ލައިފްސްޓައިލް

މަރަދޫ ފޭދޫ "ރާވަޅި އަތިރި" ބަލާބަލަ!

ރަށެއްގެ ހިތްގައިމު ކަމަކީ އެ ރަށެއްގެ ދިރިއުޅޭ ބައެއްގެ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. މި ފަހަކަށް އައިސް ރަށްރަށުގައި ވަރަށް ބޮޑަށް މި ކަމުގެ މިސާލު މި އަންނަނީ ފެންނަމުންނެވެ. ރަށު އެއްމެންކަހަލަ ގޮތަކަށް ނުކުމެ ކޮންމެވެސް އެއް ދިމާލެއް އެއްމެންގެ ހިތްހަމަޖެހުމަށް ރީތި ކޮށްލާ ނަލަ ކޮށްލަނީ އެވެ.

ގޮނޑުދޮށްތަކާއި މޫދަށް އެރޭ ސަރަހައްދުން ކުނި ބުނި ނަގާ ސާފުކޮށް ހިތްފަހި ތަނަކަށް ހަދާލަނީ އެވެ. މިފަހަކަށް އައިސް ގޮނޑުދޮށުގައި މޫދު އުނދޯއްޔެއް ކޮންމެ ރަށެއްގެހެން ވެސް އެލުވަ އެވެ. މިފަހަރު މިއޮތީ ރާއްޖެއިން އެންމެ ދެކުނު އައްޑޫ ސިޓީ ގެ މަރަދޫފޭދޫގެ "ރާވަޅި އަތިރި" އެވެ.

"ރާވަޅި އަތިރި އަކީ މަރަދޫފޭދޫގެ ފުއްޓަރު ފަރާތުގައި އޮންނަ ގޮނޑުދޮށް ސަރަހައްދެކެވެ. އަވަސް އަށް މައުލޫމާތު ދެމުން މަރަދޫފޭދޫން ވާހަކަ ދެއްކި ހަސަން ސާދިރު ބުނިގޮތުގައި "މިއީ ކުރިން ވަރަށް ނަލަކޮށް އޮންނަ އަތިރިއެއް. އަޅާނުލައި ދޫކޮށްލެވިފައި މި ސަރަހައްދު އޮތީ މި ސަރަހައްދު ތަފާތު ގޮތަކަށް ގިނަ ބަޔަކަށް ބޭނުން ކުރެވޭ ގޮތަކަށް ނިކުމެ ކޮމިއުނިޓީ ޕްރޮޖެކްޓެއް ގޮތުގައި ތަރައްގީކޮށް އަލުން ހުޅުވާލީ 4 ދުވަސް ކުރިން. ވަރަށް ގިނަ އާއްމުން އަދި ޒުވާނުންގެ ބުރަ ބޮޑު މަސައްކަތެއް މިއީ. ކުނި ބުނި ހޮވާ އެއްކޮށް ސާފުކުރީ. އުދަ އަރައިގެން ގިރިފައި އޮތް ބައިތަކަށް ފަސް އަޅާފައި. އަދި ގިރެމުންދާ ސަރަހައްދުގައި ހުރި ގަސްތައް ކައިރީ ރުއްބުރި ޖަހާ ހިމާޔާތްކޮށްފައި"

މަރަދޫފޭދޫގެ ރީތި ނަލަ ވެލިގަނޑެއް އޮންނަ މި ސަރަހައްދުގައި ކުޑަކުދިން އައިސް އުފާވެރި ވަގުތުކޮޅެއް މުޅި އާއިލާއާއި އެކު ހޭދަކުރުމަށް މިތަން އެއްކޮށް ސާފުކޮށް ތަރައްގީ ކުރީއެވެ. މޫދުކުޅިވަރެއްގެ ގޮތުގައި އާއްމުކޮށް ސްވިމިންގ ޕޫލްތަކާއި އައުޓްޑޯ ވޯޓްޕާކް ތަކުގައި ހުންނަކަހަލަ ސްލައިޑެއް ބަހައްޓާ ތަފާތު ކޮންސެޕްޓަކަށް ބަދަލުކޮށްލީއެވެ. ސާދިރު ބުނިގޮތުގައި ބޭނުންވީ ތަފާތު ގޮތަކަށް ހަދާލަން ކަމަށެވެ. މޫދު އުނދޯއްޔާއި، ކެނޯ ދުއްވޭނެ އިންތިޒާމާއި އެކު އިތުުރު ބެންޗާއި އުނދޯލި އަދި ބާބެކިއު ހެދޭނެ އިންތިޒާމް ރާވަޅި އަތިރީގައި ހަމަޖެއްސިއެވެ.


މަރަދޫފޭދޫގެ މި ސަރަހައްދު ސާފުކޮށް މި މަސައްކަތަށް ރަށުގެ ޒުވާޏުން ނިކުމެ 3 ހަފްތާވަންދެން ކޮންމެ ދުވަހަކުވެސް ހޭދަކުރީ ވަރަށްވެސް ހިއްވަރާއި އެކުގައެވެ. އަދި މިހާރު ގިނަބަޔަކު މި ދަނީ އެމީހުންގެ އުއްމީދާއި އެއްގޮތަށް މިތަނުގައި އުފާވެރި ވަގުތު ހޭދަކުރުމުންނެވެ. މަސައްކަތުގެ އަގުވަޒަން ކުރަމުންނެވެ. މުޅި ރަށަށް އީދެއް އައިސްގެން ކަހަލައެވެ. އެއްބައިވަންތަކަމާއި އެކުވެރިކަމާއި އުފާވެރިކަން މި މާހައުލުން ރަނގަޅަށް ފެނެއެވެ. މި އިންޓަރވިއު އަށް ސާދިރުއަށް ގުޅާލުމުންވެސް އިވެނީ އުފާވެރި ކަމުގެ މި އަޑުތަކެެވެ.

މޫދަށް އެރިލާ އިރުއޮއްސޭ މަންޒަރު ރީތިކޮށް ބަލާލަން ރާވަޅި އަތިިރިވަރެއް ނެތެވެ، ދުވަސް ނިންމާ މި އުފާވެރި މާހައުލުން އަނބުރާ ދާއިރު އެއްވެސް ކުންޏެއް ނޭޅުމަށާއި މި ތަން ރީތިކޮށް ބޭއްވުމަށް ހަނދާންކޮށްލަދޭން މެސެޖެއް ލިޔެލާފައި ހަރުކޮށްފައި ހުއްޓެވެ.

ހިތްހަމަޖެހުމާއި ހިތްގައިމުކަމަށް ފުރިހަމަވަނީ މެހްމާނު ދާރީންނެވެ. އެއްފަސްކޮށް ގިނަ ރަށްތައް އޮންނަ އައްޑޫސިޓީގެ އެހެން ރަށް ރަށުން މީހުން ރާވަޅި އަތިރިއަށް އަންނަމުން ދާތީ މިހާރު މި ސަރަހައްދުގައި ޗޭންޖިންގ ރޫމްތަކެއް ހެދުމަށް ވިސްނާ ކަމުގައި ސާދިރު ބުންޏެވެ.