ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް އިންސައިކްލޮޕީޑިއާ ނިންމައިފި، ޝަހީމަށް އުފާވެރި ދުވަހެއް

Aug 27, 2020
2

އިސްލާމިކް އިންސައިކްލޮޕީޑިއާ އޮފް ޓޮލަރެންސްގެ މަސައްކަތް ނިންމާލައިފި އެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ކުރިއަށް ގެންދިޔަ މި މަސައްކަތް ހަވާލުކޮށްފައި ވަނީ އީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ އެވެ. އެމަނިކުފާނަކީ އެ މަސައްކަތް ކުރިއަށް ގެންދެވި އެ ޖަމިއްޔާގެ ފިކުރީ ގޮފީގެ ވެރިޔާ އެވެ.

ޝަހީމް މިއަދު ވިދާޅުވީ އިސްލާމިކް އިންސައިކްލޮޕީޑިއާ އޮފް ޓޮލަރެންސްގެ މަސައްކަތް ނިންމައި، މިއަދު އޯއައިސީ ސެކްރެޓޭރިއޭޓާ ހަވާލު ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ޕްރޮޖެކްޓްގެ ޕްރޮޕޯސަލް އެކުލަވާލައި ސްޓްރެކްޗާ ކަނޑައެޅީ 2019 ވަނަ އަހަރުގެ މާޗްމަހުގައި. އަދި އަދި މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގައި އެންމެހާ ކަމެއް ތަރުތީބުކޮށް ރަސްމީކޮށް ލޯންޗް ކުރެއްވީ ޖޫން 26، 2019 ގައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލް ޢުސައިމީން،"

މި މަސައްކަތުގައި އެކި ގައުމުތަކުން 60 އިލްމުވެރިން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި މި މަސައްކަތްކަތުގެ އިލްމީ ފެންވަރު ހިފަހައްޓައި އެޑްވައިޒް ކުރުމަށް ފުންނާބު އުސް ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ ޝަރީއާ އެޑްވައިޒަރީ ކައުންސިލެއް ވެސް އޮތެވެ.

ދެ އަހަރުން ނިންމަން ކަނޑައެޅި މި މަސައްކަތް އިސްލާމީ ދުނިޔޭގެ އެކި ގައުމުގެ ތަކުގެ އާލިމުންގެ ފުރިހަމަ ހިއްސާއާއެކު، އެއް އަހަރާއި ދެ މަސް ދުވަހުން ވަނީ ނިންމާލާފަ އެވެ.

"މިއީ ﷲ ގެ ފަލުލުވަންތަކަމާއި ރަހުމަތް. މި މަސައްކަތުން އިރާދަކުރެއްވިއްޔާ ރާއްޖެއަށް ލިބިގެންދާނީ ރީތި ނަމެއް. މި މަސައްކަތް ވިލަރެސް ކުރުމުގެ އިތުރުން، އެޑިޓިން ކޮމިޓީގައި އަޅުގަނޑު ހިމެނުމުގެ އިތުރުން މި އިންސައިކްލޮޕީޑިޔާގައި ލިޔުއްވި ބޭފުޅުންގެ ތެރޭގައި، ދިވެހިރާއްޖޭގެ މަޝްހޫރު އިލްމުވެރިޔާ ޑރ. މުހައްމަދު ގުބާދު އަބޫބަކުރު ހިމެނިވަޑައިގަންނަވާ،" ޝަހީމް ވިދާޅުވި އެވެ.

ގުބާދު ލިޔުއްވާފައި ވަނީ އިސްލާމްދީނުގައިވާ އަމާންކަމާއި ސުލްހަވެރިކަމުގެ ފަލްސަފާ އަށެވެ. ޝަހީމް ވިދާޅުވީ ގުބާދުގެ ލިޔުއްވާމެދު ޝަރީއާ އެޑްވައިޒަރީ ކައުންސިލުގެ ތައުރީފު ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަމަށެވެ.

"އެމަނިކުފާނަކީ އަޖަމީއަކަށްވެ، އަރަބި ބަހުން އެފާ ފުރިހަމަ ބަލާގާތްތެރިކޮށް ލިޔުއްވާފައިވާތީ ވަރަށް ބޮޑަށް ތައުރީފު ލިބިވަޑައިގެންފައިވޭ،" ސައުދީގައި ދިވެހިންގެ ތެރެއިން އެންމެ މަޝްހޫރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ގުބާދާމެދު ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ވަރަށް އަވަހަށް ތިމް ވޮލިއުމްގެ މައްޗަށް އެކުލެވޭ މިމަޝްރޫއު ޕަބްލިޝް ކުރާނެ ކަމަށެވެ.

އޯއައިސީ އިން ހަވާލުކުރި ބޮޑު ދެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އެއީ އޯއައިސީގައި މަރުކަޒު ސައުތުލްހިކްމާ (ދި ވޮއިސް އޮފް ވިޒްޑަމް ސެންޓަރު) ޑިވެލޮޕްކުރުމާއި އިންސައިކްލޮޕީޑިޔާގެ މަސައްކަތެވެ.

"މި ދެ މަސައްކަތްވެސް ވަނީ ﷲ ގެ ރަހުމަތުން ފުރިހަމަ ކުރެވިފައި. ސައުތުލްހިކުމާއަކީ މިއަދު ތިން ބަހުން [ އަރަބި، އިނގިރޭސި، ފްރާންސް] އިސްލާމްދީނުގެ ސަމާހަތްތެރިކަން ދުނިޔެއަށް ފޯރުކޮށްދޭ ސެންޓަރެއް. ސެންޓަރުގެ ހުރިހާ ޕްލެޓްފޯމެއް އެއް މިލިއަން މީހުން ފޮލޯކުރޭ،" ޝަހީމް ވިދާޅުވިއެވެ.