ރިޕޯޓް

ދަރިފުޅަށް ހިރިނުލެވި އޮންނަތާ 30 އަހަރު!

  • ޝިމްލާގެ ބައްޔަކީ ސެރެބަލް ޕަލްސީ
  • އޭނާގެ މަންމަ އައިސްތު ކުރަނީ އާދަޔާ ހިލާފު ހިތްވަރެއް
  • މަންމަގެ އަދިވެސް އުންމީދަކީ ޝިމްލާގެ ބައްޔަށް ޝިފާ ލިބުން
  • މަންމަގެ އެންމެ ބޮޑު އާދޭހަކީ ޝިމްލާއަށް ހާއްސަ ވީލްޗެއާއެއް ނެތުން

އޭނާ އޮތީ ކޮޓަރި ތެރޭގައި ހުރި އެނދެއްގެ މަތީގަ އެވެ. ބޮލުގައި އޮތް މާ ދިގު ނޫން އިސްތަށިގަނޑު އޮތީ މެދުން ދެ ފަޅިއަކަށް ފަޅައި، ގަތައި އައްސައިފަ އެވެ. ކަމީނާވުމުގެ ސަބަބުން ކޮނޑުކަށިގަނޑު އަރައި ހަތަރެސްފައިގައި ވެސް މަހެއް ނެތި ހަންގަނޑު ގޮސް ސީދާ ކަށީގައި ތަތްވެފައިވާ ކަހަލަ އެވެ.

ދެ މީހަކަށް ނިދާލެވޭ ވަރުގެ އެ އެނދުގައި އޭނާ އަށް ވަކިން ތައްޔާރުކޮށްދީފައިވާ ތަންމަތި ހަދާފައި ވަނީ ބޯ ރަބަރުގަނޑެއް ބޭނުންކޮށްގެންނާއި އޭގެ މަތީގައި އަޅާފައި އޮތް ފޮތިގަނޑަކާއި އިތުރު ބާލީސްތައް ބޭނުންކޮށްގެންނެވެ.

މި ތަންމައްޗެއްގައި އޮތްއިރު ހުޅުވިފައި ހުރި އޭނާގެ އަނގައިގެ ތިރީ ތުންފަތުގެ އެތެރޭގެ ކައިރިފަށުގައި އިރުއިރުކޮޅުން ދޫލަމުން ގެންދެ އެވެ. އެ ހަރަކާތެއް ފިޔަވައި އިތުރު އެހެން ހަރަކާތެއް އޭނާގެ ނެތެވެ.

މިއީ ހަށިގަނޑުގެ މަސްތަކުގެ ހަރަކާތަށް ދިމާވާ މައްސަލައެއް ކަމުގައިވާ ސެރެބަލް ޕަލްސީ އާ އެކު އުމުރުން ވީހާ ދުވަހެއް ގުނަމުން އަންނަ އައިމިނަތު ޝިމްލާގެ ވާހަކަ އެވެ. ބަރުދަނުގައި ގާތްގަނޑަށް 15 އެއްހާ ކިލޯ ހުއްޓަސް އޭނާގެ އުމުރުން މިހާރު އެއް ތިރީހެވެ. މި ވީހާ ދުވަހެއްގައި އޭނާ އޮތީ މިހާރު ވެސް އެ އޮތް ކަހަލަ ތަންމައްޗެއްގައި ގުޑައި ނުލެވި، ހިނގައި ނުލެވި ނުވަތަ އަމިއްލަ އިހްތިޔާރުގައި އެއްވެސް ކަހަލަ ހަރަކާތެއް ވެސް ކޮށް ނުލެވި އެވެ.

މިފަދަ ހިތްދަތިކަމެއްގައި 30 އަހަރުވެގެން ދިއުމަކީ އާދައިގެ ނިކަމެތިކަމެއް ނޫނެވެ. އާދައިގެ އިންސާނަކަށް ކެތްކުރެވޭނެ ކަމެއް ވެސް ނޫނެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހެނީ ޝިމްލާގެ މި ހިތްދަތި ސިލްސިލާގައި އޭނާގެ މަންމަ، އައިޝަތު އަބްދުﷲ )އައިސްތު( ކުޅެމުން އަންނަ މުހިންމު ރޯލެވެ.

ޝިމްލާގެ ވާހަކަ ތަފާތުވަނީ އޭނާގެ މި ހިތްދަތިކަމުގައި ނުވަތަ އެކަނިވެރިކަމުގައި އޭނާގެ މަންމަގެ ބައިވެރިވުމެއް ނެތް ދުވަހެއް ނުދާތީ އެވެ. އުމުރުން 57 އަހަރުވެ ގައިގެ އެކި ތަންތަނަށް ދަތު އަރައި ފަރުވާ ހޯދަން މަޖުބޫރުވެފައިވާއިރު ވެސް އައިސްތު އޭނާގެ ދަރިފުޅު ދޫކޮށެއް ނުލަ އެވެ.

ޝިމްލާގެ ވާހަކަ ތަފާތުވަނީ އޭނާގެ މި ހިތްދަތިކަމުގައި ނުވަތަ އެކަނިވެރިކަމުގައި އޭނާގެ މަންމަގެ ބައިވެރިވުމެއް ނެތް ދުވަހެއް ނުދާތީ އެވެ. އުމުރުން 57 އަހަރުވެ ގައިގެ އެކި ތަންތަނަށް ދަތު އަރައި ފަރުވާ ހޯދަން މަޖުބޫރުވެފައިވާއިރު ވެސް އައިސްތު އޭނާގެ ދަރިފުޅު ދޫކޮށެއް ނުލަ އެވެ.

ޝިމްލާ ގޮވައިގެން ފާހާނާ އަށް ގެންގޮސް ގައިން ތާޚިރުކޮށް ފެންވަރުގައި ނަލަކޮށް ކާން ދީ ހުރިހާ ކަމެއް ވެސް ބަލަހައްޓަމުން ގެންދަނީ ސީދާ އައިސްތު އޭނާ ގާތުގައި އުޅެމުންނެވެ. ހިތްވަރުގަދަ ކަމުގެ މި އަށް ވުރެ ބޮޑު ނަމޫނާއެއް ފެންނާނެ ހެއްޔެވެ؟

ދަރިފުޅު ރަނގަޅުވެދާނެ ކަމަށް އަދިވެސް ވެސް ހިތުގައި އޮވޭ. އަދިވެސް އަޅުގަނޑު އުއްމީދު ކަނޑައިނުލަން. މިހާރު 31 އަހަރު މިވީ. އަބަދުވެސް ހިތަށް އަރާ މީނަ މިހެން އޮވެފައި އަޅުގަނޑު މަރުވަންވާއިރަށް ނަމަވެސް ރަނގަޅުވެދާނެއޭ. ނުވަތަ މީނަ ރަނގަޅުވުމަށް ފަހު އެ މަންޒަރު ފެނިފައޭ އަޅުގަނޑު މަރުވެގެން ދާނީ. އެހެން ވެސް ހިތަށް އަރާ. އުއްމީދު ކަނޑައެއް ނުލަން ދުވަހަކު ވެސް،" ހިތުގެ އެންމެފުމިނުގައި ހަރުލާފައި ހުރި އުދާސްތައް ބޭރުކޮށްލަމުން އައިސްތު ބުންޏެވެ.

މީހުން ބުނެ އުޅެ އެވެ. ބައެއް މީހުންނަށް ދިރިއުޅުގައި ކުރިއަށް ދާން ހިތްވަރު ލިބެނީ ނުވަތަ އުއްމީދު ކަނޑާނުލައި އަމާޒަކަށް މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބެނީ އެބަޔަކު އުޅެން ޖެހިފައިވާ ގޮތަކުންނެވެ. ހާއްސަކޮށް ހިތަށް ތަދުވާ ކަހަލަ ކަންކަން ދިރިއުޅުމުގެ ދަތުރުގައި ތަޖުރިބާކުރަން ޖެހިފައިވާ މީހުންގެ ހިތްވަރު ގަދަ ކަމަށް ބުނެވެ އެވެ.

ފަހަރެއްގައި އައިސްތަކީ ވެސް އޭގެ މިސާލެކެވެ. އޭނާގެ ހަޔާތުގައި ވެސް މާ ފޮނި ވާހަކައެއް ނެތެވެ.

ހއ. ހޯރަފުށްޓަށް އުފަން މި އަންހެން މީހާ މާލެ އައީ އޭނާގެ އުމުރުން 17 އަހަރުގަ އެވެ. ރަށުން ކިޔެވީ އަސާސީ ފެންވަރަށެވެ. ދުރޫސުލް އަހުލާގާއި ހިތު ހިސާބެވެ.

ދެން ރަށުގައި އުޅުނީ އެކި މީހުންނަށް އެކި ކަހަލަ މަސައްކަތްތައް ކޮށްދިނުމުގަ އެވެ. އެއަށް ފަހު މާލެއެއް ބަލައިލުމަށް މާލެއަކަށް ދާ ހިތްވެގެން އަމާ ގާތު އެ ވާހަކައެއް ބުނީމަ އެމްވީ އުތީމުއޭ ކިޔުނު ބޯޓަކުން މާލެ ފޮނުވައިލީ އެވެ.
އެއަށް ފަހު މާލޭގައި ވެސް އުޅުނީ ގޭގޭގައި އެކި މީސް މީހުންނަށް މަސައްކަތް ކޮށްދީގެންނެވެ.

މާލެ އަޅުގަނޑު އެންމެ ފުރަތަމަ އައީ މާލޭގައި ދިރިއުޅުމެއް ފަށައިގެން މި ތަނުގައި އުމުރު ދުވަހު އުޅޭނެނަމައޭ ހިތައެއް ނޫން. މާލެ ދާ ހިތްވެއޭ ކިޔައިގެން އުޅެނިކޮށް މަންމަ އަޅުގަނޑު ބޯޓަކަށް އަރުވާފައި މާލެ ފޮނުވާލީ،" އައިސްތު ކިޔައިދިނެވެ. "އެއްގޮތަކަށް ވެސް މާލޭގެ ފޮނިމީރުކަން ހޯދަން އައި މީހެއް ނޫން އަޅުގަނޑަކީ."

ނަމަވެސް އެންމެފަހުން އޭނާ މާލޭގައި "ބަންދުވީ" އެވެ. އުމުރުން 19 އަހަރުގައި ޒަވާޖީ ހަޔާތެއް ފަށައިގެން ދިރިއުޅުމަށް އިތުރުވި ބުރައާ އެކު ދެން މާލެއަކުން ހެލިނުލެވުނެވެ.

ދެ ކުދިން ލިބި ތިން އަހަރު ވެސް ނުވަނީސް އެ ކައިވެނި ރޫޅިގެން ދިއުމުން އައިސަތުގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އެވެ. ފިރިމީހާ އޭނާ ވަރިކޮށްފައިދިޔައިރު ދެ ވަނަ އަށް ލިބުނު އަންހެން ކުއްޖާ އަށް އެންމެ ހަތް މަހެވެ.

ހިތާމަވެރި ދިވެހި ފިލްމެއްގެ ރީލެއްހެން އައިސްތުގެ ހަޔާތް އެނބުރިގަތީ އެހައި ހިސާބުންނެވެ. ދަރިންކޮޅު ކިހިލީގައި ޖަހައިގެން އޭނާ ދެން އުޅުނީ މާލޭގެ އެއް ގެއިން އަނެއް ގެއިން ބޯހިޔާކޮށްލައިގެންނެވެ.

"މާލެ އައިސް 25 އަށް ވުރެ ގިނަ ގޭގައި އުޅެވިފައި ހުންނާނެ ކުއްޔަށް. ކުރީ ޒަމާނު މީހުން ދަރުލާން ހަދާފައި ހުންނާނެ މާލޭގައި ބަނޑަހަގެ ކިޔާ ތަންތަންކޮޅު. އޭގެ ތަންކޮޅެއްގައި ވެސް އަޅުގަނޑު އެއްފަހަރަކު އުޅުނިން ދެ ދަރިން ގޮވައިގެން،" އައިސް ކިޔައިދިނެވެ.

"އެތަނުގައި އުޅޭއިރު އެއްކޮޅުން ވަންނަ ބުޅާ އަނެއްކޮޅުން ނުކުމެގެންދާނީ. ރޭގަނޑު ނިދަންވީމަ ފާޑެއްގެ ގޯނިގަނޑެއް ވައްޓާލައިގެން ތިބޭނީ. އެއީ ކުލީގެ ގޮތުގައި 30 ރުފިޔާ ދީގެން އުޅުނު ތަނެއް."

އޭނާގެ މި ސިލްސިލާ ވެސް ވަރަށް ދިގެވެ. ކުއްޔަށް އޭނާ ދިރިނޫޅޭ ގެއެއް މާލޭގައި ވެސް ނެތް ކަހަލަ އެވެ. ގާތްގަނޑަކަށް ތިރީހަކަށް ގޭގައި ކުއްޔަށް އުޅުނުއިރު 18 އަހަރު ވަންދެން އެ ގެއެއްގައި ކުއްޔަށް އުޅުނެވެ. ޝިމްލާ ވެސް ލިބުނީ މި ހިތްދަތިކަމަކުން އަރައިނުގަނެވި ދިރިއުޅުން ހަމައަކަށް ނޭޅުވިގެން އުޅެނިކޮށެވެ. ޝިމްލާ އަކީ އައިސްތުގެ ދެ ވަނަ ކައިވެންޏަށް ލިބިފައިވާ ހަތަރު ކުދިންގެ ތެރެއިން ތިން ވަނަ އެވެ.

"ޝިމްލާ އެންމެ ފުރަތަމަ އޮތީ ވަރަށް ރީއްޗަށް. މަހެއްވީއިރު ވެސް ނޯމަލްކޮށް އޮތީ. ވަރަށް ރީތި. ވަރަށް ފަލަ،" އައިސްތު ކިޔައިދިނެވެ.
"ދެން އޭރު މީނަ އޮންނަ ރީތިކަމުން މީހުން ބުނާނެ މިއީ ފަންމިންޏެކޭ ވެސް."

އެހެންވީމަ އެއަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވެ ޝިމްލާ ފިޓްޖެހި އޭނާގެ ދިރިއުޅުން ތާއަބަދަށް ބަދަލުވެގެން ދިޔައީ މީހެއްގެ އެސްފީނާއެއްގެ ނުބައި ކަމަކުން ހެއްޔެވެ؟ ނުވަތަ ހަސަދަވެރިކަމެއްގެ ތެރެއިން ހެދި ސިހުރެއްގެ ނުބައި ކަމަކުން ހެއްޔެވެ؟ ނުވަތަ ޝިމްލާއާ ޖިންނިއަކު އަވަލީ ހެއްޔެވެ؟

މިއީ ރީއްޗަށް އޮތް ދަރިފުޅަށް ގާތްގަނޑަކަށް ހަތް ދުވަސްވީތަނުން ދިމާވި އާދަޔާހިލާފު ކަންތަކާ ގުޅިގެން އައިސްތުގެ ހިތުގައި އެންމެ ފުރަތަމަ އުފެދުނު ސުވާލުތަކެވެ. ފިޓް ޖެހުމަކީ އޭރު ކޮބައި ކަމެއް ވެސް އޭނާ އަކަށް ނޭނގެ އެވެ. ސެރެބަލް ޕަލްސީ އަކީ ކޮބައިކަމެއް ވެސް ނޭނގެ އެވެ.

ނިދީގައި އޮތް ދަރިފުޅުގެ ގަޔަށް ވަރުގަނޑެއް އަރައިގެން އޭނާގެ އަނގައިން ބޮކި ޖަހާފައި ފޮނު އަރަން ފެށީމަ ހަދާނެ ގޮތް ހުސްވެ އައިސްތު ބިރުން ފިތްކަނޑައިގެން ދިޔައީ އެހެންވެ އެވެ.

"ވަރަށް ބިރުގަތް ދުވަހެއް އެއީ. ސަބަބަކީ ކުރިން ދުވަހަކު ވެސް ފެނުނު މަންޒަރަކަށް އެކަން ނުވީމަ. ބިރުވެރިކަމެއް ވެސް ފެނިފައި ނެތީމަ ދުވަހަކު ވެސް. އަނެއްކޮޅުން އޭރަކު ނޭނގޭ ދަރިފުޅު އެ އޮތީ ފިޓް ޖެހިފައި ކަމެއް ވެސް،" އައިސްތު ބުންޏެވެ.

މި ސަބަބާ ހެދި އޭނާ އެންމެ ފުރަތަމަ ނިންމީ ދަރިފުޅަށް ދިމާވި ކަމަކީ ނުބައި ރޫހާނީ ބާރެއްގެ ކަމެއް ކަމަށެވެ. އަމިއްލަ އާއިލާ ތެރޭގަ އާއި އަމިއްލަ ދިރިއުޅުމުގައި ވެސް ތަޖުރިވާކުރެވިފައި ހުރި ބައެއް ކަންކަމާ ގުޅިގެންނެވެ.

"މީހުން ބުނޭ އަޅުގަނޑުމެން މާލޭގައި އޭރު އުޅުނު ހިސާބަކީ ކުރިން ވަރަށް ނާމާން ހިސާބެކޭ. ދެން ޝިމްލާ އަށް ބަނޑުބޮޑުވެ ބަނޑަށް ނުވަ މަހުގައި އެއް ދުވަހު އަޅުގަނޑު މި އޮތީ ގޭގެ ބޭރުގައި ހުރި ޖޯލިފައްޗެއްގައި. ދެބަ ދޭތެރޭގައި،" އައިސްތު ކިޔައިދިނެވެ."އެހެން އޮތްވައި އަޅުގަނޑަށް ފެނުނީ ހުދުކުލައިގެ ހެދުމެއްގައި ހުރި ނިކަން ބިޔަ ބޮޑު މީހެއް. އެމީހާ އައިސް ބުނިހެން ހީވީ، ކަލޭ ސަލާމަތްވާން ބޭނުން ނަމަ ތިތަނުން ތެދުވާށޭ."

ފިރިމީހާގެ އިންތިޒާރުގައި އޮތް އައިސްތު ގަތް ބިރާ އެކު ދުވެފައި ގޮސް ގެއަށް ވަނީ އެވެ.

މީގެ އިތުރުން ޝިމްލާ ލިބިގެން ފިރިމީހާގެ އާއިލާގެ މީހުން ހިތްހަމަނުޖެހިގެން އުޅުނު އުޅުމަކީ ވެސް ދަރިފުޅަށް ފަހުން މެދުވެރި ގޮތާ މެދު އައިސްތުގެ ހިތުގައި އެތައް ސުވާލެއް އުފެއްދި ކަމެކެވެ.

މި ހުރިހާ ސުވާލުތަކެއް ހިފައިގެން އޭނާ ދެން ދިޔައީ ފަންޑިތަވެރިއެއްގެ ގާތަށެވެ.

"އޭނާ ދިނީ ތަވީދެއް. އެ ތަވީދު މަކުނުވަލުން ބަނދެގެން ޒައިތޫނި ތެލުން ތެންމައިގެން އަލިފާންގަނޑެއްގެ މަތީގައި ބާއްވައިގެން އޭތި އަންދަން ޖެހެނީ. ދެން އެ އިން އަރުވާ ދުން ދަރިފުޅުގެ މޫނަށް ދާ ގޮތަށް ހަދަން ޖަހަނީ،" އައިސްތު ކިޔައިދިނެވެ.

"ދެން އެގޮތަށް ހެދި ފުރަތަމަ ދުވަހަކު ފިޓެއް ނުޖެހޭ. ފިޓް ޖެހުނުތާ ތިން ވަނަ އަށް ވީ ދުވަހު އެ ތަވީދެއް އެންދީ."

"އެކަމަކު އަނެއްކާވެސް އޭގެ ދެ ދުވަސް ފަހުން ފިޓް ޖެހިދާނެ. ދެން ފަންޑިތަހަދާ މީހާ ބުނެފާނެ ތިން ތަވީދު އަންދާށޭ އެގޮތަށް. އޭރުން ރަނގަޅުވާނެއޭ."

ދެން ދިޔައީ އެހެން ފަންޑިތަވެރިއެއްގެ ގާތަށެވެ. އެއަށް އަނެއްކެ ގާތަށެވެ.

"އޭނަ ގާތަށް ދިޔައީމަ ބޮޑު ފޮތެއް ނިއުޅުވައިގެން ކިޔައިދިން މިއީ މިވެނި އެވެނި ކަމެކޭ. އުފަންވިއިރު ވަރަށް ރީތި ދޮން އަންހެން ކުއްޖަކަށް ވުމުން މި ކުއްޖާއާ އަވަލާފައި ވަނީ ޖިންނިއެކޭ. އެ ޖިންނިއަކު މި ކުއްޖާ ދޫކޮށްލާފައިދާއިރުގަ ދާނީ އަންހެން ކުއްޖާގެ ކޮންމެވެސް އެއް ގުނަވަނެއް ނައްތާލާފައޭ،" އައިސްތު ކިޔައިދިނެވެ.

އޭރު ޝިމްލާ އަށް ފަންޑިތަހަދާތާ ދެ މަސްވެއްޖެ އެވެ.

އޭނާގެ އެންމެ ބޮޑު ހިތާމައަކީ އެނދުގައި ބާއްވައިގެން ގެންގުޅެން ޖެހޭ ޝިމްލާ އަށް ހާއްސަ ވީލްޗެއާއެއް ނެތުމުގެ ހިތާމަ އާއި ކުލި ދައްކަން ޖެހޭ ހިތްދަތި ދިރިއުޅުމުގެ ސިލްސިލާ އަށް އަދިވެސް ނިމުމެއް އައިސްފައި ނުވާތީ އެވެ.

އައިސްތު ބުނީ ފަންޑިތަވެރިންގެ ނުބައިކަން އެނގުނީ އަގެއްގެ ބަދަލުގައި އޭނާގެ ހަށިގަނޑުން އުފާ ހޯދުމަށް ފަންޑިތަވެރިޔަކު އިޝާރާތްކުރި ހިސާބުން ކަމަށެވެ. އެ ހިސާބުން ޝިމްލާ އަށް ފަންޑިތަހެދުން ހުއްޓާލާފައި ޑޮކްޓަރީ ބޭސް ދޭން ފެށީ އެވެ.

"ކަށިތައް ހުރީ ފީވެފައޭ. އެކްސްރޭ ބަލައިފައި ޑޮކްޓަރުން ބުނަނީ އޭނާގެ މައިބަދަ އާއި އަތާއި ފައިގެ ކަށިތައް ވެސް ހުންނަނީ ވަރަށް ފީވެފައޭ މިހާރު. އެހާ ބާރުގަދަ ބޭހެއް އުމުރުން އެއް މަހުން ފެށިގެން 30 އަހަރު ވަންދެން ގަވާއިދުން ދިނުމުގެ ސަބަބުން،" އައިސްތު ބުންޏެވެ. "މީނަގެ އުމުރުން ހަތަރު އަހަރުގައި އިންޑިއާ އަށް ގެންގޮސްގެން އެމްއާރުއައި ވެސް ހެދި. ޑޮކްޓަރުން ބުނީ ހަތަރު އަހަރުގައި އޭނާގެ އޮތީ ހަތަރު މަހު ކުއްޖެއްގެ ސިކުނޑިއޭ. ޑޮކްޓަރުންބުނެފައި ވަނީ އޭނާ ފިޓްޖެހޭތީ ސިކުނޑީގެ ތަރައްގީ ވަނީ ހުއްޓިފައޭ."

މިއީ ޝިމްލާ އާއި އޭނާގެ މަންމަގެ ހިތްދަތި ދިރިއުޅުމުގެ ދެ ތިން ސަފުހާ އެވެ.

މިހާރު ވެސް ގާތްގަނޑަކަށް ކޮންމެ ދުވަހަކީ ވެސް ޝިމްލާ ފިޓްޖެހިގެން ސަލާމަތްނުވެވިގެން އުޅެން ޖެހޭ ދުވަހެކެވެ.

"އެންމެފަހުން ފިޓް ޖެހުނު ރޭގަ ވެސް. އިއްޔެ މެންދުރު ވެސް. ފިޓް މައިތިރިވާންވާއިރަށް ކުޑަކަމުދެވި ބޮޑުކަމުދެވިފަ އޮންނާނީ ވެސް،" މިދިޔަ އާދީއްތަ ދުވަހު ދިން އިންޓަވިއުގައި އައިސްތު ބުންޏެވެ.

އޭނާގެ އެންމެ ބޮޑު ހިތާމައަކީ އެނދުގައި ބާއްވައިގެން ގެންގުޅެން ޖެހޭ ޝިމްލާ އަށް ހާއްސަ ވީލްޗެއާއެއް ނެތުމުގެ ހިތާމަ އާއި ކުލި ދައްކަން ޖެހޭ ހިތްދަތި ދިރިއުޅުމުގެ ސިލްސިލާ އަށް އަދިވެސް ނިމުމެއް އައިސްފައި ނުވާތީ އެވެ.

"ހިތަށް އަރަނީ ހުރިހާ މޮޅެއް ނުލިބޭނެއޭ ދުނިޔޭގައި އުޅޭ މީހަކަށް. ކޮންމެ ވެސް އެއް މޮޅެކޭ ލިބޭނީ. އަޅުގަނޑަކީ ނިކަމެއްޗެކޭ. މަންމައެއް ނެތޭ. ބައްޕައެއް ނެތޭ. އެއްބަނޑު މީހަކު ނެތޭ. ހަ ދަރިން ގޮވައިގެން އުޅުނުއިރު އެހީއެއް ހޯދަން ދުވަހަކު ވެސް އެހެން ބޭރުން މީހަކު ނުގެންގުޅެމޭ،" އައިސްތު ބުނެލި އެވެ.

- މި އާއިލާއާ ގުޅޭނެ މޮބައިލް ނަމްބަރު: 7915376