ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހީނަރުވުމުން އެންމެ ބޮޑަށް އަސަރުކުރީ ދައުލަތުގެ އާމްދަނީ އަށެވެ. މާޗް މަހު 15ގައި ލޮކްޑައުން ކުރުމަށްފަހު ޖުލައި މަހު 15 ގައި ހުޅުވާލިއިރި އަންދާޒާ ކުރި ވަަރަށް ޓޫރިސްޓުން އައިސްފައެއް ނުވެ އެވެ. އެހެންވެ އާމްދަނީ 50 ޕަސެންޓަށް ވުރެ ބޮޑުތަން ދަށް ވާނެ ކަމަށް ވަނީ ޔަގީން ކުރެވިފަ އެވެ. މިކަމުން ދައުލަތަށް ލިބޭނެ ބުރަކަމަށް ލުޔެއް ހޯދަން ސަރުކާރުން ވަނީ ހަރަދު ކުޑަ ކުރަން ފިޔަވަޅުތަކެއް އަޅާފަ އެވެ. އެއް ފިޔަވަޅަކީ ސަރުކާރުގެ އެންމެ އިސް ފަންތީގައި ތިބި މީހުންގެ މުސާރަތައް ކުޑަ ކުރުމެވެ.
ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ރައީސުލް ޖުމްހޫރިއްޔާ އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުސާރަ މަޖިލީހުން ކުޑަ ކޮށްދިނެވެ. ސަރުކާރު ސިޔާސީ މަގާމުތަކުގެ މުސާރަ އަށް ބަދަލު ގެނަ އެވެ. ސިވިލް ސާވިސްގެ މަތީ މުސާރަ ލިބޭ މީހުންގެ މުސާރަ ކުޑަކުރި އެވެ. ކުންފުނިތަކުގެ މުސާރަތައް ރިވިއުކޮށް ސީނިއަ މެނޭޖުމަންޓުގެ މުސާރަ ވެސް ކުޑަކޮށްލި އެވެ. މިކަންވީ ރައްޔިތުން މިހާރުގެ ހާލަތަށް ލޯ ހުޅުވައިދިން މިސާލަކަށެވެ. ސަރުކާރު އޭރު ބުނީ މި ބަދަލު ގެންނަން ޖެހުނު ސަބަބަކީ ކޮވިިޑް-19 އާ ގުޅިގެން ގެއްލުންވެ އިގްތިސޯދު ވެންޓިލޭޓަރަށް ލާން ޖެހިފައިވުމެވެ. ނަމަވެސް މި ބަދަލު ގެނައިތާ ތިން މަސް ފަހުން މިވަނީ ކުރިން އޮތް ގޮތަށް އިޔާދަކޮށްފަ އެވެ. ކުރިން ހަރަދު ކުޑަ ކުރަން އެޅި ފިޔަވަޅު ތަކަށް ލުއި ދީފަ އެވެ.
މިއީ، ކޮން ބަދަލެއް ހެއްޔެވެ؟ ރާއްޖޭގެ އިގްތިސޯދު ރަނގަޅުވީ ހެއްޔެވެ؟ ނޫނީ މާގިނަ އެހީތަކެއް ލިބުނީ ހެއްޔެވެ؟ އިގްތިސޯދު ވެންޓިލޭޓަރުން ނެގީ ހެއްޔެވެ؟
މުސާރަތައް ކުރިން ހުރި ގޮތަށް އިޔާދަ ކުރަން ޖެހުނު ސަބަބެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނަނީ ރައްޔިތުންގެ މަޖިލިހުން މުސާރަ ކަނޑައަޅާފައިވާ ބޭފުޅުންނާއި މުއައްސަސާތަކުގެ ވެރިންގެ މުސާރަ އުނިކުރަން ދިން މުއްދަތު ހަމަވުމެވެ. މުސާރަތައް ކުޑަކުރަން މަޖިލީހުން ދިން ތިން މަސް ދުވަސް މިދިޔަ މަހު ވަނީ ހަމަވެފަ އެވެ.
ތިން މަސް ހަމަވާކަން ނޭނގެނީ އިއްޔެ ހެއްޔެވެ؟ އަލުން މުސާރަތައް އިޔާދަ ކުރަން ދުރާލާ ހުށަނޭޅުނީ ކީއް ވެގެން ހެއްޔެވެ؟
ރައްޔިތު މީހާގެ ހިތުގައި އުފެދޭ ސުވާލު ތަކަކީމި އެވެ. ސުވާލު އުފެދުމުގެ މައިގަނޑު ސަބަބަކީ ރައްޔިތުން ވަރަށް ދަތީގައި ތިބުމެވެ. ކުރިން ހުވަފެނުން ވެސް ނުފެނުނު ދަތި ހާލެއްގައި އުޅެން މަޖުބޫރުވެފައިވުމެވެ. ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހީނަރުވުމުން ގިނަ ބައެއްގެ އާމްދަނީ ލިބެން ހުރި ހުރިހާ މަގެއް އެއްކޮށް ބަންދުވެއްޖެ އެވެ. އާމްދަނީ އަށް ކުރި އަސަރުން ގިނަ އަދަދެއްގެ އާއިލާ ތަކުން ދަނީ ތަހައްމަލް ކުރަމުންނެވެ. ކުރިން އާއިލާގެ ދެ ތިން މީހުން ގުޅިގެން ކުލި ދެއްކި ނަމަވެސް ތިން މީހުންގެ މުސާރަ ވެސް ކުޑަކޮށް، ވަޒީފާ ގެއްލުމުން ކުލި ދެއްކޭނެ ހުރިހާ މަގެއް ބަންދު ވެއްޖެ އެވެ. ގޮތް ހުސްވެގެން އެތަށް ބަޔަކު އަލުން އަނބުރާ އުފަން ރަށަށް ބަދަލު ވެއްޖެ އެވެ.
ދެން އޮތީ ވިޔަފާރިތެކެވެ. އިގްތިސޯދު ހީނަރުވެ ވިޔަފާރިތައް ހަލާކު ވެއްޖެ އެވެ. ދައުލަތުގެ އާމްދަނީ ދަށްވުމުގެ ސަބަބުން ސަރުކާރުން ހިންގާ ގިނަ ޕްރޮޖެކްޓްތަކެއްގެ ފައިސާ "ފްރީޒް" ވެ ފައިސާ ނުލިބުމުގެ ޝަކުވާ އިންތިހާ އަށް އެބައޮތެވެ. މި ފައިސާ ލިބެން އޮތީ ސަރުކާރުގެ ހަރަދުން އެއްޗެއް ސަލާމަތް ވެގެންނެވެ. އެހެންވީއިރު، މަޖިލީހުން ދިން މުއްދަތު ހަމަވުމުގެ ކުރިން އެކަން ދެމެހެއްޓޭނެ ގޮތެއް ނުހެދެންވީ ކީއްވެގެން ހެއްޔެވެ؟ މަޖިލީހާއި މައި ސަރުކާރާ ދެމެދު ކުރާ ހަނގުރާމައެއްގެ މެދަށް ރައްޔިތުން ނެރެ އެއްލާލަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައްޔިތުން މަޖިލީހުން ދިން މުއްދަތު ހަމަވުމުން ހުރިހާ މުސާރަ ތަކެއް އިޔާދަކޮށް އަންނަ މަހު ލިބޭނީ ކުރީގެ މުސާރަ ކަމަށެވެ. މިއީ މިހާރު ވެސް ބޮޑު މުސާރަ ލިބޭ މީހުންނަށް އުފާވެރި ހަބަރެކެވެ. އެކަމަކު މިއީ މިހާލަތުގައި ވަރަށް ގޯސް މެސެޖެކެވެ.
އިގްތިސޯދީ މާހިރަކު ވިދާޅުވި ގޮތުގައި ހަރަދު ކުޑަ ކުރަން އަޅާ އެއްވެސް ފިޔަވަޅަކަށް ބަދަލު ގެނައުމަކީ މިހާލަތުގައި ދެވޭ ވަރަށް ގޯސް މެސެޖެއް ކަމަށެވެ.
"މަޖިލީހުން ގެނައި ބަދަލު ނިމުނީ އޯވަނައިޓަކުން ނޫނެއް ނޫން ތޯ؟ ނިމޭކަން އެނގޭ ދެން ކީއްވެގެން ތޯ ދުރާލާ އެކަމާ ނޫޅުނީ؟ މިއީ ވަރަށް ގޯސް މެސެޖެއް ޕަބްލިކަށް ދެވޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
މުސާރަތައް ކުޑަ ކުރުމުން ކިހާ ވަރެއް ސަލާމަތް ކުރެވުނު ތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ. ހަރަދު ކުޑަ ކުރުމުގެ އެހެން ފިޔަވަޅު ތަކުން ރައްކާ ކުރެވުނީ ކިހާ އަދަދެއް ހެއްޔެވެ؟
ފިނޭންސުގެ މައުލޫމާތު ތަކަށް ބަލާއިރު މުސާރަތައް ކުޑަކޮށްގެން ތިން މަހުން 12 މިލިއަން ރުފިޔާ ވަނީ ސަލާމަތް ކުރެވިފަ އެވެ. އަދި އެހެނިހެން ގޮތްގޮތުން ތިން މަހު ގާތްގަނޑަކަށް 15 މިލިއަން ސަލާމަތް ކުރެވުނު ކަމަށްވެ އެވެ. މިހާރުގެ ހަރަދާއި އާމްދަނީ ދަށްވެފައިވާ ނިސްބަތުން ބަލާނަމަ މިއީ ކުޑަ އަދަދެކެވެ. ސަބަބަކީ ސަރުކާރުގެ މުސާރަ ދިނުމަށް އެކަނި ވެސް މަހެއްގެ މައްޗަށް 800 މިލިއަން ރުފިޔާއާ ގާތަށް ފައިސާ ހޭދަ ކުރަން ޖެހެ އެވެ. ނަމަވެސް ދައުލަތެއްގެ ނިސްބަތުން ހަރަދު ކުޑަ ކުރަން ފެށުމެއްގެ ގޮތުގައި މިއީ އެޅިދާނެ ފިޔަވަޅެއްގެ ގޮތުގައި ބެލިދާނެ އެވެ.
ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކަށް މި ވަރުގެ ލުޔެއް ގެނެސްދިނީ، އަނެއްކާ މާގިނަ އިން ހިލޭ އެހީ ލިބުނީ ހެއްޔެވެ؟ ނޫނީ ލިބޭނެކަން ޔަގީންވީ ހެއްޔެވެ؟
ފިނޭންސުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ހިލޭ އެހީގެ ގޮތުގައި ލިބޭ އަދަދު މާބޮޑު ތަނުން އިތުރުވެފައެއް ނުވެ އެވެ. މީގެ ބަދަލުގައި ބޮޑު ތަނުން ދަނީ ދަށްވަމުންނެވެ. މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 33 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ބިލިއަނެއްހާ ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބިފައިވެ އެވެ.
އިގްތިސޯދީ މާހިރަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި އެކަށީގެންވާ ވަރެއްގެ ރިޒާވެއް ނެތްއިރު، ހަރަދު ކުޑަ ނުކުރާނަމަ ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަމަށެވެ.
"ސިންގަޕޫރު ފަދަ ގައުމުތަކަކީ ރިޒާވް މަތި ގައުމުތައް. މުޅި ގައުމު އެއްކޮށް ތަޅާލާފަ އަލުން ބިނާ ކުރާނެ ވަރަށް ވެސް ފައިސާ އެ މީހުންގެ ރިޒާވްގައި ހުރޭ. އެކަމަކު އެ މީހުން މުސާރަ ކުޑަ ކުރުން ފަދަ ފިޔަވަޅު ތަކަށް ބަދަލެއް ނުގެނެ. އެހެންވީމަ އަހަރެމެން މިގޮތަށް އަވަސް ބަދަލުތައް ގެނައުމަކީ ގައުމަށް ކެތް ކުރެވޭވަރުގެ ކަމެއް ނޫން،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ހަރަދު ކުޑަ ކުރަން އެބަ ޖެހެ އެވެ. ސަބަބަކީ ރާއްޖެ އިގްތިސޯދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތުމެވެ. ހަމައެކަނި އާމްދަނީ ލިބެން މިއޮތީ ޓޫރިޒަމް އެވެ. ޓޫރިޒަމް ދަށްވުމާއެކު ބޭރު ފައިސާ ވަންނާނެ މަގުތައް ބަންދުވެފައިވާކަން އެންމެންނަށްވެސް އެނގެ އެވެ. ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވްގައި ހުރީ ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ އެވެ. މިއީ އެންމެ ގިނަވެގެން ވެސް ދެ މަހަކު ރާއްޖެއަށް އިމްޕޯޓް ކުރާނެ ފައިސާ އެވެ. މި އަދަދު ރިޒާވުން ދައްކާއިރު އިގްތިސޯދީ ކުރިމަގުން ދައްކަނީ ނުރައްކާތެރި މަންޒަރު ތަކެވެ. ރާއްޖޭގައި ކޮވިޑް-19 މައިތިރިވުމުގެ އެއް ވެސް ނިޝާނެއް ނުފެނެ އެވެ. ޓޫރިޒަމް ރަނގަޅުވެދާނެ ކަމުގެ އަލާމާތެއް ނުފެނެ އެވެ. އެހެންވެ، ހަރަދު ކުޑަކޮށްގެން ނޫނީ ރާއްޖެ އަށް ހަމަނޭވާ ވެސް ލެވޭކަށް ނެތެވެ.