މިނިސްޓްރީ އޮފް ޓޫރިޒަމް

އިންޑަސްޓްރީއަށް ގެއްލުންވާނެ އަގުތަކެއް ކަނޑަނާޅަން ގޮވާލައިފި

Aug 27, 2020

މިއަހަރުގެ ބާކީ މި އޮތް މުއްދަތުގައި 120،000 ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށާ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ގެއްލުން ނުވާ ގޮތަށް އަގުތައް ވައްޓާނުލާ އިންވެސްޓަރުން މެދުގައި ވެވޭ އެއްބަސްވުމާއި އެއްގޮތަށް އެއް މިންވަރެއްގައި އަގުތައް ހިފެހެއްޓުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްﷲ މައުސޫމް އިލްތިމާސް ކުރައްވައިފި އެވެ.

ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. މިދިޔަ ދުވަސްތަކުގައި ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ ވަރަށް މަދުންނެވެ.

ރޭ ރާއްޖެ ޕްރޮގްރާމެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރިކަމަށް ކުރިއެރުން ލިބެން އޮތީ ރާއްޖޭގެ ކޮވިޑް ނަންބަރުތައް މަދުކޮށް "ސޭފް" ގައުމެއްގެ ގޮތުގައި ރާއްޖެ ދައްކައިގެން ކަމަށެވެ.

ބޯޑަރު ހުޅުވާލުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިން މަދު ނަމަވެސް މި އަހަރުގެ ބާކީ އޮތް މުއްދަތުގައި 120،000 ފަތުރުވެރިން ރާއްޖެ އަންނާނެ ކަަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަތުުރުވެރިން އަންނަ މިންވަރު ކުރީ އަހަރުތަކާއި އަޅާ ބަލާއިރު މަދު ނަަމަވެސް ދަތުރުފަތުރު ހުރި ގޮތުން ގިނަ ފަތުރުވެރިން ރާއްޖޭގައި ގިނަ ދުވަސްތަކެއް ހޭދަ ކުރާނެ ކަމަށް ދެކެ ވަޑައިގަންނަވާ ކަމަށެވެ.

"ކޮވިޑް ނަންބަރު ދަށައް ގޮއްސިއްޔާ ފުދޭ ވަރަކަށް ކުރިއެރުމެއް އަންނާނެ. ތަންކޮޅެއް ދަށުގެ އަންދާޒާ ކުރަންޏާ 120،000 ޓޫރިސްޓުން މި އޮއް ދުވަސްކޮޅުގެ ތެރޭގައި ގެނެވޭނެ. އެކަމަކު އުފާވެރި ހަބަރަކީ ކޮވިޑާހެދި ކުރިން ރާއްޖޭގައި އެވްރެޖް ސްޓޭ، ގެސްޓަކު އާންމުކޮށް ހޭދަކުރާ މުއްދަތު ކުރީ އަހަރުތަކުގައި ފަހެއް ހައެއްގައި އުޅުނަސް މިހެން މަޑުމަޑުން އިތުުރުވަމުން އައިސް ހަތް ދުވަހު އުޅެފައި މިހާރު މިދިޔަ ދުވަސްތަކަށް ބަލާއިރު ވަރަށް ދިގު. އެހެން ނޫންތޯ ވާނީ ފްލައިޓްތަކާއި އެެއްޗެހި ނެތީމަ. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ ގެސްޓަކު ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުުރުވެގެން ދާނެ. މިއީ ގެސްޓް ހައުސްތަކަށް ވެސް އަދި ސަފާރީ ވެސް އުފާވެރި ހަބަރެއް،"

މައުސޫމް ވިދާޅުވީ ފަތުރުވެރިން އަންނަ މިންވަރު މަދު ނަމަވެސް ބެޑް ނައިޓް އިތުރުވެ، ފަތުރުވެރިން ކުރާ ހަރަދު އިތުރުވެއްޖެނަމަ އެކަމުގެ ފައިދާ ރާއްޖެއަށް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މި އުންމީދު ކުރަނީ މިހާރު މި އަންނަ މީހުން އެވްރެޖްކޮށް 14 ދުވަހު ތިބޭނެ ކަމަށް،" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ފަތުރުވެރިން ހޯދުމަށް ކުރަން އޮތީ ވަރުގަދަ ހަނގުރާމައެއް ކަމަށެވެ. ނަމަވެސް އެ ހަނގުރާމައިގެ ތެރޭގައި ދިވެހި ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ އަގުތައް ތިރިކޮށް ނުލާ ހުރިހާ އިންވެސްޓަރުން އެއްބަސްވެގެން ރަނގަޅު އަގުތަކެއް ކަނޑައެޅުމަށް މައުސޫމް އިލްތިމާސް ކުރެއްވިއެވެ.

"އަޅުގަނޑު އިލްތިމާސް ކުރަނީ އިންޑަސްޓްރީގެ ހުރިހާ ބޭފުޅުން އިންޑަސްޓްރީއަށް ގެއްލުންވާ ގޮތަށް ޕްރައިޒްތައް ތިރިކޮށް ނުލާ އެންމެން އެއްބަސް ވެގެން ޕްރައިޒްތައް ވަކި ވަރެއްގައި ހިފަހައްޓާށޭ. އޭރުން ގެސްޓަކު އަތުން ލިބޭ އެއްޗެއް ރަނގަޅުވާނެ،"

މިނިސްޓަރު ވިދާޅުވީ އަގުތަކުގައި ވާދަވެރިން އޮންނަން ވާނީ އިންޑަސްޓްރީ ތެރޭގައި ނޫން ކަމަށާ އެކަން ކަނޑައަޅަންވާނީ ދުނިޔޭގެ މާކެޓަށް ބެލުމަށްފަހު ކަމަށެވެ.

މިވަގުތު 60 ރިސޯޓް އޮޕަރޭޓް ކުރަން ހުއްދަ ދީފައިވެއެވެ. އަދި 80 ސަފާރީއަކަށްވެސް ލައިސަސް ދޫކޮށްފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ކުރީ އަހަރާއި އަޅާ ބަލާއިރު މި އަހަރު ރާއްޖޭގެ ފަތުރުވެރިކަން 70 އިންސައްތަ ދަށައްދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.