ހަބަރު

ޑުރަގާއެކު ނައިފަރުން ދެ ކުއްޖަކު ހައްޔަރުކޮށްފި

ޅ. ނައިފަރުން މަސްތުވާތަކެއްޗާއެކު ކުޑަ ދެ ކުއްޖަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ނައިފަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޗަނެއްގައި 18 އަހަރުން ދަށުގެ ކުޑަ ދެކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ ދެ ކުދިން ހައްޔަރުކޮށް ބަލައި ފާސް ކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފަހަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަ އިންތިހާ އަށް އިތުރުވަމުންދާއިރު މިކަމުގައި އުޅެ ކުޑަކުދިންގެ އަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން މިމަހުގެ 17 ވަނަ ދުވަހު އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވެސް ވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފަ އެވެ.

ނައިފަރު ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.