ކޮވިޑް-19ގެ ބަލިމަޑުކަން އަދިވެސް މައިތިރި ނުވާތީ ހިންދީ ފިލްމު އިންޑަސްޓްރީއަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފަ އެވެ. ބޮޑު ބަޖެޓަކުން އުފައްދާ ގިނަ ފިލްމުތަކެއް މިހާރު ކުރިޔަށް ގެންދެވޭނެ ކަމާ މެދު ވެސް ޝައްކެވެ. އަނެއްބައި ފިލްމުތަކުގެ ބަޖެޓު ކުޑަކުރުމުގެ ގޮތުން އިންޑިޔާ އިން ބޭރު ގައުމުތަކުގެ ލޮކޭޝަންތަކުގައި ޝޫޓްކުރަން ހަމަޖެހިފައިވާ ބައިތައް އިންޑިޔާގައި ކުރާ ގޮތަށް ދަނީ ހަމަޖައްސަމުންނެވެ. މިގޮތުން އިންޑިޔާއަށް ޝޫޓިން ބަދަލުކުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ ޑްރީމް ޕްރޮޖެކްޓް "ތަޚުތު" އާއި "ދޯސްތާނާ 2" ހިމެނެ އެވެ.
"ދޯސްތާނާ 2" އަކީ ކާރްތިކް އާރްޔަން އާއި ޖާންވީ ކަޕޫރު ލީޑް ރޯލު ކުޅޭ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓްކުރަނީ މުޅިން އަލަށް އެ މަސައްކަތް ފަށާ ކޮލިން ޑިކުންހާ އެވެ. "ތަޚުތު"ގެ ތަރިންނަކީ އަނިލް ކަޕޫރާއި ކަރީނާ ކަޕޫރު އަދި އާލިއާ ބަޓް އާއި ވިކީ ކޯޝަލް އެވެ.
މި ފިލްމުތަކުގެ ލޮކޭޝަންތައް އިންޑިޔާއަށް ބަދަލުކުރިއިރު އެކްޓަރުންގެ ފީ އިން ވެސް ބޮޑު ބައެއް ކަނޑާލަން ވަނީ ހަމަޖެހިފަ އެވެ.
ބައެއް ފިލްމީ ތަރިން އަމިއްލަ އަށް އެދިގެން ވެސް މިހާރު އެމީހުން ފިލްމެއް ކުޅެން ޗާޖްކުރާ ފީ ކުޑަކޮށްފައިވާއިރު މިގޮތަށް ކުޑަ ނުކުރާ އެކްޓަރުންގެ ފީ ޕްރޮޑިއުސަރުން އަމިއްލައަށް ކަނޑަން ވަނީ ނިންމާފަ އެވެ. އެގޮތަށް ގަބޫލުނުވާ އެކްޓަރުންނަށް ޖެހޭނީ ފިލްމު ދޫކޮށްލާށެވެ.
ކޮރޯނާވައިރަހުގެ ސަބަބުން އިންޑިޔާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އިންޑަސްޓްރީ އަކީ ފިލްމު އިންޑަސްޓްރީ އެވެ.
މި ވަބާގެ ސަބަބުން ޝޫޓިންގްތައް މެދުކެނޑިފައި ހަތަރު ވަރަކަށް މަސް އޮތުމަށްފަހު މިހާރު އަލުން މަޑުމަޑުން ޝޫޓީން ތައް ފަށަމުން ދިޔަ ނަމަވެސް ސެޓަކަށް އެއްފަހަރާ ހާޒިރުވާން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑު ތަން މަދުކޮށްލަން ޖެހުމުގެ ސަބަބުން ވެސް ގިނަ ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ލިބުމަށް ވަނީ ހުރަސްތައް ކުރިމަތިވެފަ އެވެ.