ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

މަސްވެރިކަމުގެ ޕްލޭންތައް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކަށް އާންމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ބުނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން މިނިސްޓްރީން ހަދަމުންދާ މެނޭޖްމަންޓް ޕްލޭންތަކަށް އާންމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން "ދިވެހިރާއްޖޭގެ ފާނަ މެނޭޖުކުރުމާވެހޭ ޕްލޭން" އާއި "ދިވެހިރާއްޖޭގެ ހުއިފިލަނޑާ މެނޭޖުކުރުމާބެހޭ ޕްލޭން" އަދި "ދިވެހިރާއްޖޭގެ ހިބަރު މަސްވެރިކަން މެނޭޖުކުރުމާބެހޭ ޕްލޭން" ވަނީ އާންމުންގެ ހިޔާލަށް ހުޅުވާލާފައެވެ.

ހިޔާލު ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ވުޖޫދުވި މަސްވެރިކަމުގެ އާ ގާނޫނުގައި ބުނާ ގޮތުން އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ޝާއިއު ކުރަން ޖެހެ އެވެ. ނަމަވެސް، އެ މުއްދަތުގައި އެ މަސައްކަތް ކުރެވިފައި ނުވާތީ، މަޖިލީހުގެ ގަވާއިދު ކޮމިޓީން އެ މައްސަލަ ބަލައި ޒަހާގެ މަސްއޫލިއްޔަތު އަދާ ކުރައްވާފައި ނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

އެއާއެކު، ރައީސް ނަޝީދަށް ޒަހާ ފޮނުއްވި ސިޓީގައި ވަނީ މަސްވެރިކަމުގެ ގަރާނުގެ ދަށުން ހަދަން ޖެހޭ ހަ ގަވާއިދު އެކުލަވާލާއި ނިންމާފައިވާ ކަމަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށް އެ ގަވާއިދުތައް ރިވިއުކުރަން ފޮނުވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، މިހާތަނަށް އެ ގަވައިދުތައް ގެޒެޓުކޮށްފައި ނުވާއިރު، ބުދަ ދުވަހުގެ ޖަލްސާގައި ނަޝީދު ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ.

"އަޅުގަނޑުމެނަށް މި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވިދާނެ، އެކަމަކު އެ ކޮމިޓީން ވެސް އަނެއްކާ ނިންމަން އޮންނާނީ ވަޒީރުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް، އަޅުގަނޑު މަޖިލީހުގެ މެންބަރުން އަންގަން އޮތީ ވަޒީރު މަސްއޫލިއްޔަތު އަދާ ނުކުރީމަ ކަން ކުރަން ޖެހޭ ގޮތް ސާފުވާން ވާނެ،" ނަޝީދު ވިދާޅުވި އެވެ.