ކޮވިޑްގައި ޖެހި "ކުޅިވަރު ބަލިވީ" އެވެ؛ މިދިޔަ 2019 ވަނަ އަހަރު ދިވެހިން ފާހަގަ ކުރީ ރާއްޖޭގެ ކުޅިވަރުގައި އައި އެންމެ ކާމިޔާބު އަހަރުގެ ގޮތުގަ އެވެ. ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްތަކުގައި އެންމެ އުހަށް ރާއްޖޭގެ ދިދަ އުފުލި ކާމިޔާބުގައި ދިވެހި ގައުމީ ސަލާމް ގަދައަޑުން ގުގުމާލި އެވެ.
ޑިސެމްބަރު މަހު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސް ނިންމާފައި އެނބުރި ގައުމަށް އައިސް ހަމަޖެހިލިއިރު، އިރުމަތީ އޭޝިއާއިން ކޮވިޑް-19 ބިރުވެރި ވިލާގަނޑު އޮތީ ބޯމަތި ކޮށްފަ އެވެ. ފެބްރުއަރީ ފަސްދީ، މާރިޗް މަހާ ބައްދަލުވި އިރު ކޮވިޑްގެ ވިލާގަނޑުން ބައްދާލި އެވެ. ބަލި މަޑުކަމުގެ މި ވަބާގެ ސަބަބުން ކުރިމަތި ވެފައި އޮތް ހާލަތު އިތުރަށް ސިފަ ކޮށްދޭކަށް ނުޖެހޭނެ އެވެ. އެންމެ އާދައިގެ މީހާއިން ފެށިގެން އެންމެ ތަނަވަސް މީހާއަށް އަސަރު ކުރި އެވެ. އެންމެ ކުޑަ އިންޑަސްޓްރީން ފެށިގެން އެންމެ ބޮޑު އިންޑަސްޓްރީއަށް ފޫނުބެދޭވަރުގެ ބޮޑެތި ގެއްލުންތައް މިވަނީ ކުރިމަތިވެފަ އެވެ.
ބަލިމަޑުކަމާއި ކާރިސާގެ ވަގުތުގައި އިގްތިސޯދު ސަލާމަތް ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުޑަ ކޮށްލަނީ ކުޅިވަރާއި އެންޓަޓައިމެންޓްގެ ބަޖެޓެވެ. ވަކި ގައުމެއް އިސްތިސްނާ ވުމެއް ނެތި އަމަލު ކުރާ އުސޫލަކީ އެއީ އެވެ. ރާއްޖޭގެ ސަރުކާރު ފިޔަވައި ޖަމާއީ ގޮތެއްގައި ކުޅިވަރަށް ހޭދަ ކުރާ އެހެން ސެކްޓާއެއް ނެތެވެ. ކުޅިވަރުގެ ހުރިހާ އެސޯސިއޭޝަންތަކެއްގެ ބަޖެޓް ސަޕޯޓް ދެނީ ސަރުކާރުންނެވެ. ވަކިވަކި ކުންފުނިތަކުން ސްޕޮންސާޝިޕްގެ ގޮތުގައި މިންވަރެއް ހިއްސާ ނުކުރާ ވާހަކައެއް ނޫނެވެ. އެ ޕަސެންޓަކީ ކުޑަ މިންވަރެކެވެ. ކުޅިވަރުގެ މައިގަނޑު ސްޕޮންސާޝިޕް ތަކަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. ޕްރައިވެޓް ޕާޓީތަކުގެ ހިއްސާ ކުޅިވަރުގައި ވަރަށް ކުޑަ އެވެ.
މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖޭގެ ކޮންޓިންޖެންޓް ދިޔައީ، މެޑަލްގެ އިތުރުން އެހެން އުންމީދަކާއެކު އެވެ. ދެން ޖެހިގެން އޮންނަ ގޭމްސް ރާއްޖޭގައި ބާއްވަން ލިބޭނެ ކަމުގެ ޔަގީން ކަމާއެކު އެވެ. ރާއްޖެއަށް ބިޑް ކާމިޔާބު ވި އެވެ. ކުޅިވަރުގެ ވަޒީރު އަހްމަދު މަހްލޫފް ކުރިން ވިދާޅުވެފައި ވަނީ، ގޭމްސްއަށް ތައްޔާރުވުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އުމްރާނީ ވަސީލަތްތައް ގާއިމު ކުރަން ފެށުމުގެ އިތުރަށް އެތުލީޓުންނާއި ޓީމުތަކުގެ ތައްޔާރިތަކަށްވެސް ގިނަ ކަންތައްތަކެއް ކުރަން އޮތީ ރާވާފަ އެވެ.
މިހާރު އެ ހުރިހާ ކަމެއް އޮތީ މަޑު ޖެހިފަ އެވެ. ސަރުކާރުގެ ވިސްނުން ގެންގުޅެނީ، 2023 ގައި ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު ގޭމްސް ފަސް ކުރުމަށެވެ. ވަސީލަތް ގާއިމު ކުރުމަށާއި އެހެނިހެން ތައްޔާރީތަކަށް ވަގުތާއި ފައިންނޭޝިއަލް ސްޓެބިލީޓީ ވެސް ނެތުމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެން ސަރުކާރުން ނިންމެވި އެންމެ ފުރަތަމަ ނިންމެވުމަކީ، ގައުމީ ޓީމުތަކުގެ އަންހެން ފިރިހެން ކުޅުންތެރިންގެ މުސާރަ ހަމަހަމަ ކުރުމެވެ. އަނެއް ނިންމެވުމަކީ އެސޯސިއޭޝަންތަކުގެ ބަޖެޓް މަދުވެގެން 500،000 ރުފިޔާ ކަމުގައި ހަމަޖެއްސުމެވެ. އެހެން ނަމަވެސް ދެ ކަންތައްވެސް ކޮވިޑްގައި ޖެހި މަޑު ޖެހުނީ އެވެ. "ރާއްޖެ ޓީވީ" ގައި ވާހަކަ ދައްކަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ އެސޯސިއޭޝަންތަކުގެ ބަޖެޓް ކުޑަ ކުރަން ޖެހިފައިވާ ކަމަށެވެ.
ކޮވިޑާ ޖެހި ތާށިވަމުން ގޮސް، ގައުމީ ޓީމުތަކުގެ ކުޅުންތެރިން ދޭން ޖެހޭ މުސާރަ ވެސް ވަނީ ތާށި ވެފަ އެވެ. މިހާލަތުގައި ޕްރެކްޓިސް ނުކުރާތީ މިނިސްޓަރު ފުރަތަމަ ވިސްނުން ގެންގުޅުއްވީ މުސާރަ ނުދިނުމަށެވެ. އެސޯސިއޭޝަންތަކާއި ގައުމީ ޓީމުތަކާއި ވަކިވަކިން ކުރި މަޝްވަރާތަކަށް ފަހު އަލުން މުސާރަތައް ދޭން ނިންމި އެވެ. އެހެންނަމަވެސް މުސާރަތައް މަޑު ޖެހިޖެއެވެ. ކުޅުންތެރިންނަށް ތާށި ވެއްޖެ އެވެ. އެކެޑެމީތަކުގެ ޓްރެއިނިން ހުއްޓި ކޯޗުންގެ އާންމުދަނީ ހުއްޓިއްޖެ އެވެ.
ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަން ކުލަބުތަކުގައި މުސާރަ ހިނގަނީ ކުޅުންތެރިން ޕްރެކްޓިސް ކުރާނަމަ އެވެ. އޭހާލަތެއް މިހާރު ނެތެވެ. އެހެންވެ ގައުމީ ޓީމުގައި ނުހިމެނޭ ކުޅުންތެރިންގެ އާންމުދަނީ ހުއްޓުނީ އެވެ. އަނެއް ކަމަކީ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުން ވަނަ ހޯދާ އެތުލީޓުންނަށާއި ޓީމުތަކަށް ދޭ އިނާމު ފައިސާ އެވެ. މިދިޔަ އަހަރު ވަނަ ހޯދި ބައެއް ޓީމުތަކަށްވެސް އަދިވެސް އިނާމު ފައިސާ ނުދެ އެވެ.
އެކެޑެމީތަކުގެ ޓްރެއިނިން މެދުކަނޑާލަމުން، ޒުވާން އެތުލީޓުންނާއި ކުޅުންތެރިންގެ ޑިވްލަޕްމެންޓަށް އަސަރު ކުރާނެ އެވެ، ގައުމީ ފުޓްބޯޅަ ޓީމުގެ 12 އަހަރުން ދަށުގެ ޓީމުގެ ކޯޗް އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުނީ އަލުން ޕރެކްޓިސް ފެށޭ ހާލަތައް ދިޔަސް ގިނަ ދުވަސްތަކެއް މެދުކެނޑިގެން ދިއުމަކީ ކުޅުންތެރިންގެ ޑިވްލަޕްމެންޓަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ. ގައުމީ ފެންވަރުގެ ގިނަ ކުޅިވަރުތަކެއް ޖަމާވެފައި މިއޮތީ މާލެ އަށެވެ. ޓްރޭނިން ޕްލޭން ދިނަސް ގިނަ ކުޅުންތެރިން ދިރިއުޅެން ޖެހިފައިވާ ހާލަތުގެ ގޮތުން ގޭގައި އެކަން ކުރެވޭކަށް ނެތެވެ.
ކޮވިޑާ ގުޅިގެން ހުރިހާ ދާއިރާއަކަށް އަސަރު ކުރި އެވެ. ކޮންމެ ދާއިރާއެއް އަލުން ކޮޅަށް ނަގަން ކުރަން ޖެހޭ މަސައްކަތް ގިނަ ވެފައި ބުރަ އެވެ.