ލައިފްސްޓައިލް

ކާމިޔާބަށް ވާސިލުވާނެ ފަސް ގޮތް: އެންމެ ކާމިޔާބު މީހުންގެ މަގުން

ކާމިޔާބީއެއްގައި އިންސްޕިރޭޝަން ކުޅެނީ އެންމެ ޕަސެންޓެއްގެ ރޯލެކެވެ. ނުވަ ދިހަ އަށް ޕަސެންޓަކީ އެ ކާމިޔާބީއަކަށް ވާސިލުވުމަށް އޮހޮރުވަން ޖެހޭ ދަލެވެ. އަނެއް ދެ ޕަސެންޓަކީ މި ކާމިޔާބީއަކަށް ވާސިލުވާން ކުރާ މަސައްކަތް އެންމެ ފުރިހަމަކުރުމަށް ދެވޭ ސަމާލުކަމެވެ.
މިއީ ކާމިޔާބީއާ ބެހޭ ގޮތުން މީހުން ބުނެ އުޅޭ ވާހަކަ އެކެވެ. އެހެންވީމަ ކާމިޔާބީއެއްގެ ސިއްރު ރެސިޕީ އަކީ ކޮބައިހެއްޔެވެ؟

އެންމެ ފަސޭހަ ޖަވާބަކީ، ގަދައަޅައި މަސައްކަތް ކުރުމެވެ. އެކަމަކު މީގައި ސުވާލު އުފެދޭ ހިސާބެއް ވެސް އެބަ އާދެ އެވެ. އެންމެ ކާމިޔާބު މީހުން ވެސް ގަދައަޅައި މަސައްކަތްކުރަނީ އެވެ. އަދި އެންމެ އާދައިގެ ނިކަމެތި މީހާ ވެސް ގަދަ އަޅައި މަސައްކަތްކުރަނީ އެވެ.

އެކަމަކު ވެސް އެންމެ ކާމިޔާބު މީހާ އާއި އާދައިގެ މީހާއާ ދެމެދު އޮންނަ ތަފާތު ނުވަތަ ފަރަގު ކުޑަވެގެންދާތަނެއް ނުފެނެ އެވެ. ދެން މީގައި ވެގެންދާ ގޮތަކީ އަދި މާ ނުބައި ގޮތެކެވެ. އެންމެ ކާމިޔާބު މީހާ އަތުލަން އާދައިގެ މީހާ މަސައްކަތް ކޮށްކޮށް ވަރުބަލިވެ ދިރިއުޅުން މަތިން ފޫހިވެގެން ދަނީ އެވެ.

އެހެންވީމަ ކާމިޔާބީ އަށް ވާސިލުވެވެނީ ގަދަ އަޅައި މަސައްކަތްކޮށްގެން ކަމަށް ބުނާ ވާހަކައިގައި މައްސަލައެއް އެބައުޅެއެއް ނޫން ހެއްޔެވެ؟
ހަގީގަތަކީ ކާމިޔާބީ އަށް ވާސިލުވެވެނީ ހަމައެކަނި ގަދައަޅައި މަސައްކަތްކޮށްގެން ނޫން ކަމެވެ. ކާމިޔާބު މީހުން އެމީހުންގެ ކާމިޔާބީގެ ފޮނި މީރުކަން ހޯދާފައި ވަނީ ގަދަ އަށް މަސައްކަތްކުރާ އެހެން އެންމެނަށް ވުރެ ތަފާތުގޮތަށް މަސައްކަތުގެ ސިޔާސަތު ތަރުތީބުކޮށްގެންނެވެ.
ކާމިޔާބީގެ ސިއްރަކީ އެވެ. މަޝްހޫރު އެޕަލް ކުންފުނި ގެނެސްދިން ސްޓީވް ޖޮބްސް އެ ކުންފުންޏާ އެކު މަޝްހޫރު ޓެގްލައިނެއް ވެސް އޮވެ އެވެ. އޭގައި ވެސް ބުނަނީ "ތިންކް ޑިފްރެންޓް" އޭ އެވެ.

މި ތަފާތު ވިސްނުމާ އެކު އެޕަލް އަށް ވީގޮތް މުޅި ދުނިޔެ އަށް ވެސް އެނގެ އެވެ.

އުފެއްދުންތެރިކަމުގެ ބޮކި ދިއްލުން!

އާދަޔާހިލާފަށް ކާމިޔާބު މީހުންނަކީ ނުވާނޭ ކަންކަން ނުވަތަ ނުކުރެވޭނެ ކަމަށް ބުނާ ކަންކަން ކޮށްފައި ދައްކާ މީހުންނެވެ. އެމީހުން އެކަން ކުރަނީ ކިހިނެތް ހެއްޔެވެ؟ އުފެއްދުންތެރިކަމުގެ ސިކުނޑި ނުވަތަ ކްރިއޭޓިވިޓީ ކުރިއަށް ނެރެގެންނެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުން ގިނަ މީހުންނަކީ އެމީހުންގެ ހަޔާތުގެ ދަތުރުގައި ވަރަށް އަތް ފަސޭހަކޮށްލައިގެން އުޅޭ މީހުންނެވެ. ކާމިޔާބީ އަށް ވާސިލުވުމަށް ކޮށަން ޖެހޭ މަގު ދިގުވެއްޖެ ނަމަ ނުވަތަ ގޮންޖެހުމެއް ކުރިމަތިވެއްޖެ ނަމަ ގިނަ ފަހަރަށް ހިތްވަރު އެލިގެން ދަނީ އެވެ.
ނުވަތަ ފަސޭހަ މަގެއް ހިޔާރުކޮށް ކަންމަތީ ކަޑައެއްގެ ސޭޓެއްގެ ވަޒީފާގައި ފުއްދާލަނީ އެވެ.

ނަމަވެސް ކާމިޔާބު މީހުންނަކީ އެހައި ފަސޭހައިން ހިތްވަރު ދޫކޮށް ގޮތްދޫކޮށް ކަންކަމުގައި ދޫދޭ ބައެއް ނޫނެވެ. އެމީހުން ކާމިޔާބު ވަނީ ވެސް އެހެންވެގެންނެވެ.

މިފަދަ ގޮތަށް މަސައްކަތްކުރުމުގެ ފޯރިއެއް އެމީހުންގެ ކަށީގައި ހިފާފައިވުމުން އާދައިގެ މީހުންގެ މައްޗަށް ކުރި ހޯދަން ވެސް ފަސޭހަވެ އެވެ. ސަބަބަކީ ހިތްވަރު ދޫކޮށްލަނީ ކަންނެތް އާދައިގެ މީހާ ކަމަށްވާތީ އެވެ. އާދައިގެ ކަންނެތް މީހާ އަކީ އާދައިގެ ކާމިޔާބީއަކުން ފުއްދާލާ މީހާ އެވެ.

އެހެންވީމަ ކްރިއޭޓިވިޓީ އަކީ ނުވަތަ އުފެއްދުންތެރި އާ ހިޔާލުތަކާއި އާ އުސޫލުތަކާއި ގޮތްތަކަކީ ކާމިޔާބު މީހަކަށް ވުމަށް ވަރަށް މުހިންމު ސިފަތަކެކެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ލީޑަރުންނާއި ވިޔަފާރިވެރިންނާއި އިލްމީ ތަޖުރިބާކާރުންނާ ހިސާބުން ކާމިޔާބު ޑްރަގް ޑީލަރުންގެ ހަޔާތަށް ބެލި ނަމަވެސް މި ކްރިއޭޓިވިޓީ އާއި ހިތްނުފުރި މަސައްކަތްކުރުމުގެ އަހުލާގު ފެނިގެންދާނެ އެވެ.

މިސާލަކަށް ކޮލަމްބިއާގެ ކުރީގެ މަޝްހޫރު ޑްރަގް ލޯޑް ޕަބްލޯ އެސްކޯ އެއްފަހަރު ހެދި ގޮތެއް އެނގޭ ހެއްޔެވެ؟ އޭނާގެ ކާމިޔާބު ޑްރަގް ވިޔަފާރި ނައްތާލަން ކޮލަމްބިއާ އިން އޭނާ ހިފައި ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ޕަބްލޯ ބޭނުންވީ ފަނޑިޔާރު މީހާ އަށް ރިޝްވަތު ދީގެން ގަނެލާށެވެ. ނަމަވެސް އެކަމެއް އޭނާ އަކަށް ނުކުރެވުނެވެ.

އެހާ ހިސާބުން އޭނާ ކްރިއޭޓިވް ވިސްނުމަކަށް ދިޔައީ އެވެ. އޭނާ ފަނޑިޔާރުކަލޭގެ މަރާލީކީއެއް ނޫނެވެ. އެންމެފަހުން ޕަބްލޯ އެސްކޮބާގެ ވަކީލަކަށް ހަމަޖެއްސީ ފަނޑިޔާރުގެ ބޭބެއެކެވެ. އެހިސާބުން ފަނޑިޔާރަށް ޖެހުނީ ޕަބްލޯ އެސްކޮބާ އަށް ކިޔަމަންވާށެވެ.
މާ މޮޅުވާން ހަދާނެ ކަމެއް ނެތެވެ. ރަނގަޅު ހިސާބެއްގައި ހިފަހައްޓާލާށެވެ.

ވަރަށް ގިނަ ފަހަރަށް ކާމިޔާބީ އަށް ވާސިލުވުމަށް ފަށާ ދަތުރުގައި މީހުން ބަލިވެގެން ދަނީ ތަރުތީބު ގެއްލި ކޮލިޓީ ގެއްލި ކޮންސިސްޓެންސީ ހައިން ނެއްޓިގެންދާ ހިސާބުންނެވެ. ފަހަރެއްގައި އެހެން ވަނީ ހުރިހާ މޮޅެއް އެއްފަހަރާ ލިބިގަތުމަށް މަސައްކަތްކުރާތީ ކަމަށް ވެސް ވެދާނެ އެވެ.

ނަމަވެސް މަޝްހޫރު ކޮމޭޑިއަން ސްޓީވް މާޓިން ބުނަނީ ކޮމެޑީގެ ތަހުތު އޭނާ އަތުލީ ރެއާއި ދުވާލެއްގެ މަސައްކަތުން ނޫން ކަމަށެވެ. އޭނާ އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ދިނީ ކޮންސިސްޓެންސީ ހިފަހައްޓައިގެން މަސައްކަތްކުރުމަށެވެ.

އޭނާ ބުނަނީ ކާމިޔާބީ އަށް ވާސިލުވުމަކީ އެއްވެސް ކަމެއް ނޫން ކަމަށެވެ. އުނދަގޫ ކަމަކީ ނުވަތަ ގޮންޖެހުމަކީ ކޮންމެ ދުވަހަކު އެއް ފެންވަރެއް ދެއްކުން ކަމަށެވެ. އެކަން ހާސިލުވަނީސް އިސާހިތަކު ކާމިޔާބު ވެސް ލިބުނީ ކަމަށެވެ.

ސްޓީވް މާޓިން ކޮމެޑީގެ ތަހުތަށް އެރީ 18 އަހަރުގެ ބުރަ މަސައްކަތުންނެވެ. އޭނާ ބުނަނީ އޭގެ ތެރެއިން 10 އަހަރު ހޭދަކުރީ ދަސްކުރުމުގައި ކަމަށެވެ.
ބަލައިނުގަތީމަ އެކަން ހިތްވަރަކަށް ހަދާށެވެ.

ކާމިޔާބު މީހުންގެ ހަޔާތުގެ ވާހަކަތައް ފޮތްފޮތުން ކިޔާ މީހުންނަށް މިކަން އެނގޭނެ އެވެ. ކާމިޔާބު އެންމެންނަކީ އެމީހުންގެ ފުރަތަމަ މަރުހަލާގައި ބަލައިނުގަނެ އެކަހެރިކޮށް ބާކީކޮށްލެވުނު މީހުންނެވެ.

އެކަމަކު ވެސް ހިތްވަރުދޫކޮށްނުލި މީހުންނެވެ.

މިސާލަކަށް ޓީވީ ޑްރާމާގެ ދުނިޔެ ދުށް އެންމެ މޮޅު ދެ ޑްރާމާތަކުގެ ތެރޭގައި ހިމެނޭ "ދަ ސޮޕްރާނޯސް" އާއި "މޭޑް މެން" ގެ މުހިންމު ލިޔުންތެރިއެއް ކަމުގައިވާ މެތިއު ވެއިނާ އެވެ. އޭނާ ބަލައިނުގަނެ މީހުން ކީ އެއްޗިހި އޭނާ ބޭނުންކުރީ ކުރިއަށް ދާން ރޯކުރި އިންޖީނުގެ ތެލަށެވެ.

އޭނާ އަކީ ސްކޫލްގައި އުޅުނުއިރު ވެސް މަސައްކަތްނުކުރާތީ ނުވަތަ ނުކިޔަވާތީ އަބަދު ޓީޗަރުންގެ ބަހުގެ ހަމަލާ އާއި މަލާމާތް ރައްދުވި ފަރާތެކެވެ. ނަމަވެސް މިއަދު ޝަރަފްވެރި އެމީ އެވޯޑްސްގެ ނުވަ އެވޯޑް ހާސިލުކޮށްފައިވާ ފަރާތެކެވެ.

މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރުން

ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ ޑްރީމް ހޯލްޑިންސްގެ ބާނީ އަދި ވެރިޔާ އިބްރާހިމް ހުސެއިން "އަވަސް" އަށް ދިން އިންޓަވިއުއެއްގައި ކާމިޔާބީގެ ވާހަކަ ވިދާޅުވެ ދެއްވަމުން ފާހަގަކުރެއްވި ކަމެކެވެ. އޭނާ ވިދާޅުވީ އަބަދުވެސް ގަޑިނުޖެހި އެންމެކުރިން އޮފީހަށް ވަޑައިގަންނަވާ ކަމަށެވެ. އަދި އެހެން އެންމެން ނިމިގެން ގެއަށްދާއިރު ވެސް އޭނާ ބޭނުންވަނީ މަސައްކަތުގައި އިތުރު ވަގުތު ހޭދަކުރަން ކަމަށެވެ.

ފަހަރެއްގައި އިއްބެގެ އާދަޔާހިލާފު ކާމިޔާބީގެ ސިއްރަކީ މިއީ އެވެ.

އެމެރިކާގެ ބިލިއަނަރު އަދި ނިއު ޔޯކް ސިޓީގެ މޭޔަރު މައިކް ބްލުމްބާގް ވިދާޅުވެފައި ވަނީ އޭނާގެ ކާމިޔާބީގެ ސިއްރަކީ ވެސް މިއީ ކަމަށެވެ. ގިނަ ވަގުތު މަސައްކަތުގައި އުޅުމެވެ. އޭގެ ސަބަބުން ވިޔަފާރިގެ މައިދާނުގައި އިތުރު ރައްޓެހިން އުފައްދައި އެމީހުންނާ ގުޅުން ވަރުގަދަކޮށް އަމިއްލަ ވިޔަފާރި ވަރުގަދަކުރުމުގެ ހިޔާލާއި ހިތްވަރު ލިބޭ ކަމަށް ވިދާޅުވެފައިވެ އެވެ.

އެހެންވީމަ މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރުން ވަރަށް ވެސް މުހިންމެވެ.

މިސާލަކަށް މިފަދަ އަހުލާގެއް ގެންގުޅުމުގެ ސަބަބުން ލިބޭ ފައިދާ ވެސް ބޮޑެވެ. ތިބާ ގަޑިއަށް ވަގުތަށް ހިތައި އެންމެ ކުރިން އޮފީހަށް ގޮސް އެންމެ ލަހުން ގެއަށް ދާ މީހާއަށް ވުމުން އެންމެ ކާމިޔާބު މީހުންނަށް ހީވަނީ ތިޔައީ އެމީހުންގެ އެކުވެރިއެއް ކަމަށެވެ.
ކޮންމެހެން ހުއްދައެއް މުހިންމެއް ނޫނެވެ.

މުހިންމީ އިތުބާރާއި ޔަގީންކަމެވެ.

ޖޯން ލީލް އަކީ ކާކުކަން އެނގޭ ހެއްޔެވެ؟ އޭނާ އަކީ ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން މީހުން ސަލާމަތްކުރުމަށް އެންމެ ފުރަތަމަ ފެނަށް ކްލޯރިން އެޅި ތަޖުރިބާކާރެވެ. އެއީ 1890ގެ އަހަރުތަކުގަ އެވެ. އޭރު ކްލޯރިން އަކީ ވިހައެކެވެ.

ނަމަވެސް ފެނަށް ކްލޯރިން އަޅައިގެން އޭނާ އެތައް ބައްޔަކަށް ފަރުވާ ހޯދައި ދިނީ އެވެ. އޭނާ ހައްޔަރުކޮށްގެން ކޯޓަށް ވެސް ހާޒިރުކުރި އެވެ. ނަމަވެސް އެންމެފަހުން މުޅި އެމެރިކާގައި ކްލޯރިން ވޯޓާ ޕްލާންޓްތައް ގާއިމުކުރީ އެވެ.