އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކޮވިޑް-19 އާ ގުޅިގެން ދޫކޮށްފައިވާ ލޯނުތަކަށް އިތުރު ލުއި ތަކެއް ހޯދައިދޭން މަޝްވަރާ ކުރަން ފަށައިފި އެވެ.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު އަވަސް އަށް ވިދާޅުވީ އެ ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ މުއްދަތު ހަމަވާތީ ލޯނުތަކަށް އިތުރު ލުއިތަކެއް ހޯދަން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"ގިނަ ބައެއް ފަރާތުން ޝަކުވާ ލިބެމުން އެބަދޭ. އެހެންވެ އިތުރު ގޮތް ތަކެއް ހޯދައިދޭން މަޝްވަރާ ކުރަމުން މިދަނީ،" ޒީނާދު ވިދާޅުވި އެވެ.
އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނު ތަކަށް ދީފައިވާ ހަ މަހުގެ ގްރޭސްޕީރިއަޑް އަންނަ މަހު ހަމަވާނެ އެވެ. އަންނަ މަހުގެ ފަހުން ލޯނުތައް ދައްކަން ޖެހޭއިރު، ރާއްޖޭގެ އިގްތިސޯދީ ރަނގަޅުވާން ފަށާނެ ކަމަށް އެންމެ އަވަހަށް ވެސް ބެލެވެނީ ޑިސެމްބަރުގެ ފަހުންނެވެ. ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދޭން ސަރުކާރުން ދޫކުރި ލޯނުތައް އަނބުރާ ދައްކަން ފަށަން ޖެހޭތީ ގިނަ އަދަދެއްގެ ވިޔަފާރި ތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ބައެއް ވިޔަފާރިތަކުން ބުނާ ގޮތުގައި ޓޫރިޒަމް ރަނގަޅު ނުވަނީސް ލޯނުތައް ދައްކަން ޖެހިއްޖެނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވާނެ އެވެ.
އެސްއެމްއީ ބޭންކް އިން ދަނީ ގިނަ ލޯނުތަކެއް ދޫކުރަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން، ވިޔަފާރި ތަކަށް އެހީވުމުގެ ގޮތުން ސަރުކާރުގެ އެހީތެރިކަމާއެކު، އެސްޑީއެފްސީ މެދުވެރިކޮށް ކުދި އަދި މެދުފަންތީ ވިޔަފާރިތައް މިހާލަތުގައި ދެމިތިބެން ބޭނުންވާ އެހީގެ ގޮތުގައި ލުއި ލޯނު ދަނީ ދޫކުރަމުންނެވެ. އެސްޑީއެފްސީ އިން ކުދި ވިޔަފާރި ތަކަށް ދެނީ 500،000ރ. ހަމަ އަށް ނެގޭ ލޯނު ތަކެވެ. މި ސްކީމުގެ ދަށުން ލޯނު ދޭނީ ހަ ޕަސެންޓު އިންޓްރެސްޓުގަ އެވެ. މި ލޯނު ދައްކަން ތިން އަހަރު ލިބެ އެވެ.
އެސްޑީއެފްސީން މިހާތަނަށް 1،0،46 ވިޔަފާރި އަށް 209،9 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި އަމިއްލަ މަސައްކަތް ކުރާ 433 ފަރާތަކަށް 13 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.