމަވެސް އަޅުގަނޑުމެންނަށް ކޮންޓްރޯލް ނުކުރެެވިއްޖެއްޔާ ލޮކްޑައުންއަކަށްދާންޖެހޭ. ލޮކްޑައުންއަކަށް ދާން މި ޖެހެނީ ބަލި ކޮންޓްރޯލު ކުރަން ދިވެހިންގެ ފުރާނަ ސަލާމަތްކުރަން،"

އަލީ ލަތީފް ވިދާޅުވީ ލޮކްޑައުންއަކަށް ދިއުމަކީ ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހޭނެ ކަމެއް ކަމަށާ އެ ދަތިތައް ރައްޔިތުން ތަހަންމަލު ކޮށްފި ކަމަށެވެ. ނަމަވެސް ކޭސްތައް އިތުރުވާނަމަ ލޮކްޑައުންއަަކަށް ދިއުން ނޫން އެހެން ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އެ ފިޔަވަޅު އަޅަން ޖެހެނީ ދިވެހިންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"އެޗްޕީއޭއިން ދަންނަވާ ދެންނެވުމުންތަކަށް ސަމާލުކަންދޭންޖެހޭ. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް މެނޭޖެއް ނުކުރެވޭނެ. ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީއެއް ނުހުންނާނެ. އެވަރަށް ޑޮކްޓަރުންނެއް ނުތިބޭނެ. އެވަރަށް ނަރުހުންނެއް ނުތިބޭނެ. އަޅުގަނޑުމެންނަށް މެނޭޖެއް ނުކުރެވޭނެ. އެހެންވެއްޖެނަމަ ދިވެހިންގެ އެތައް ބައެއްގެ ފުރާނަ ގެއްލޭނެ. އެކްޝަންތައް ނެގުމަކީ ފަހަރެއްގައިވެސް މީހުންނަށް އުނދަގޫކުރަން ކުރާ ކަމެއް ނޫން،"

އެޗްޕީއޭއިން ދަންނަވާ ދެންނެވުމުންތަކަށް ސަމާލުކަންދޭންޖެހޭ. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް މެނޭޖެއް ނުކުރެވޭނެ. ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީއެއް ނުހުންނާނެ. އެވަރަށް ޑޮކްޓަރުންނެއް ނުތިބޭނެ. އެވަރަށް ނަރުހުންނެއް ނުތިބޭނެ. އަޅުގަނޑުމެންނަށް މެނޭޖެއް ނުކުރެވޭނެ. އެހެންވެއްޖެނަމަ ދިވެހިންގެ އެތައް ބައެއްގެ ފުރާނަ ގެއްލޭނެ. އެކްޝަންތައް ނެގުމަކީ ފަހަރެއްގައިވެސް މީހުންނަށް އުނދަގޫކުރަން ކުރާ ކަމެއް ނޫން
ޑރ. އަލީ ލަތީފް

ޑރ. އަލީ ލަތީފް ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށެވެ. މިދިޔަ ހަފްތާގައި އެކަނިވެސް 980 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާ މިއީ ވަރަށް މަތީ ނަންބަރެއް ކަމަށް ވިދާޅުވިއެވެ.

އަލީ ލަތީފް ވިދާޅުވީ މިހާރު ޕޮޒިޓިވްވާ އަދަދު ދަށް ނުކުރެވިއްޖެނަމަ ސިއްހީ ކަންކަން މެނޭޖް ނުކުރެވޭނެ ކަމަށެވެ.

"ދުވާލެއްގެ މައްޗަށް 200 ނޫނީ 300 ކޭސް ޕޮޒިޓިވްވަންޏާ ހޮސްޕިޓަލްގެ ބެޑް ހުއްޓަސް އެ ބެޑް ކެޕޭޝިޓީއަށްވުރެ މައްޗަށް ގޮސްގެން އަޅުގަނޑުމެންނަށް މެނޭޖެއް ނުކުރެވޭނެ،"