މެސީ

ބާޓޮމެއު މެސީ ކޮޅަށް ބޯޅަ ފޮނުވާލައިފި

މިއީ ހަނދާން ނައްތާލަން އުނދަގޫ ހަފުތާއެކެވެ. އެފްސީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ޓީމުން ދޫކޮށްލަން ބޭނުންވާކަން އެނގުމުންނެވެ. ބާސާގެ ސަޕޯޓަރުންނާއި ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ އެންމެންގެ ހިތުގައި އިހްތިރާމެއް ދެވިފައިވާ ބާސާގެ ލެޖެންޑް އެ ކުލަބު ދޫކޮށްލަން ބޭނުންވާ ވާހަކަ ބުނުމަކީ ކުޑަ ޚަބަރެއް ނޫނެވެ. މިޑިއާގައި އެންމެ ހޫނު ކޮށް އޮތީ މެސީގެ ވާހަކަ އެވެ، ސްޕެއިން އާއި އިންގްލެންޑްގެ މީޑިއާތަކުގައި އޮތީ މެސީގެ އެންގުމާ ގުޅިގެން ލައިވް ބްލޮގް އަޅުވާފަ އެވެ.

އަންނަ އާދިއްތަ ދުވަހަކީ، އާ ސީޒަނަށް ތައްޔާރު ވުމަށް ބާސާގެ ޕްރެކްޓިސް ފަށަން ހަމަޖެހިފައިވާ ދުވަހެވެ. ކުޅުންތެރިންނަށްވެސް ވަނީ އެކަން އަންގާފަ އެވެ. އޭގެ ކުރިން ބާސާއިން ވަނީ މެސީއާ ވާހަކަ ދެއްކުމަށް މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް މިވަގުތު ޗުއްޓީގައި ހުރުމުން އޭނާ އާ އެއްވެސް ވަރަކަށް މުއާމަލާތް ކުރެވޭ ގޮތެއް ނުވި އެވެ. މިދިޔަ ހުކުރު ދުވަހު، ކޯޗް ރޮނަލްޑް ކޫމަން އާ ބައްދަލު ކުރުމަށްފަހުވެސް ކުލަބު ދޫކޮށްލަން ބޭނުންވާ ކަމަށް މެސީ ވަނީ ބުނެފަ އެވެ. ކޫމަން ގާތުގައި މެސީ ބުނެފައި ވަނީ ބާސާގައި ހުރުމަށް ވުރެ ޓީމު ދޫކޮށްލުން ކައިރި ކަމަށެވެ. މިޑިއާގައި އެނބުރެމުންދާ ވާހަކަތައް ފިޔަވައި މެސީގެ ފަރާތުން ރަސްމީ އެއްވެސް ބަހެއް އިއްވާފައެއް ނުވެ އެވެ.

މެސީއާ ވާހަކަ ދައްކަން ބާސާއިން ކުރި މަސައްކަތް މިހާތަނަށް ކާމިޔާބު ވެފައި ނުވިއަސް މެސީ ވަނީ އޭނާގެ ލޯޔަރުން މެދުވެރިކޮށް ކުލަބަށް އެނގުމެއް އަންގާފަ އެވެ. އެއީ އާދިއްތަ ދުވަހު ފަށާ ޓްރޭނިންތަކަށް އޭނާ ހާޒިރު ވާނެ ކަމެވެ. އެހެންނަމަވެސް އެއީ މެސީގެ ޓްރާންސްފާ ހުއްޓުމެއް ނޫނެވެ.

މިޑީއާއިން ތިލަވަމުން އަންނަ ވާހަކަތައް ބުނާ ގޮތުން، މެންޗެސްޓާ ސިޓީން ޓްރާންސްފާގެ ކަންކަން ކުރިއަށް ގެންދިއުމަށް މެސީ ވަނީ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ ކިބައިން އެދިފަ އެވެ. މެސީގެ ހިތްހަމަނުޖެހުން ބާސާ އާ މެދު ފެންމަތިވި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއް ސަބަބަކީ މެސީގެ ޕާޓްނާ ލުއިސް ސުއަރޭޒް ދޫކޮށްލުމަށް ބާސާއިން ނިންމުމެވެ. އެންމެ ބޮޑު ސަބަބު އަދިއޮތީ އެވެ. ކުލަބުގެ ބޯޑާ މެދު މެސީގެ ހިތްހަމަ ނުޖެހުންތައް އެބައޮތެވެ.

މާޗް މަހު ބާއްވާ، ބާސެލޯނާގެ އިންތިހާބުގައި ކުލަބުގެ ރައީސް ކަމަށް ވާދަ ކުރާ ވިކްޓާ ފޮންޓް ބުނެފައި ވަނީ، މެސީގެ ވިސްނުން ބަދަލު ކުރުމަށް ކިރިޔާވެސް ފުރުސަތެއް އޮތްނަމަ އެ ފުރުސަތަކީ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ޞާޓޮމެއު އިސްތިއްފާ ދެއްވުމެވެ. ބާޓޮމެއު ހުރީ އެކަން ކުރަންވެސް ތައްޔާރަށެވެ.

މެސީ ކުލަބުގައި މަޑު ކުރާނަމަ، ބާޓޮމެއު އިސްތިއުފާދޭން ތައްޔާރު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް ޝަރުތަކީ މެސީ އެކަމާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދެއްކުމެވެ. ކުލަބުގައި މަޑު ކުރާނެކަން މީޑިއާގެ ކުރިމަތީގައި މެސީ ބުނުމެވެ. ބާޓޮމެއު އިސްތިއުފާ ދޭން ތައްޔާރެވެ. އެކަން އެންމެ ފުރަތަމަ ރިޕޯޓް ކުރީ ސްޕެއިންގެ ޓީވީ ޗެނަލް 'ޓީވީ 3' އިންނެވެ. ސްޕެއިންގެ ކުޅިވަރުގެ އެންމެ ބޮޑު ނޫސް 'މާކާ' އިން ފަހުން ބުނެފައި ވަނީ އެ ނޫހަށްވެސް އެކަން ކަށަވަރު ވެފައިވަ ކަމަށެވެ. މިހާރު ބޯޅަ އޮތީ މެސީ ކޮޅުގަ އެވެ.

މެސީގެ ނިންމުން ބާސާއިން އެންގި ހިސާބުން މިދިޔަ ދެ ވަސްތޭރޭ ބާސާގެ އޮފީސް ކުރިމައްޗަށް ނުކުމެ އެ ކުލަބުގެ ސަޕޯޓަރުން މުޒާހަރާ ކުރަމުން ދެއެވެ. ބާޓޮމެއުގެ އިސްތިއުފާއަށް ގޮވަ އެވެ. ސަޕޯޓަރުންގެ ރުޅިވެރިކަން ބާޓޮމެއު އާމެދު އުތުރި އަރަންފަށައިފި އެވެ. އޭގެކުރިންވެސް އޮތީ އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށް ޕެޓިޝަންގައި ސޮއި ކުރުމަށް ހަރަކާތްތައް ފެށިފަ އެވެ.

ދެން އޮތް އަނެއް ކަމަކީ ހަމަ ހަގީގަތުގައިވެސް މެސީ ކުލަބު ދޫކޮށްލަން ބޭނުން ވުމެވެ. އެހެންވެއްޖެނަމަވެސް އޭނާ ކުލަބު ދޫކޮށްލަން ބޭނުންވާ ސަބަބުތައް މީޑިއާގައި ހާމަ ކުރަން ޖެހޭނެ ކަމަށް ބާސާއިން ދެކެ އެވެ.