ލައިފްސްޓައިލް

އެންމެ ކާމިޔާބު އެންމެ ބާރުގަދަ ލީޑަރުންގެ ދުވަސް ފަށަނީ ކިހިނެތް؟

ބައެއް މީހުންނަކީ ފަތިހު ފަތިހާ ހޭލައިގެން ހޭވައްޓާލާފައި މަސައްކަތްކުރާ މީހުންނެވެ. އެފަދަ މީހުންނަށް ފަސޭހައީ ވެސް ހެނދުނުގެ ހިތްގައިމުކަމުގައި މަސައްކަތްކުރާށެވެ. ނަމަވެސް އިރުނުއޮއްސިގެން ތިބޭ ބަޔަކު ވެސް ތިބެވެ. އެއީ ރޭގަނޑުގެ ނުވަތަ މެންދަމުގެ ހަމަހިމޭންކަމުގައި މަސައްކަތްކުރަން އެ މީހުންނަށް ފަސޭހަވީމަ އެވެ.

އެހެންވީމަ އެންމެ ކާމިޔާބު އަދި އެންމެ ބާރުގަދަ މީހުންނާއި ލީޑަރުންގެ ދުވަސްތަކަށް އިރުއަރައިގެން ގޮސް އެ އިރު އޮއްސެނީ ކިހިނެތްތޯ ބަލައިލަމާ ހިނގާށެވެ. އެފަދަ ލީޑަރުންގެ ދުވަސް ފަށަނީ ކިހިނެތްތޯ ބަލާލަމާ ހިނގާށެވެ.

މިކަން މުހިންމު ވަނީ ފަހަރެއްގައި އެމީހުންގެ ފިޔަވަޅުމަތިން ހިނގައިގެން ދެން ހުންނަ އާދައިގެ މީހާ ވެސް އެހާ ކާމިޔާބު ނުވަތަ ބާރުގަދަ މީހަކަށް ބަދަލުވުމުގެ ފުރުސަތު އޮތީމަ އެވެ.

ސްޓީވް ޖޮބްސް އަކީ މަޝްހޫރު އެޕަލް ކުންފުނި ވުޖޫދަށް ގެނައި އެއް އުފެއްދުންތެރި ސިކުނޑި އެވެ. 2011 ވަނަ އަހަރު ކެންސަރު ބަލީގައި މި ދުނިޔެއާ ވަކިވެގެން ދިޔައިރު 11 ބިލިއަން ޑޮލަރު މިލްކިއްޔާތުގައި ހުއްޓެވެ.

އޭރު އޭނާގެ އެޕަލް ކުންފުންޏަކީ ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ ކާމިޔާބު ކުންފުންޏެވެ. ޔަގީނަށް ވެސް މި ކާމިޔާބީގެ ފަހަތުގައި އޭނާގެ އަހުލާގުގެ ރޯލު ބޮޑެވެ. ގެންގުޅުއްވި އުސޫލުތަކުގެ ހިއްސާ ބޮޑެވެ.
ކޮންމެ ދުވަހެއްގެ ހެނދުނުގެ ވަގުތަކީ ސްޓީވް ޖޮބްސް މޫނުބަލާ ލޯގަނޑެއްގެ ކުރިމަތީގައި ހުއްޓިހުރެގެން އޭނާއާ ސުވާލުކޮށް ވާހަކަ ދެއްކި ހެނދުނެކެވެ.

"މިއަދަކީ އަހަރެންގެ ހަޔާތުގެ އެންމެ ފަހު ދުވަސް ކަމުގައި ވަނީ ނަމަ މިއަދު އަހަރެން ކުރަން ހިތުއަޅައިގެން އުޅޭ ކަމަކުން އަހަންނަށް ހިތްހަމައެއް ޖެހިދާނެތަ؟،" މިއީ އެގޮތަށް ލޯގަނޑަށް ބަލަހައްޓައިގެން ހުރެ އަމިއްލަ ނަފުސާ އޭނާ ކުރި އެންމެ އާންމު ސުވާލެވެ.
އޭގެ ޖަވާބުގައި ތަކުރާރުކޮށް "ނޫނެކޭ" ބުނަން ޖެހިއްޖެ ނަމަ ޖޮބްސް ހަދާ ގޮތަކީ އޭނާގެ މަސައްކަތުގެ ވައްޓަފާޅި އާއި ސިޔާސަތު ކުޑަކޮށް ބަދަލުކޮށްލަނީ އެވެ.

މާކް ޒަކަބާގް އަކީ ސޯޝަލް މީޑިއާގެ ރަސްގެފާނެވެ. ފޭސްބުކްގެ ފައުންޑާ އެވެ. މިލްކިއްޔާތުގައި 35 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
ޒަކަބާގްގެ ދުވަހަށް އިރުއަރައިގެން އަންނައިރު އޭނާ އެންމެ މުހިންމު ކަމަކަށް ބަލަނީ ކޮން ކަމެއް ހެއްޔެވެ؟
ހެދުން އަޅާ ގޮތެވެ. ޒަކަބާގަކީ އާންމުކޮށް ކޮންމެ ދުވަހަކު ވެސް އެއްގޮތަކަށް ހެދުން އެޅުމަށް މަޝްހޫރު މޫނެކެވެ. އެއީ އޭނާ ކުރަން ޖެހޭ ކަންތައް ނުވަތަ ނިންމަން ޖެހޭ ނިންމުންނަށް ދުވަހުގެ ބާކީ އޮންނަ ބައިގައި ގިނަވީމަ އެވެ.

ޒަކަބާގް އާންމުކޮށް އޭނާގެ ދުވަސް ފަށަނީ ނިކަން ކުޑައިރުކޮޅަކަށް ނިދާލައިގެންނެވެ. އާންމުކޮށް ދުވަހަށް އިރުއަރާނީ އޭނާ ހޭލައި އިނދެގެން ކޮންމެވެސް ޕްރޮގްރާމަރަކާ ޗެޓްކުރަނިކޮށެވެ.

ވިންސްޓަން ޗާޗިލް އަކީ އިނގިރޭސި ވިލާތުގެ ކުރީގެ މަޝްހޫރު ބޮޑުވަޒީރެކެވެ. ދެ ވަނަ ބޮޑު ހަނގުރާމާގައި ނާޒީ ޖަރުމަނުގެ މައްޗަށް އިނގިރޭސި ސިފައިން ކުރި ހޯދީ އޭނާގެ ޒައާމަތުގަ އެވެ.

ޗާޗިލް އަކީ ހެނދުނު 7:30ގައި ނިދިން ހޭލައްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެންނެވި ލީޑަރެކެވެ. އެކަމަކު އެނދު ދޫކޮށް ވަޑައިގަންނަވާނީ 11 ޖަހާއިރު އެވެ. އެއީ އެނދުގައި ބްރޭކްފާސްޓް ނެންގެވުމަށް ފަހު އެވެ.

އެ ގަޑީގައި ދުވަހުގެ މުހިންމު ނޫސްތައް ވެސް ވިދާޅުވި އެވެ. އަދި ފޯނު ކޯލުތަކުން ވަޒީރުންނަށް އިރުޝާދު ވެސް ދެއްވަ އެވެ.
ބަރަކް އޮބާމާ އަކީ އެމެރިކާގެ މިހާރުގެ ރައީސެވެ. އެމެރިކާގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ވޯޓް ކާމިޔާބުކުރެއްވި ރައީސަކީ މިއީ އެވެ. އެއީ 2008 ވަނަ އަހަރު ހޯއްދެވި 69 މިލިއަން ވޯޓެވެ.

އޮބާމާ އަކީ ނިކަން ސިއްހަތަށް ބައްލަވައިގެން އުޅުއްވާ ލީޑަރެކެވެ. ހެނދުނު ހޭލައިގެން ގަވާއިދުން ޖިމަށް ވަޑައިގެން ކޮންމެ ދުވަހަކު ވެސް ކަސްރަތު ކުރައްވަ އެވެ. އެއަށް ފަހު ދުވަހުގެ ބުރަ މަސައްކަތަށް ވަޑައިގަތުމުގެ ކުރިން އާއިލާއާ އެކު ބްރޭކްފާސްޓް ނަންގަވަ އެވެ. ދެ އަންހެން ދަރިން ސްކޫލަށް ދިއުމުގެ ކުރިން އެމީހުންނަށް އެކި ކަންކަމުގައި އެހީތެރިވެ ވަޑައިގަންނަވަ އެވެ.

މައިކްރޮސޮފްޓް ގެނެސްދިން ބިލް ގޭޓްސް އަކީ ވެސް ސިއްހަތަށް ނިކަން ފަރުވާތެރިވެ ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން އަބަދުވެސް ހެނދުނު ހޭލައިގެން ޓްރެޑްމިލްގައި އެއް ގަޑިއިރުގެ ކަސްރަތު ކުރައްވަ އެވެ.