ލެވެލް 10 އަކަށް އަރައިފިނަމަ ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށާ މިހާރު ލެވެލް ހުރީ ނުވައެއްގައި ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.
ކޮވިޑްގެ ބަލި މީހުން ފެންނަ މިންވަރު ރެކޯޑް އަދަދަކަށް ވަނީ އިތުރުވެފައެވެ. ކޮންމެ ދުވަހަކު 140 ވުރެ ގިނަ މީހުންނަށް ދަނީ ބަލި ޖެހެމުންނެވެ. ޓެސްޓް ކުރެވޭ މިންވަރު އިތުރުވެއްޖެނަމަ އެއަށްވުރެވެސް އިތުރަށް ބަލި މީހުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެގޮތުން ދުވާލަކު 600 މީހުންނަށްވެސް ބަލި ޖެހުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މި އޮގަސްޓް މަސް ނިމެމުންދާއިރު މާލޭގެ މީހުން ދިރިއުޅޭ ހުރިހާ ތަނެއްގައި ކޮވިޑްގެ ބަލި ފެތުރިފައިވާ ކަމަށެވެ. އަދި މިދިޔަ ހަފްތާއިން ފެށިގެން ބަލި ފެތުރުން އިތުރުވެފައިވާ ކަމަށާ މިހާރު މާލެ ސިޓީގައި ލެވެލް އޮތީ ނުވައެއްގައި ކަމަށް ޝަހީދު ވިދާޅުވިއެވެ. ލެވެލް 10 އަކަށް އަރައިފިނަމަ ލޮކްޑައުން ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ހާލަތު ވަރަށް ގޯހޭ. މިދިޔަ ހަފުތާގެ ސްކޯ މި އޮތީ ނުވައެއްގައި،" ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ ހާލަތު ގޯސްވެފައިވަނީ ލޮކްޑައުން ކުރަން ޖެހޭ ވަރަށް ނަމަވެސް ލޮކްޑައުން ކުރުމުގެ ސަބަބުން ދިމާވާނެ ކިތަންމެ ދަތިތަކެއް ހުރުމުން އެއީ އެންމެ ފަހުގެ މަރުހަލާ ކަމަށެވެ. އެެހެން ކަމުން ބަލި ކޮންޓްރޯލް ކުރުމަށް ފަރުދީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އޭނާ ގޮވާލެއްވިއެވެ.
ޝަހީދު ވިދާޅުވީ އެންމެ ބޮޑަށް ބަލި ފެތުުރިފައިވަނީ މާފަންނުގައި ކަމަށެވެ.
"އޮގަސްޓް މަސް ނިމުނުއިރު މާލޭގައި މީހުން ދިރިއުޅޭ ހުރިހާ ތަނެއްގައި ކޮވިޑް-19 މި ބަލި މި އޮތީ ފެނިފައި. އާންމުކޮށް މީހުން ދިރިއުޅޭ ހުރިހާ ތަނަކަށް ފެތުރިފައިމިވަނީ. ހާއްސަކޮށް ފާހަގަކޮށްލެވޭ ގޮތުގައި މާފަންނުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު އެހެން ހިސާބުތަކަށްވުރެ އިތުރު ކަމަށް ފާހަގަކުރެވެނީ،" ޝަހީދު ވިދާޅުވިއެވެ.
ކޮވިޑް-19 ބަލި ފެތުރުން އިތުރުވެފައިވާއިރު ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު އޮތީ ކޭޓާ ނުކުރެވޭފަދަ ހާލަތެއްގައި ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާވެސް ވަނީ ވިދާޅުވެފައެވެ.
ޝީނާ ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމުވެސް މިހާރު އޮތީ އެފަދަ ކޭޓާ ނުކުރެވޭފަދަ ހާލަތެއްގައި ކަމަށާ ބަލި ޖެހޭ މިންވަރަށް ބަލާއިރު އެމީހުންނަށް އެޓެންޑް ކުރަން އެކަށީގެންވާ ވަރަށް ޑޮކްޓަރުން އަދި ނަރުހުންވެސް ނެތް ކަމަށް ވިދާޅުވިއެވެ.
އާންމު ހާލަތުގައި އެޑްމިޓްކުރާ ބަލި މީހުން ބަލަހައްޓަން ކޮންމެ ފަސް އެނދަކަށް ނަރުހެއް ހުންނަ ކަމަށާ ނަމަވެސް މިއަދު އެ އަދަދު އިތުރުވެފައިވާތީ ކޮންމެ ތިރީސް އެނދަކަށް އެޓެންޑް ކުރަން ޖެހެެނީ އެންމެ ނަރުހަކަށް ކަމަށް ވިދާޅުވިއެވެ.
"ޕޮައިންޓަކީ ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު މި އޮތީ ބާޑަންވެފައޭ. ކޭޓާއޭ ނުކުރެވޭ. މެނޭޖް ކުރަނީ ކޮންމެވެސް ގޮތަކަށް. ދެން މިރޭޓުން ދާ ފަށައިފިިއްޔާ ސުކޫލެއްގައި އެނދު ޖަހައިގެންވެސް ބޭތިއްބިދާނެ. އެކަމަކު ސުވާލަކީ އެމީހުންނަށް ފަރުވާ ދޭނީ ކޮން ބައެއްހޭ،"