ދުނިޔެ

ބޮމުގެ ދެ ހަމަލައެއްގައި ފިލިޕީންސުގެ 10 މީހުން މަރުވެއްޖެ

ދެކުނު ފިލިޕީންސްގެ ޖޯލޯ ޓައުންގައި ދިން ބޮމުގެ ދެ ހަަމަލާއެއްގައި 10 މީހުން މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެ އެވެ. މިތަނުން އެއް ހަމަލާ ދީފައި ވަނީ ޖާނު ގޮއްވާލި އަންހެނެކެވެ.

ޕިލިޕީންސްގެ ރެޑް ކޮރޮސްގެ ޗީފް، ރިޗަޑް ގޯޑަން ވިގޮތުގައި ފުރަތަމަ ހަމަލަ ދީފައި ވަނީ ދެކުނު ޕްރޮވިންސްއެއް ކަމުގައިވާ ސުލޫ ގެ ވެރި ރަށުގައި މޮޓޯސައިކަލެއްގައި ހަރުކޮށްފައިވާ އެކްސްޕްލޯސިވް ޑިވައިސްއެއް މިލިޓަރީ އުޅަނދެއްގެ އިރިން ގޮއްވާލައިގެނެވެ.

ފުރަތަމަ ހަމަލައިގައި ސިފައިންގެ ފަސް މީހަކާއި އާންމުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. ދެވަނަ ހަމަލާގައި ވެސް އެކަކު މަރުވި އެވެ. މި ދެ ހަމަލައިގައި ސިފައިންގެ 24 މީހަކު ޒަޚަމްވި އެވެ.

ފިލޕީންސްގެ ޕޮލިސް ޗީފް ވިދާޅުވީ މި ހަމަލަތައް ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވާޅު އަޅުއްވާނެ ކަމަށެވެ.

ސުލޫއަކީ ފިލިޕީންސްގައި ހައްދު ފަހަނަޅާފައިވާ އަބޫ ސައްޔާފު ގްރޫޕުގެ ބާރު ވަރަށް ގަދަ ރަށެކެވެ މި ޖަމާއަތަކީ ދެކުނު މިންޑަނާއޯގައި މިނިވަން ދައުލަތެއް ގާއިމް ކުރަން މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާއަތެކެވެ. މީހުން ވަގަށް ނެގުމާއި މަގުފޭރުމާއި ބޮން ގޮއްވުމުގައި އެ މީހުން ހައްދުފަހަނައަޅާފައި ވެއެވެ. އަދި މިޖަމާއަތާއި އައިއެސްއައިއެސް އާއި ގުޅުން އޮވެއެވެ.