ފިނިޕޭޖް

ވުޑީ އެލެން ވެސް އެންމެފަހުން ޑިޖިޓަލްވަނީ!

ޑައިރެކްޓަރު ވުޑީ އެލެން އަކީ ސިނަމާގެ ދުނިޔެ އެ ހުނަރުވެރިއަކަށް ފަހުރުވެރިވާ ލެޖެންޑެކެވެ. ފަހަރެއްގައި ފިލްމު އުފެއްދުމުގެ ޒަމާނީ ބަދަލުތަކަށް ނުގުޑައި މުސްކުޅި އުސޫލުތަކުގައި ހިފަހައްޓައިގެން އުޅެމުން ވެސް ޒަމާނުގެ އެންމެ ކުރީގައި އުޅޭ ޑައިރެކްޓަރަކަށްވީމަ އެވެ.

ކޮންމެއަކަސް ވުޑި އެލެންގެ ހިޔާލު މި ވަނީ އެންމެފަހުން ބަދަލުވެފަ އެވެ. އޭނާ މިހާރު ދަނީ އޭނާގެ ފިލްމީ ހަޔާތުގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ކެމެރާ ބޭނުންކުރުމަށް ތައްޔާރުވަމުންނެވެ. މިއޮތްހާ ދުވަހު އޭނާގެ ފިލްމުތައް ޝޫޓްކުރީ ސެލުލޮއިޑް ނުވަތަ މުސްކުޅި ފިލްމުގަ އެވެ.

އޭނާގެ އާ ފިލްމު އެންމެ ފަހުގެ ޒަމާނީ ކެމެރާތައް ބޭނުންކޮށްގެން ޑިޖިޓަލްކޮށް ޝޫޓްކުރުމަށް ލަފާ ދިފީ މި ފިލްމުގެ ސިނެމެޓޯގްރާފަރު ވިއްޓޯރިއޯ ޓޮރާރޯ އެވެ. އޭނާ އަކީ އެޕޮކެލިޕްސް ނައު އާއި ރެޑްސް އަދި ދަ ލާސްޓް އެމްޕަޔާގެ ސިނެމެޓޯގްރެފީގެ ހިތްގައިމުކަމަށް އޮސްކާ ހާސިލުކޮށްފައިވާ ފަންނުވެރިއެކެވެ.

އޭނާގެ ލަފާގެ މަތިން ވުޑީ އެލެންގެ ހިޔާލު ބަދަލުވެފައިވާއިރު އެމީހުންގެ އާ ފިލްމު ޝޫޓްކުރަނީ ފިލްމު އުފައްދާ މީހުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް މިފަހުން ހޯދާފައިވާ ސޮނީ އެފް65 ގެ ކެމެރާއަކުންނެވެ. މިއީ 8ކޭގެ ރިޒޮލިއުޝަންގައި ވީޑިއޯ ރިކޯޑްކުރެވޭ ކެމެރާއެކެވެ.

"އޮބްލިވިއަން" އާއި "ޓްމޯރޯލޭންޑް" ވެސް ޝޫޓްކޮށްފައި ވަނީ އޭގެ ކެމެރާއަކުންނެވެ.

ނިމިގެން ދިޔަ ކޭންސް ފިލްމު ފެސްޓިވަލްގައި ވާހަކަ ދައްކަމުން ވެސް ވުޑީ ވަނީ ޑިޖިޓަލްކޮށް ފިލްމު އުފެއްދުމަށް ޝައުގުވެރިވާކަން ހާމަކޮށްފަ އެވެ. އޭނާ ބުނީ ފިލްމު އަވަހަށް އެޑިޓްކުރަން ބޭނުންވާ ކަމަށާއި އެކަން ޑިޖިޓަލްކޮށް އަވަސްކުރެވިދާނެ ކަމަށެވެ.

ވުޑީ އެލެންގެ އާ ފިލްމުގެ ތަރިންނަކީ ޓްވައިލައިޓުން ވިދާލި ބަތަލާ ކްރިސްޓެން ސްޓްވަޓް އާއި ސްޓީވް ކާރެލް އެވެ.

އެންމެފަހުން ވުޑީ އެލެން ގެނެސްދިން ފިލްމަކީ ވަކީން ފީނިކްސް އާއި އެމާ ސްޓޯން ލީޑް ރޯލު ކުޅެފައިވާ "އިރޭޝަނަލް މޭން" އެވެ.

ވުޑީ އެލެންގެ އެންމެ މަޝްހޫރު މަސައްކަތަކީ 1979 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "މެންހެޓަން" އެވެ. ފަހުން ގެނެސްދިން ފިލްމުތަކުގެ ތެރެއިން "މިޑްނައިޓް އިން ޕެރިސް" އަކީ ވެސް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ.

"އެނީ ހޯލް" އިން އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ ހާސިލުކޮށްފައިވާ ވުޑީ އަށް އޮރިޖިނަލް ސްކްރީންޕްލޭގެ ކެޓަގަރީން ވެސް އިތުރު ތިން އޮސްކާ ލިބިފައިވެ އެވެ.