އެފްއޭއެމް

އެފްއޭއެމްގެ ހިންގުން އާ އޮފީހަށް ބަދަލުކޮށްފި

މާފަންނު އުޖާލާ ހިންގުމުގައި ހުންނަ އެފްއޭއެމްގެ ކުރީގެ އިމާރާތް ތަޅާލަން ހަމަޖެހިފައި ވާތީ، އެފްއޭއެމްގެ ހިންގުން އާ އިމާރާތަށް ބަދަލުކޮށް ހިންގަން ފަށައިފި އެވެ.

އެފްއޭއެމްގެ އާ އޮފީސް ގާއިމު ކޮށްފައި ވަނީ ޗާންދަނީ މަގުގައި ހުންނަ މއ. އޮލިވީނަ އެވެ. (ޗާންދަނީ މަގު ސޮނީ ސްޕޯޓްސް ކުރިމަތި)ގައި ހުންނަ އެ އިމާރާތުގެ ތިން ފަންގިފިލާ ވަނީ އެފްއޭއެމްގެ ބޭނުންތަކަށް ނަގާފަ އެވެ. ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ އެފްއޭއެމްގެ އޮފީސް ބަދަލުވިނަމަވެސް ދެމުން އައި ހިދުމަތަކަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުން މަސައްކަތަށް ނެރެނީ ދެ ޝިފްޓަކަށް ބަހާލައިގެން، ކޮންމެ ހަފުތާއަކުން ޝިފްޓް ބަދަލުވާ ގޮތަށް ކަމަށެވެ.

އެފްއޭއެމް ކުރިން ހުރި އިމާރާތް ތަޅާލުމަށް ފަހު، އެ ބިމުގައި 20 ބުރީގެ ޓަވަރެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ، ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުންޏާ އެވެ. ޖަވާޒު ވިދާޅުވީ ކުރީގެ އޮފީސް އިމާރާތް ތަޅާލުމުގެ މަސައްކަތް ސްކައި ވިންޑް ގުލާބަލް ކުންފުނިން ކުރިއަށް މަސްތަކުގައި ފަށާނެ ކަމަށެވެ.

އަތޮޅުތެރޭގައި އަޅާ ޓާފް ދަނޑުތަކުގެ މަސައްކަތް ވެސް އެފްއޭއެމުން ހަވާލުކޮށްފައިވަނީ ސްކައި ވިންޑް ގުލޯބަލް ކުންފުންޏާ އެވެ. އެފްއޭއެމުން އަމާޒު ކަނޑައަޅާ ފައި ވަނީ ދަނޑުތަކުގެ މަސައްކަތް ފަށުމަށް ކޮންމެ މަހަކުން ދަނޑެއްގެ މަސައްކަތް ނިންމާލު މަށެވެ.

އެފްއޭއެމްގެ އުމުރާނީ މަޝްރޫއުގެ ތެރެއިން މާލޭ ސަރަހައްދުގައި އާއިމު ދެ މަޝްރޫއެއް ބާރު ސްޕީޑްގައި ދަނީ ކުރިއަށެވެ. ކުޅިވަރު އެކުވެނީގެ ދެކުނުން ހުޅަނގު ކޮޅުގައި ހަދާ ހަތަރު ބުރީގެ އިމާރާތް ބާރު ސްޕީޑްގައި ދަނީ ކުރިއަށެވެ. އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ޝީޓް އެޅުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަނީ ނިމިފަ އެވެ. އަދި ވިލިމާލޭގައި އެކޮމެޑޭޝަން ބްލޮކަކާއި އެކު އަޅާ ޓާފް ދަނޑު ހިމެނޭ މަޝްރޫގެ ބޮޑުބައެއް މިހާރު ވަނީ ނިމިފަ އެވެ. އަދި އައްޑޫގައި އިމާރާތް ކުރި އޮފީސް އިމާރާތުގެ މަސައްކަތްވެސް މިހާރު ވަނީ މުޅިން ނިމިފަ އެވެ.

އަވަސްގެ މޯނިންގް ޝޯ "ފަށަމާ" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ދަތުރުފަތުރު ކުރެވެން ފެށުމުން އައްޑޫއަށް ގޮސް އެ އޮފީސް ރަސްމީކޮށް ހުޅުވާނެ ކަމަށެވެ.