އެލްޖީއޭ

ކައުންސިލަށް މިނިވަންކަމާއެކު ވޯޓެއް ނެގުމުގެ ފުރުސަތުވެސް ނެތް: އުޝާމް

ސިޓީ ކައުންސިލަށް މިނިވަންކަމާއެކު ވޯޓެއް ނެގުމުގެ ފުރުސަތުވެސް މިއަދު ނެތް ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސިޓީގެ ކައުންސިލަށް ހުށަހަޅައި އެކަމަނާ ޖަވާބުދާރީވެ ވަޑައިގަތުމަށް މުއްދަތު ދީފައިވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ވަނީ އަންގާފައެވެ. އެލްޖީއޭއިން އެ އެންގުން އަންގަން މިއަދު ވަނީ ކުއްލި ބައްދަލްވުމެއް ބާއްވާފައެވެ.

އެ ބައްދަލްވުމަށްފަހު އެލްޖީއޭގެ ސީއީއޯ އަދި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް ސޮއިކުރައްވާ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މޭޔަރުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި ގުޅިގެން އެލްޖީއޭއިން އިންކުއަރީއެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި މައްސަލަ ރައްދުވާ އެއް ކައުންސިލަރަކު ހުށައަޅާފައިވާ މާލެ ސިޓީގެ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުން ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށެވެ.

"ވީމާ މި އޮތޯރިޓީގެ ސިޓީގައި ބަޔާންކޮށްފައިވާ އިންކުއަރީ ހެދުމުގެ މަސައްކަތް އޮތޯރިޓީން ކުރަމުން ގެންދާ މި ދަނޑިވަޅުގައި މައްސަލަ ރައްދުވާ ކައުންސިލަރަކު ހުށައަޅުއްވާފައިވާ ތިޔަ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުބާރު ނެތްކަމުގެ ވޯޓް މިވަގުތު ކުރިއަށް ނުގެންދިއުމަށް ދެންނެވީމެވެ،" މިއަދު އެލްޖީއޭއިން ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.

އެލްޖީއޭގެ ނިންމުމަށް ފާޑުވިދާޅުވަމުން އުޝާމް ވިދާޅުވީ ސިޓީ ކައުންސިލަށް މިނިވަންކަމާއެކު ވޯޓެއް ނެގުމުގެ ފުރުސަތުވެސް މިއަދު ނެތް ކަމަށެވެ. އަދި އެލްޖީއޭގެ ނިންމުން ގާނޫނާއި ހިލާފު ކަމަށް ވިދާޅުވިއެވެ.

"ކުރީ ސަރުކާރު ދުވަސްވަރު ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލި ކަމަށް ބުނެ އެވާހަަކަ ދެއްކި ބޭފުޅުންގެ މަގާމު ގެއްލިދާނެހެން ހީވުމުން އެލްޖީއޭއިން އިން ގާނޫނާ ހިލާފަށް މިއަދު މިކުރާ ކަންކަންވެސް އެ ބޭފުޅުންނަށް މިއޮތީ ރަގަޅުވެފައި،" އުޝާމް ވިދާޅުވިއެވެ.

ފުރަތަމަ އަންހެން މޭޔަރުގެ އިތުބާރުގެ މައްސަލަ އައީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުހައްމަދު ފަޒީނެވެ. އިތުބާރުގެ މައްސަލައެއް އެކަމަނާ މައްޗަށް ވެއްދީ ކައުންސިލް ހިންގެވުމުގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށް ތުހުމަތަކެއް ކޮށެވެ. އެކަމަނާއާއެކު ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން ވެސް ހުށަހެޅި އެވެ.

ޝިފާގެ މައްސަލަ ކުރިއަށް ގެންދަން ފެންނަ ކަމަށް ނުވަ ކައުންސިލަރަކު ވޯޓް ދެއްވި އިރު އެ މައްސަލަ އަށް ޖަވާބުދާރީވެ ވަޑައިގަތުމަށް މިމަހުގެ 18 ވަނަ ދުވަހު 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އެކަމާއި ގުޅިގެން ކައުންސިލް މެންބަރު މުހައްމަދު ފަޒީން ވިދާޅުވީ އިތުބާރު ނެތްކަން ޔަގީންވުމުން މަގާމުގައި އިންނެވީ ސިޔާސީ ފަރާތްތަކުގައި ރޮއެ އާދޭސްކޮށްގެން ކަމަށެވެ.

"އިތުބާރު ނެތްކަން ޔަގީންވުމުން ސިޔާސީ ފަރާތްތަކުގައި ރޮއި އާދޭސް ކޮށްގެން ގޮޑީގައި އިންނެވީ ކޮން މޭޔަރެއް. ދެން އެފަރާތްތަކަށްވެސް ހެއްދެވޭނީ ގޯސް،" އެލްޖީއޭގެ ނިންމުމަށް އިޝާރާތް ކުރައްވާ ޝިފާ ވިދާޅުވިއެވެ.