ރިޕޯޓް

ހަފުތާ ބަންދުގައި ނައިބު ރައީސް ވިދާޅުވަނީ ވާހަކަ ފޮތެއް: އެ ފޮތުގައި ވަނީ ކިހިނެތް؟

މި ދުވަސްކޮޅަކީ ގައުމުގެ ސިޔާސީ މައިދާނުގައި، ވަކިން ހާއްސަކޮށް ސަރުކާރުގެ އެތެރޭގައި އޮތް ހަލަބޮލިކަމެއްގެ ވާހަކަ ދެކެވި ސިޔާސީ ރާޅެއް އުފެދެމުންދާ ކަމުގެ ވާހަކަ ތުންތުންމަތިން ދެކެވޭ ދުވަސްކޮޅެކެވެ. އެ ވާހަކަތަކެއް ހިލިގެން މި އުޅެނީ ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން ދަތުރު ކުރައްވަނިކޮށް ރައީސްއަށް އަމާޒުކޮށް ރަސްމީ ލޯންޗު "ފިނިފެންމަލަށް" ދެވުނު ހަމަލާއަކަށް ފަހު އެވެ.

ގައުމެއްގެ ހާލަތު މިހެން އޮތްވައި އިއްޔެ އަށް އިރުއޮއްސުުނު ވަގުތު ނައިބު ރައީސް އަހުމަދު އަދީބު ކުރެއްވި ޓްވީޓަކަށް މި ވަނީ ސޯޝަލް މީޑިއާގައި ފުދޭވަރެއްގެ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. ހަފުތާ ބަންދާ ދިމާކޮށް ހަފުތާ ބަންދުގެ ތަހުނިޔާ އާންމުންނަށް އަރިސްކުރައްވަމުން އަދީބު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި އޮތީ ނިކަން ޝައުގުވެރިކަމާ އެކު ވާހަކަ ފޮތެއް ވިދާޅުވަމުން ގެންދަވާ ވާހަކަ އެވެ.
އެ ފޮތަކީ ޝޯން ސްލޭޓާގެ "ސްނޭކްސް އެންޑް ލެޑާސް" ކަމަށެވެ.

ހަފުތާ ބަންދުގައި އަދީބު ކުރެއްވި މި ޓްވީޓަކަށް ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގެން ގޮސްފައި ވަނީ ޔަގީނަށް ވެސް ގައުމުގެ ހާލަތު މި ދުވަސްކޮޅު އޮތް ގޮތުންނެވެ. ރައީސަށް އަމާޒުކޮށް ލޯންޗަށް ދިން ހަމަލާގެ ތުހުމަތުގެ އިނގިލި ވަރަށް ގިނަ ބަޔަކު ނައިބު ރައީސް އަދީބަށް އަމާޒުކޮށްފައިވާއިރު އަދި ރައީސް އަވަހާރަކޮށްލަން ބަޔަކު އުޅުނު ކަމަށް ބުނާ ވާހަކައެއް ފެތުރިގެން އުޅޭއިރު އެބޭފުޅާގެ ފަހަތުގައި އަބަދުވެސް ހުންނަވާނެ ކަމަށް ވިދާޅުވި ނައިބު ރައީސް މި އުޅުއްވަނީ ވާހަކަ ފޮތެއް ވިދާޅުވެ ޓްވީޓްކުރެއްވުމުގަ އެވެ.

ކޮންމެއަކަސް މި ވާހަކަ ފޮތެއްގެ ޕްލޮޓާއި ރާއްޖޭގެ ރައީސަށް އަމާޒުކުރެވުނު ހަމަލާ އާއި އެ ހަމަލާއާ ގުޅިގެން ދެކެވޭ ވާހަކަތަކާއި ގައުމުގައި ހިންގާ ޖަރީމާތަކުގެ ވާހަކަތައް އެއްކޮށް މީހުން ދަނީ ނައިބު ރައިސްގެ ޓްވީޓަށް ނިކަން ގަދަފަދަ ރައްދު ދެމުންނެވެ.

"ގައުމުގައި ބޮޑު ހާދިސާއެއް ހިނގައިގެން އުޅޭއިރު ނައިބު ރައީސް ވާހަކަ ފޮތެއް ވިދާޅުވަން އިންނެވުމަކީ އެ ބޭފުޅާ ހަމައިން ކައްސާލައްވައި ހާސްވެ ވަޑައިގެން އިންނެވި ކަމުގެ ނިޝާނެއް. މި ދަނޑިވަޅުގައި ފޮތެއް ވިދާޅުވުމުގެ ބަދަލުގައި އިންނަވަން ޖެހޭނީ ރައީސްއާ އެކު،" އަދީބުގެ ޓްވީޓާ ގުޅިގެން އެ ބޭފުޅާ އަށް ރައްދު ދިން މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެ އެވެ.

އަނެކަކު ކުރި ޓްވީޓެއްގައި އޮތީ ސުވާލެކެވެ.

"ގައުމުގައި ބޮޑު މައްސަލަގަނޑެއް ހިލިގެން އުޅޭއިރު ނައިބު ރައީސް ކުރައްވާނެ މަސައްކަތެއް ނެތްތޯ؟،" އެ ސުވާލެއްގައި އޮތީ މިހެންނެވެ.
އެއް ބަޔަކު މިހެން ވާހަކަ ދައްކަމުން ސުވާލުއުފައްދަމުން ނައިބު ރައީސަށް ބަހުގެ ހަމަލާތަކެއް ސޯޝަލް މީޑިއާގައި ދެމުން ގެންދާއިރު ކަންތައް މިހެން ވާނޭ ކަމަށް ކުރީ ދުވަހުގެ ޕްރެސް ކޮންފަރެންސްގައި ވެސް ނައިބު ރައީސް ވިދާޅުވިއެއް ނޫން ހެއްޔެވެ؟

އެކަމަކު ފާހަގަކޮށްލަން ޖެހެނީ މި ޓްވީޓެއް އެތައް ސަތޭކަފަހަރު ރީޓްވީޓްކުރެވި ފެވަރިޓްކުރެވި އެއަށް ގިނަ ބަޔަކު ހިޔާލު އޮއްސަމުން އަންނައިރު ގައުމުގައި މިހާރު ހިލިގެން އުޅޭ މައްސަލައާ ގުޅުވައިގެން ނައިބު ރައީސްގެ ދިފާއުގައި ވެސް ގިނަ ބަޔަކު ވާހަކަ ދައްކަމުން ގެންދާ ކަމެވެ.

"އެންމެ ޓަފް، ކޫލް، ހަބޭސް ބްރޯ،" މިއީ އެގޮތުން މީހަކުކޮށްފައިވާ ސަޕޯޓްގެ ޓްވީޓެކެވެ.

މިފަދަ ހިޔާލުތަކެއް އަދީބުގެ މި ޓްވީޓަކާ ގުޅިގެން އުފެދި ކަފިވެ މަސްހުނިވަމުން އަންނައިރު އެ ބޭފުޅާ ވިދާޅުވަމުން ގެންދާ ވާހަކަ ފޮތުގެ ތަންތަންކޮޅު ނަގައިގެން ވެސް ބައެއް ފަރާތްތަކުން އަދީބަށް ހަމަލާ ދެމުންދާކަން ފާހަގަކޮށްލެވެ އެވެ.

ގިނަ ބަޔަކު އެބޭފުޅާ ވިދާޅުވަމުން ގެންދަވާ ފޮތުގެ ކޮންޓެންޓް ނުވަތަ އެ ވާހަކައިގެ ޕްލޮޓާއި އޭގައި ވާ ގޮތް ވެސް ގުޅުވަމުން ދަނީ ގައުމުގެ ސިޔާސީ ހާލަތާ އެވެ. އެގޮތުން ފޮތުގެ އެކި ލައިންތައް ނަގައި އަދީބު ޓެގްކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ނައިބު ރައިސް ވިދާޅުވަމުން ގެންދަވާ ވާހަކަ ފޮތުގައި ވަނީ ކިހިނެތް ހެއްޔެވެ؟ އެ ފޮތަކީ ސިލްސިލާ މަރުތަކެއްގެ އާދަޔާހިލާފު ތަހުގީގެއްގެ ވާހަކަ ކިޔައިދޭ ފޮތެކެވެ. ވާނުވާއެއް ނޭނގި މަރުވެފައިވާ މީހުންތަކެއް ފެންނަން ފަށަނީ އެވެ. ބެލެވޭ ގޮތުގައި އެއީ އަމިއްލަ އަށް މަރުވާ މީހުންނެވެ.

ނަމަވެސް ތަހުގީގު ކުރިއަށް ދާ ވަރަކަށް އެނގެނީ އެއީ އަމިއްލަ އަށް މަރުވާ ބައެއް ނޫން ކަމެވެ. ބައެއްގެ ނުވަތަ މީހެއްގެ ރޭވުމަކުން މަރާލެވޭ މީހުންތަކެއް ކަމެކެވެ. މިއީ "ސްނޭކްސް އެންޑް ލެޑާސް" ގެ ކުރު ހުލާސާއެކެވެ.

"ވަގުތު ދަނީ ހުސްވަމުންނެވެ. ފެންނަން ހުރި ހެކިތައް އޭނާ އަށް ނިކަން ރަނގަޅު މެސެޖެއް ދެ އެވެ. އެއީ މި މަރުތަކާ ބެހޭ ކޮންމެވެސް ކަމެއް (ލަރީސާ) އަށް އެނގޭ ކަމެވެ،" ފޮތުން ނަގާފައިވާ މި ލައިނަކީ ވެސް އަދީބު ޓެގްކޮށް މީހަކު ކޮށްފައިވާ ޓްވީޓެކެވެ.

ކޮންމެއަކަސް މި ވާހަކަ ފޮތެއްގެ ޕްލޮޓާއި ރާއްޖޭގެ ރައީސަށް އަމާޒުކުރެވުނު ހަމަލާ އާއި އެ ހަމަލާއާ ގުޅިގެން ދެކެވޭ ވާހަކަތަކާއި ގައުމުގައި ހިންގާ ޖަރީމާތަކުގެ ވާހަކަތައް އެއްކޮށް މީހުން ދަނީ ނައިބު ރައިސްގެ ޓްވީޓަށް ނިކަން ގަދަފަދަ ރައްދު ދެމުންނެވެ.

މި ފޯރިއެއްގެ ތެރެއިން ބައެއް މީހުން ސަމާސާ ރާގެއްގައި މި ވާހަކަ ފޮތެއްގެ ނަމަށް އިޝާރާތްކޮށް ބުނަމުން ދަނީ "ތިޔަ ހަރުގަނޑަކީ" ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށެވެ. އެއީ އެއް އިރެއްގައި އުމަރު ނަސީރު ސިޔާސީ މައިދާނުގައި ނިކަން ގަދަ އަށް ހަރުގަނޑެއްގެ ވާހަކަ ދެއްކެވީމަ ކަމަށް ވެސް ވެދާނެ އެވެ.

ނުވަތަ ރައީސަށް ދިން ހަމަލާގެ ތަހުގީގު ޓީމުގައި ވެސް އެ ބޭފުޅާ އިސްކޮށް އުޅުއްވާތީ ކަމަށް ވެސް ވެދާނެ އެވެ.

ކޮންމެއަކަސް މީހުންނަށް ޖަވާބު ދޭން ނޭނގޭ ސުވާލަކަށް އޮތީ އެންމެ ސުވާލެކެވެ.

ހަރުފަ އަކީ ކާކު ހެއްޔެވެ؟