ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް މަގާމުގެ ހުވާ ކުރެއްވީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތާ ހިލާފަށް ކަމަށް ބުނެ، އޭނާއަށް ރުހުން ދިނުމުމުގެ މައްސަލަ އަލުން އަނބުރާ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުމަށް ފާސްކޮށްފި އެވެ.
މައުސޫމަށް ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވެވި މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ
މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްގައި ބައެއް މެންބަރުން ވަނީ އަމިއްލަ ކުންފުންޏެއް ހިންގުމުގައި މައުސޫމް ހުންނެވި ކަމަށް ވަނީ ބުނެފަ އެވެ.
މައުސޫމް މިނިސްޓަރު ކަމަށް އައްޔަން ކުރުމަށް ވޯޓަށް އެހުމުގެ ކުރިން ބަހުސަށް ހުޅުވާލުމުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ގޮތުން މިނިސްޓަރަކު ވިޔަފާރިއެއްގަ ބައިވެރި ވެގެން ނުވާނެ ކަމަށެވެ.
އެކަން ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހް ސާފުކޮށް ދެއްވުމަށް ރިޔާސަތުން އެދުމުން ފަލާހް ވިދާޅުވީ، ކޮމިޓީން ރުހުން ދިނުމުގެ ކުރިން ކުންފުންޏެއްގެ އެމްޑީގެ މަގާމުން މައުސޫމް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް، މިނިސްޓަރުކަމުގެ މަގާމުގެ ހުވާ ކުރެއްވިއިރު، މައުސޫމު ހުންނެވީ ކުންފުންޏެއްގެ އެމްޑީގެ މަގާމުގައި ކަމަށް ފަލާހް ވިދާޅުވި އެވެ.
އެއާއެކު ގިނަ މެންބަރުން ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް އައްޔަން ކުރެވިފައިވާ ވަޒީރަކަށް ރުހުން ދިނުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ.
އެކަމާ ގުޅިގެން އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ހުށަހެޅުމަށް މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވިފައިވާއިރު، ގިނަ މެންބަރުންގެ ހިޔާލު ހުރީ ޑރ. މައުސޫމް އަލުން ވަޒީރުކަމުގެ ހުވާ ކުރައްވަންޖެހޭނެ ކަމަށެވެ.