މި ވާހަކައެއް ކިޔައިދޭއިރު އައިޝާ (އަސްލު ނަމެއް ނޫން) ގެ ބަނޑަށް މިހާރު ދެ މަހެވެ. އިރާދަކުރެއްވިޔާމު، ސިއްހީ ގޮތުން ވެސް މިވަގުތަށް އެއްވެސް މައްސަލައެއް ނެތެވެ. ހަމަ ހުރިހާ ކަމެއް ނޯމަލް އެވެ.
ނަމަވެސް މީގެ ހަ މަސް ކުރިއަށް ޖެހިލައިގެން އައިޝާގެ ވާހަކަ ކިޔައިދޭ ނަމަ މި ވާހަކައެއް ފަށަން ޖެހޭނީ ވަރަށް ހިތްދަތި ފެށުމަކުންނެވެ.
ޗުއްޓީއެއް ލިބޭއިރަށް ފޮށިތަންމަތި ތައްޔާރުކޮށްގެން އައިޝާ އާއި އޭނާގެ ފިރިމީހާ އޭރު ފުރައިގެން ދަނީ އިންޑިއާ އަށެވެ. ނުވަތަ ސިންގަޕޫރަށެވެ. ނަމަވެސް މި ސިލްސިލާއެއްގައި ހަ އަހަރު ފާއިތުވެގެން ދިޔައިރު ވެސް އައިޝާގެ ދެމަފިރިންގެ ހިތަކަށް ފިނިކަމެއް ނުލިބުނެވެ. ދެ މީހުންގެ ހަޔާތަށް އިތުރުކުރަން ބޭނުންވި މެމްބަރަށް މަރުހަބާކިޔާނެ ފުރުސަތެއް ތަނަވަހެއް ނުވި އެވެ.
މިހާރު އުމުރުން 30 އަހަރުން މައްޗަށް ގޮސްފައިވާ މި ދެމަފިރިންގެ ހިތާމަ އަކީ ކައިވެންޏަށް ހަ އަހަރު ވެގެންދިޔައިރު ވެސް މަންމާއޭ ބައްޕާއޭ ކިޔައި ގޮވާލާނެ ދަރިއަކު އެމީހުންނަށް ލިބިފައި ނެތުމެވެ.
ކިޔަވަން މާލެ އައިސް ކުއްޔަށް އުޅުނު ގެއިން ބައްދަލުވެ، ރައްޓެހިވެ އެންމެފަހުން ހިތާއި ހިތުގެ ގުޅުމަކުން 2009 ވަނަ އަހަރު ދެމަފިރިންނަށް ބަދަލުވެގެން ދިޔަ އައިޝާ އާއި ހުސެން ދަރިއަކު ހޯދަން މަސައްކަތްކުރަމުން ދިޔައީ ދެ މީހުންގެ އަލަތު ކައިވެނީގެ ފުރަތަމަ ރެއިން ފެށިގެންނެވެ.
"ފިރިމީހާ އަބަދު ކިޔާނެ އޭނާ އެންމެ ބޭނުންވަނީ އަންހެން ކުއްޖެކޭ،" މިއީ އޭރު އެމީހުންގެ އިހްސާސްތައް ހުރި ގޮތެވެ.
ނަމަވެސް ހަގީގަތަކީ އައިޝާ އޭރު ހުރީ އޭނާ އާއި އޭނާގެ ފިރިމީހާގެ ހުވަފެން ވެސް ހަގީގަތަށް ހަދައިދެވޭ ފަދަ ސިއްހީ ހާލަތެއްގައި ނޫން ކަމެވެ. ދަރިއަކު ހޯދަން ދެ މީހުން ހަ އަހަރު ވަންދެން ކުރި މަސައްކަތުން ނަތީޖާއެއް އުފަންނުވެ ދިޔައީ އައިޝާގެ ޕޮލިސިސްޓިކް އޯވަރީސްގެ ސަބަބުންނެވެ.
ޕޮލިސިސްޓިކް އޯވަރީސް ނުވަތަ ޕީސީއޯ ސިންޑްރޯމް އަކީ އަންހެނުން ދަރިމައިވުމަށް ހުރަސް އަޅާ އެންމެ އާންމު މައްސަލަ ނުވަތަ ބައްޔެވެ.
** ** **
ޕީސީއޯސީ އަކީ ކޮބާ؟
މިއީ އަންހެން މީހާގެ ޕީރިއަޑް (މައްސަރުގެ ކަންތައް) އޮޅުންބޮޅުން އަރުވާލާ ބައްޔެކެވެ. މި މައްސަލަ ކުރިމަތިވެފައިވާ އަންހެނުންގެ އޯވަރީސްތަކުގައި ކުދި އެކަމަކު ބައިވަރު ސިސްޓްތަކެއް ނެގުމުގެ ސަބަބުން ޕީރިއަޑްގެ ސައިކަލް ހަރާބުވަނީ އެވެ.
މި ދެންނެވި ސިސްޓްތަކާ އެކު އޯވަރީސްތައް ފުފިގެންދާއިރު ޕީރިއަޑްގެ މައްސަލަތައް ދިމާވާން ފަށަނީ އެންޑްރޯޖެން އާއި އެސްޓްރޯޖެނިކް ނަމަކަށް ކިޔުނު ހޯމޯންސްތަކެއް އާދަޔާހިލާފު މިންވަރަކަށް އުފައްދަން ފެށުމުގެ ސަބަބުންނެވެ.
ޕޮލިސިސްޓިކް އޯވަރީސް ހުންނަ އަންހެނުންނަށް ދަރިން ލިބުމުގެ ޗާންސް ވަރަށް ވެސް ކުޑަ އެވެ. ފަރުވާކޮށްގެން ބައެއް މީހުންނަށް ދަރިން ލިބެ އެވެ. ނަމަވެސް މި ބަލި ހުންނަ ގިނަ އަންހެނުންނަކީ އެއްގޮތަށް އޮވިއުލޭޓް ވެސް ނުވާ އަންހެނުންނެވެ.
** ** **
އިންޑިއާ އާއި ސިންގަޕޫރަށް ފުރައިގެން ދިއުމުގެ ކުރިން އައިޝާ އާއި އޭނާގެ ފިރިމީހާ އެންމެ ފުރަތަމަ ދިޔައީ މާލޭގައި ތިބި ޑޮކްޓަރުންގެ ގާތަށެވެ. މާލެއިން ދެއްކި ޑޮކްޓަރުންގެ ފަރާތުން ހިތްހަމަޖެހޭވަރު ނުވެގެން ދެ މީހުން ޗުއްޓީ ބަންދުތަކާ ދިމާކޮށް އިންޑިއާ އާއި ސިންގަޕޫރަށް ދާން ފެށީ އެވެ.
ނަމަވެސް ދެން ވެސް އުފާވެރި ޚަބަރެއް ލިބޭގޮތެއް ނުވި އެވެ.
"ޑޮކްޓަރުން ބުނީ ޕޮލިސިސްޓިކް އޯވަރީސްގެ ސަބަބުން ދަރިއަކު ލިބުމުގެ ފުރުސަތު ވަރަށް ކުޑައޭ. އޮވިއުލޭޓްވެ ބަނޑުބޮޑުވިޔަސް ބައިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑޭ ޔޫޓެރަސްގެ ހާލަތު ހުރި ގޮތުން ވެސް."
އިންޑިއާ އާއި ސިންގަޕޫރުގެ ތަޖުރިބާކާރު ޑޮކްޓަރުން ވެސް އައިޝާ އާއި އޭނާގެ ފިރިމީހާ އަށް ދިން ޖަވާބަކީ މިއީ އެވެ.
ޑޮކްޓަރަށް ދައްކަން ފައިސާއެއްކޮށްގެން ކުރި ދަތުރުތައް ހުއްޓާލުމަށް ފަހު އެމީހުން ދެން ނިންމީ އުމްރާއަށް މައްކާ އަށް ދިއުމަށެވެ. ދަރިއަކު ދެއްވާތޯ އެދި މާތް ރަސްކަލާނގެ ހަޟުރަތަށް ދުޢާކޮށް އާދޭސް ދެންނެވުމަށެވެ.
ނަމަވެސް އުމްރާ އަށް ދާން އެފަހަރު އެއްކުރި ހުރިހާ ފައިސާއެއް އެންމެ ފަހު ވަގުތު ހޭދަކުރަން ޖެހުނީ ކެންސަރަށް ޑައިގްނޯސްކުރި މަންމައަށެވެ. އައިޝާގެ ފިރިމީހާގެ މަންމަ އަށް ކެންސަރު ޖެހި އިތުރު ހިތްދަތިކަމެއްގެ ތެރެއަށްމި ދެމަފިރިން ދަމައިގެން ދިޔައީ އެވެ.
ފަހަރެއްގައި ދެ މީހުން ދަރިއަކު ހޯދުމުގެ އުއްމީދު ކަނޑާލައި މިސްރާބު ބަދަލުކޮށްލުމުގެ ވިސްނުން އިސްކުރި ހިސާބަކީ އެއީ އެވެ.
"ފިރިމީހާ ދެން ބޭނުންވީ ދެ ވަނަ އަންބަކު ހޯދަން. އެކަމަކު އަހަރެން އެންމެ ދެރަވީ އޭނާ އަށް ބައްޕާއޭ ކިޔާ ގޮވާލާނެ ކުއްޖަކު އަހަންނަށް އޭނާ އަށް ހޯދައިނުދެވުނީމަ."
ފިރިމީހާ ދެ ވަނަ އަންބެއްގެ ވާހަކަ ދެއްކީމަ އެކަމަށް އައިޝާގެ ހިތުގެ އެންމެ ފުންމިނުން ރުހި ގަބޫލުވީ ކިތަންމެ ބޮޑު ގުރުބާނީއެއްވެގެން ވެސް ފިރިމީހާ ހިތްހަމަ ޖައްސައިދޭން އަޒުމްކަނޑައަޅައި ވަފާތެރިކަމުގެ ދިދަ ނަގައިގެން ހުރީމަ އެވެ.
މި ހިތްދަތިކަމެއް އައިޝާގެ ހަޔާތަށް ވެރިވުމަށް ފަހު ދެން އައީ ހިމޭންކަމެކެވެ. ދެ ވަނަ އަންބަކު ހޯދުމުގެ ހިޔާލު ދޫކޮށް އައިޝާ އާއި އޭނާގެ ފިރިމީހާ ހަމަހިމޭންކަމުގައި ކުރިއަށް ހިނގައިގަތީ އެވެ.
"ހިޖާމާ ތެރަޕީ ނަގަން ލަފާ ދިނީ އެގޮތަށް އުޅެނިކޮށް ފިރިމީހާގެ ރައްޓެއްސަކު."
** ** **
ހިޖާމާ އަކީ ކޮބާ؟
މިއީ އަރަބިންގެ ތެރެއިން ތައާރަފްވެގެން އައިސްފައިވާ ނިކަން ވަރުގަދަ އަދި އެހާމެ މާތް ފަރުވާއެކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު މިއީ ސީދާ އަޅުގަނޑުމެންގެ ރަސޫލާ އެ ފަރުވާއަކަށް އިޝާރާތްކުރައްވައި ހިތްވަރު ދެއްވާފައިވާ ފަރުވާއެކެވެ.
ރަސޫލާ ހަދީސްކުރެއްވި ކަމަށް ރިވާވެގެން އައިސްފައި ވަނީ އެންމެ މޮޅު ފަރުވާ އަކީ ހިޖާމާ ކަމަށެވެ. ބުނެވޭ ގޮތުގައި މިއީ މަރު ނޫން އެހެން ހުރިހާ ބައްޔަކަށް ވެސް އޮތް ޝިފާ އެކެވެ.
އަލް ހިޖާމާ ނުވަތަ (އިނގިރޭސި ބަހުން ނަމަ) ކަޕިން ތެރަޕީ އަކީ ވެކިއުމްކޮށް ހަށިގަނޑުގައި ހުންނަ ލޭގެ ނަޖިސް ބޭރުކުރާ ފަރުވާ އެކެވެ.
މި ފަރުވާ މިފަހުން ރާއްޖޭގައި ވެސް ނިކަން މަގްބޫލުވެފައިވާކަން ފާހަގަކޮށްލެވެ އެވެ.
** ** **
އައިޝާ އާއި އޭނާގެ ފިރިމީހާ އަށް ހިޖާމާގެ ސައްހަކަމާއި މޮޅުކަމުގެ ވާހަކަ އަޑުއިވުނު ހިސާބުން ފެށިގެން އެމީހުން ނިންމީ އެ ފަރުވާ ނަގާށެވެ. އެގޮތުން އެމީހުން ދިޔައީ އޭގެ ހަތަރު ސެޝަނަކަށެވެ. އެއީ ކޮންމެ ސެޝަނަކަށް 1500ރ. ހޭދަކޮށްގެންނެވެ.
"ހިޖާމާ ފަރުވާ ނެގިތާ ބަރާބަރު ހަ މަސް ފަހުން ބަނޑުބޮޑުވެއްޖެ."
ކުރިން ވެސް ދެންނެވި ފަދައިން އެ ބަނޑަށް މިހާރު ދެ މަހެވެ. އިރާދަކުރެއްވިއްޔާ، ހުރިހާ ކަމެއް ވެސް އަދި ރަނގަޅެވެ.
އައިޝާގެ އަމިއްލަ ތަޖުރިބާ އަށް ފަހު އޭނާ ބުނަނީ ދަރިން ނުލިބޭ މީހުން ނުވަތަ ދަރިން ހޯދަން އުނދަގޫ މީހުން ހިޖާމާ ފަރުވާ އަށް ސަމާލުކަންދީ އިސްކަން ދިނުން ވަރަށް މުހިންމު ކަމަށެވެ.
ފާހަގަކޮށްލަން ޖެހެނީ އައިޝާ ފަދަ އެތައް އެހެން ބަޔަކު ވެސް ދަރިން ނުލިބިގެން މާލޭގައި މިހާރު ވެސް ހިޖާމާ ފަރުވާ ނަގަމުން ގެންދާ ކަމެވެ. އަގަށް ހިޖާމާ ޖަހައިދޭ މީހުން އިތުރުވަމުން އަންނައިރު އެމީހުން ބުނަނީ ދަރިން ނުލިބޭ މައްސަލައިގެ އިތުރުން ތަފާތު އެކި އެހެން ބަލިތަކާއި ނުބައި ސިހުރު ބާތިލުކުރުމަށް ވެސް ހިޖާމާ ފަރުވާ ނަގާ މީހުން ގިނަ ކަމަށެވެ.
އާންމުކޮށް މާލޭގައި ހިޖާމާ ޖަހައިދޭ އަގު އުޅެނީ ސެޝަނަކަށް 1000ރ އާއި 1500ރ. އާ ދެމެދުގަ އެވެ.