ހަބަރު

ނިޒާމު ވޯޓް އޮޅުވައެއް ނުލާ: މުއިއްޒު

ރާއްޖޭގެ އޮންނަ ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނެގުނު ވޯޓް އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ.

ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ނަޝީދު ވަކާލާތު ކުރައްވަމުން ވަޑައިގަންނަވަނިކޮށް ދިވެހިރާއްޖޭގެ ސިޔާސީ، އިޖުތިމާއީ އަދި އިގުތިސާދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު ކަމަށް ރައީސް މައުމޫން ރޭ ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ނަޝީދު ވަނީ މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއްވެސް ވަނީ އޮޅުވާލައްވާ މަކަރު ހައްދަވާފައި ކަމަށެވެ. 2007 ވަަ އަހަރުގެ ނިޒާމު ވޯޓްވެސް ކަނޑައެޅިގެން އޮޅުވާލާފައިވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

"މަނިކުފާނަށް އޮޅުވާ ނުލެއްވެނީ ހަމައެކަނި 2008 ގެ ވޯޓް. އެއިން ވީ ބަލި،" ވެރިކަން ލިބިވަޑައިގެންނެވި އިންތިހާބަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަތައް ދޮގުކުރައްވާ މުއިއްޒު ވިދާޅުވީ 2007 ގެ ވޯޓްގައި، ވޯޓް ނެގުމަށްފަހު ފޮށިތައް މާލެ ނުގެނެސް ވޯޓް ނެގި މަރުކަޒުތަކުގައި ވޯޓް ގުނާފައިވާ ކަމަށެވެ.

"ވޯޓް ނެގުމުގެ މަސައްކަތުގައި ހާއްސަ މަޖިލީހުން އެކުލަވާލި ކޮމެޓީގެ މެންބަރެއްގެ ގޮތުން އަޅުގަނޑު މަސައްކަތް ކުރިން. ވޯޓް އޮޅުވައެއް ނުލާ،" ނަޝީދުގެ ޓްވީޓަށް ރައްދު ދެއްވާ މުއިއްޒު ވިދާޅުވިއެވެ.

ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމަށް މަޖިލީހަށް އެ މައްސަލަ ހުށައަޅާފައިވަނިކޮށް ރައީސް މައުމޫން ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އެންމެ ކަމުދާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި އެކަން ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު. 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަގުލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން، މައުމޫން ވިދާޅުވިއެވެ.

2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައަޅަން ނެގުނު ވޯޓްގައި 95،619 މީހުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމު އޮންނަން ފެންނަ ކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 58،504 މީހުންނެވެ.