މެސީ

ބާޓޯމެއު އިސްތިއުފާ ދީފިނަމަ މެސީ ހުރެދާނާނެ

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ، އެ ކުލަބުގައި މަޑު ކުރެވެން އޮތް ނަމަ އެގޮތަކީ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު މަގާމުން އިސްތިއުފާ ދިނުން ކަމަށް، ބާސާގެ ރައީސް ކަމަށް ވާދަ ކުރާ ކެނޑިޑޭޓް ވިކްޓާ ފޮންޓް ބުނެފި އެވެ.

ބާސެލޯނާގައި 19 އަހަރުވަންދެން ހޭދަ ކުރި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަ ފަހަރު ހޯދާފައިވާ، މެސީ އެ ކުލަބު ދޫކޮށްލަން ބޭނުންވާކަން އެނގުމުން ދުނިޔޭގެ މީޑިއާގައި އެންމެ ހޫނު ވާހަކައަށް އޮތީ އެ ވާހަކަ އެވެ. ކޮންމެ ސީޒަނެއް ނިމުމަށް ފަހު ހިލޭ ޓްރާންސްފާގައި މެސީއަށް ކުލަބު ދޫކޮށްލުމުގެ އިހްތިޔަރު ލިބެ އެވެ. އެކަން ފުރިހަމަ ވާނީ ޖޫން 10 ގެ ކުރިން އެ ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމުމުންނެވެ. ކޮންޓްރެކްޓްގައި ފާހަގަ ކުރާ އެ މުއްދަތު އައިރު ފުޓްބޯޅައިގެ ހަރާކްތްތައް އޮތީ ކޮރޯނާ ވައިރަސް އާ ގުޅިގެން މެދުކަނޑާލާފަ އެވެ. ކުރިއަށް ނުގެންދެވިގެން މާޗް މަހު ހުއްޓާލި ލަލީގާވެސް ފެށުނީ ޖޫން 11 ގަ އެވެ. އެހެންނަމަވެސް މެސީ،33 ވަނީ ޓްރާންސްފާގެ ކަންކަން މިހާރު ފުރިހަމަ ކުރުމގެ އިހްތިޔާރު ދިނުމަށް ބާސެލޯނާ އަށް ހުށަހަޅާފަ އެވެ.

ވިކްޓާ ފޮންޓް ގަބޫލު ކުރާ ގޮތުގައި މެސީގެ ވިސްނުން އަދިވެސް ބާސާ އަށް ބަދަލު ކުރެވިދާނެ އެވެ. އެއީ އަންނަ އަހަރު މާޗް މަހު ބާއްވާ އިންތިހާބަށް ފަހު ރައީސް ކަމުން ވަކިވާ، މިހާރުގެ ރައީސް ބާޓޮމެއު މިހާރު މިހާރަށް އިސްތިއުފާ ދިނުމެވެ.

"މެސީ ޓީމުގައި މަޑު ކުރުމަށް ކިތަންމެ ކުޑަ ފުރުސަތެއް އޮތްނަމަވެސް އެ ކަން ގުޅެނީ ބާޓޮމެއުގެ އިސްތިއުފާ އާ،" ސްޕެއިންގެ އޮންޑާ ސީރޯ ރޭޑިއޯ އަށް ދިން އިންޓަވިއުގައި ފޮންޓް ބުންޏެވެ. "މި ކުލަބުގައި މެސީ 20 އަހަރު ވަންދެން ހޭދަ ކޮށްފި، އެ ނިންމުން ނިންމުމުގައި އޭނާ އަށް އަސަރުތަކެއް ކުރާނެ، ނަމަވެސް އެ ނިންމުމާ ހަމައަށް ދާންޖެހުނީ އޭނާގެ ހިތްހަމަނުޖެހުންތައް ވަރަށް ބޮޑަށް ހުރުމުން."

ފޮންޓް ބުނީ މިހަރު އޮތް ބޯޑު ކުލަބުން ވަކިވެގެން ދާނީ އެ ބޯޑުގެ ސީވީގައި 8-2 ން ބަލިވުމުގެ ރެކޯޑް ޖެހިގެން ކަމަށެވެ. ބާސާ އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމު ވަނީ، ޗެމްޕިއަންސް ލީގް ކްއާޓާ ފައިނަލުގައި ބަޔާން އަތުން 8-2 ން ބަލި ވެފަ އެވެ.

"މެސީގެ ކުލަބު ބަދަލު ކުރަން ބޭނުންވި ނިންމުން ކޯޓާ ހަމަޔަށް ގޮސްގެން ނިމިގެން ދިއުމަކީ އަހަރެން ސިފަ ކުރަން ބޭނުންވާ ކަމެއް ނޫން،" ފޮންޓް ބުންޏެވެ. "އަހަރެން އުންމީދު ކުރަނީ އިންސްޓްޓިއުޝަންއަށް ރަނގަޅުގޮތް ވުމަށް، އެއީ އޭނާ ކުލަބު ބަދަލު ކުރުމުގެ މަރުހާލާ ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުން."

"މެސީގެ ގާތް މީހުން އަހަރެން ކައިރީގައި ބުނި، މެސީގެ ނިންމުން ވަރަށް ސާފް ކަމަށް، މި މައްސަލައަކީ ދެ ދުވަސްވީ މައްސަލެއް އެއް ނޫން، ލިޒްބަންގައި (ބަޔާން މިޔުނިކް އަތުން) ބަލިވުމުގެ ވެސް ކުރިން، އަހަރެމެން ކުރިންވެސް އިންޒާރު ކުރަމުން ގެންދިޔައިން މިހާލަތަށް ހިނގައިދާނެ ކަމަށް."