ހިޔާ މަޝްރޫއު

"ކުރިން ފްލެޓް ދިނުމުގައި ބޮޑެތި މައްސަލަތައް ހުރި"

ހިޔާ މަޝްރޫއުގެ ފްލެޓް ދޭން ކުރީ ސަރުކާރުން ލިޔުން ދީފައިވާ ފަރާތްތަކުގެ ތެރޭގައި އަމީން އެވެނިއު އާއި ޕްލެޓިނަމް ރެސިޑެންސްގައި އަމިއްލަ ފްލެޓް ހުރި މީހުންނަށް ދީފައިވާ ކަމަށް ފްލެޓް ކޮމިޓީން ބުނެފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވީ މިދިޔަ ސަރުކާރުން ފްލެޓް ދިނުމުގައި ވަރަށް ބޮޑެތި މައްސަލަތައް ހުރި ކަން ފްލެޓް ކޮމިޓިއަށް ފާހަގަ ވެފައިވާ ކަމަށެވެ. އެގޮތުން ފްލެޓް ލިބޭނެ ކަމަށް ނިންމައި ލިޔުން ދިން އިރު އެއްވެސް ވަރަކަށް އިވަލުއޭޓް ކޮށްފައިނުވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އާއި ޕްލެޓިނަމް ރެސިޑެންސްގައި އަމިއްލަ ފްލެޓް ހުރި އަދި މާލޭގައި 600 އަކަފޫޓަށްވުރެ ބޮޑު ބިން އޮތް މީހުންނަށްވެސް ފްލެޓް ދީފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ އެދުވަހުން އެދުވަހަށް ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށްވެސް ފްލެޓް ދީފައިވާ ކަމަށެވެ. ފްލެޓް ތަކަށް އެދި ހުށަހެޅި ފޯމުތައް އިވަލުއޭޓް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް އަލުން މި ފޯމުތައް ރީއިވަލުއޭޓްކުރުމުގެ މަސައްކަތަށް އެއްވެސް ގޮތަކަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށާއި އެ މަސައްކަތް މިނިވަންކަމާ އެކު ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަސްލަމް ވިދާލުވީ ފްލެޓް ދިނުމުގައި ވައްކަމާއި މަކަރާއި ހިޔާނާތުގެ އެއްވެސް ކަމެއް ހިނގާފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އުސޫލުން ބޭރުން އެއްވެސް މީހަކަށް ފްލެޓް ދީފައިނުވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފްލެޓް ކޮމިޓީގެ މެމްބަރު އަލީ ޝަކީލް ވިދާޅުވީ ކުރީގެ ސަރުކާރުން ފްލެޓް ދިން އިރު ދިރިއުޅުމުގެ ހާލަތާއި ދަރިން ތިބި އަދަދަށް ބަލާފައި މާކްސް ދިން ގޮތުގެ ތަފްސީލެއް ހިމަނާފައިނުވާ ކަމަށެވެ. އަދި ކަނޑައެޅިގެން ފްލެޓް ހައްގު ނޫން ފަރާތްތަކަށ ްފްލެޓް ދީފައި ހުރިކަން އެނގެން އޮތް ކަމަށްވެސް ވިދާޅުވި އެވެ.

ޝަކީލް ވިދާޅުވީ ސަރުކާރުގެ އިސް ފަރާތެއްގެވެސް އަދި ސިޔާސީ ފަރާތެއްގެ ނުފޫޒާއި ކޮރަޕްޝަންގެ އެއްވެސް ނުފޫޒެއް އެ ކޮމިޓީއަށް ވަދެފައި ނުވާނެ ކަމަށާއި ފްލެޓް ފޯމްތައް ރީއިވަލުއޭތް ކުރުމުގައި ވަރަށް މިނިވަން އިންސާފްވެރިކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިއަދު އާއްމު ކުރި ލިސްޓުގައި ފޯމު ހުށަހެޅި ފަރާތުގެ ނަމާއި އެޑްރެސްއާއި، ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްސީލް ވަނީ ހިމަނާފަ އެވެ. ކުރިން ހައުސިން މިނިސްޓްރީއިން ގެޒެޓްކޮށްފައިވަނީ ހަމައެކަނި ފޯމު ނަންބަރުތަކެއް ހިމެނޭ ލިސްޓެކެވެ.

ކުރީގެ ސަރުކާރުން ފްލެޓް ދިނުމުގައި އަމަލުކޮށްފައިވާގޮތާމެދު ކޮމިޓީއަށް ފާހަގަކުރެވުނު ބައެއް މައްސަލަތައްވެސް ވަނީ ފްލެޓް ކޮމިޓީގެ ފަރާތުން، އަހްމަދު ތޯހާ މިއަދުގެ ބައްދަލުވުމުގައި ހިއްސާކޮށްފަ އެވެ. އެގޮތުން، ދިރިއުޅުމުގެ ހާލަތު ބަލާފައިވާކަން ލިޔެކިޔުމުން އެނގެން ނެތުމާއި، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓްދީފައިވަނީ ފޯމުހުށައެޅި ފަރާތުން ފޯމުގައި ލިޔެފައިވާ ބަޔާނެއްގެ މައްޗަށް ކަމަށް ހައުސިން މިނިސްޓްރީއިން މައުލޫމާތު ދީފައިވީނަމަވެސް، އެއްވެސް ބަޔާނެއް ދީފައިނުވާ ފަރާތްތަކަށްވެސް ޕޮއިންޓްލިބިފައިވާކަން ހާމަވި ކަމަށް ތޯހާ ވިދާޅުވި އެވެ.

އެގޮތުން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ H4 ކެޓަގަރީއިން 13 މީހެއްގެ ނަން އުނިކުރި އިރު، ޓީޗަރުންނަށް ހާއްސަ H5 ކެޓަގަރީއިން 16 މީހަކު، މާލޭ ރަށްވެހިންނަށް ހާއްސަ H8 ކެޓަގަރީއިން 46 އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ H10 ކެޓަގަރީއިން 36 މީހެއްގެ ނަން ވަނީ ޝަތުރު ހަމަނުވާތީ އުނިކޮށްފަ އެވެ.

އެ ހުރިހާ ލިސްޓްތަކަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ޝަކުވާ ހުށަހަޅަން ޖެހެނީ ފްލެޓް ކޮމިޓީގެ ހާއްސަ ޕޯޓަލްއަކަށެވެ. އަދިވެސް ބައެއް ކެޓަގަރީތަކުގެ ފޯމުތައް މުޅިން އިވެލުއޭޓް ނުކުރެވޭތީ އެ ކެޓަގަރީތައް އަދި އިއުލާނެއް ނުކުރެވޭ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓް ކޮމިޓިން ވނީ ބުނެފަ އެވެ. އެހެން ނަމަވެސް އެ ލިސްޓްތައް ވެސް އޮކްޓޯބަރު މަހުގެ ނިޔަލަށް އިއުލާން ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފަ އެވެ.