ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް މަގާމުގެ ހުވާ ކުރެއްވީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތާ ހިލާފަށް ކަމަށް ބުނެ، އޭނާއަށް ރުހުން ދިނުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސުވާލު އުފައްދައިފި އެވެ.
މައުސޫމަށް ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވެވި މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ
މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްގައި ބައެއް މެންބަރުން ވަނީ އަމިއްލަ ކުންފުންޏެއް ހިންގުމުގައި މައުސޫމް ހުންނެވި ކަމަށް ވަނީ ބުނެފަ އެވެ.
މައުސޫމް މިނިސްޓަރު ކަމަށް އައްޔަން ކުރުމަށް ވޯޓަށް އެހުމުގެ ކުރިން ބަހުސަށް ހުޅުވާލުމުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ގޮތުން މިނިސްޓަރަކު ވިޔަފާރިއެއްގަ ބައިވެރި ވެގެން ނުވާނެ ކަމަށެވެ.
އެކަން ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހް ސާފުކޮށް ދެއްވުމަށް ރިޔާސަތުން އެދުމުން ފަލާހް ވިދާޅުވީ، ކޮމިޓީން ރުހުން ދިނުމުގެ ކުރިން ކުންފުންޏެއްގެ އެމްޑީގެ މަގާމުން މައުސޫމް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް، މިނިސްޓަރުކަމުގެ މަގާމުގެ ހުވާ ކުރެއްވިއިރު، މައުސޫމު ހުންނެވީ ކުންފުންޏެއްގެ އެމްޑީގެ މަގާމުގައި ކަމަށް ފަލާހް ވިދާޅުވި އެވެ.
އެއާއެކު ގިނަ މެންބަރުން ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް އައްޔަން ކުރެވިފައިވާ ވަޒީރަކަށް ރުހުން ދިނުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ކައުންސެލާ ޖެނެރަލާ މަޝްވަރާ ކުރައްވައިފަ އެވެ.
"އަޅުގަނޑު ބަނދެވިފައި އޮންނަނީ ގާނޫނު އަސާސީ އާއި ކައުންސެލާ ޖެނެރަލާއި އަމީންއާއްމުގެ ލަފާގެ މަތީގައި. ކައުންސެލާ ޖެނެރަލް ވިދާޅުވަނީ މިކަމުގައި ބުއްދިވެރި ގޮތުގައި ސައްހަ ހުވައެއް ކުރައްވައިގެން ވަޑައިގެންނެވުން ކަމަށް. އެހެންވީމާ މި ރިޕޯޓަށް ވޯޓަށް އެހެން ނެތް ވާހަކަ ދަންނަވައި، ކޮމިޓީން ރިޕޯޓު ބައްލަވާފައި އަލުން ގެނައުމަށް،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް، ބައެއް މެންބަރުން ވިދާޅުވެފައިވަނީ ވަޒީރުކަމަށް އައްޔަނުކުރެވެނީ މަޖިލީހުން ރުހުން ދިނުމުން ކަމަށާއި، އެހެން ކަމުން ވަޒީރުކަމުގެ ހުވާ ސައްހަވާނެ ކަމަށެވެ.