ޕީޕީއެމް

ޕީޕީއެމުން ސައިކަލް ބުރެއް ބާއްވަނީ

ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް ޕްރޮގްރެސިވް ކޯލިޝަންގެ ޒުވާނުން އިސްނައިގެން ސައިކަލު ބުރެއް ބޭއްވުމަށް ނިންމައިފި އެވެ.

އެ ކޯލިޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ސައިކަލު ބުރު ފެށޭނީ މާދަމާ ހަވީރު 3:45 ގައި ޕީޕީއެމްގެ އޮފީސް ކުރިމަތިން ކަމަށެވެ. ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ ޒުވާނުން އިންތިޒާމު ކުރާ މި ހަރަކާތަކީ ގައުމުގެ ހަރު މުދާ ވިއްކުމާއި ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައިނުވާތީ އެކަމާއި ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ހަރަކާތެކެވެ.

"އަޅުގަނޑުމެންގެ މި ހަރަކާތް ކުރިއަށް ގެންދާނީ މާސްކު އަޅައިގެން، ސޯޝަލް ޑިސްޓެންސް ބަހައްޓައިގެން. ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އަޅައިގެން،"

ޒުވާނުންގެ ސައިކަލު ބުރުގައި އެ ޒުވާނުންނަށް ހިތްވަރު ދިނުމަށް ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުންވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދެނީ މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުން،"

އިދިކޮޅު ކޯލިޝަނުން އަންގާރަ ދުވަހު ވަނީ މާފުށީ ބޭރު ކަނޑުމަތީވެސް މުޒާހަރާއެއް ކޮށްފައެވެ.

އަދި މާދަމާ އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި މުޒާހަރާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.