ލޮކްޑައުން ޕްރޮޓޮކޯލް

އަލުން ލޮކްޑައުން ކުރަން ޖެހިދާނެ: ރައީސް

މާލެ ސިޓީ އަލުން ފުލް ލޮކްޑައުންއަކަށް ގޮސްފިނަމަ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމަށާ ނަމަވެސް ކޮވިޑް ބަލި ކޮންޓްރޯލް ނުކުރެވޭނަމަ އެ ފިޔަވަޅު ވެސް އަޅަން ޖެހިދާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހެންވޭރުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލެ ސިޓީ އަލުން ފުލް ލޮކްޑައުންއަކަށް ގޮސްފިނަމަ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ފުލް ލޮކްޑައުން އަކަށް ނުގެންގޮސް ބަލިން ސަލާމަތްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަން ކުރެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ގައިޑްލައިންތަކަށް ހުރިހާ ރައްޔިތުންވެސް ސަމާލުކަން ދީގެން ކަމަށް ވިދާޅުވި އެވެ. އެކަން ނުކުރާނަމަ ހުރިހާ ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ނޫންނަމަ އެހިސާބަށް ދާންވެސް ޖެހިދާނެ. ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް އަޅުގަނޑު ޖެހޭނީ ކުރަން،" ރައީސް ވިދާޅުވިއެވެ.

މާލެ ސިޓީގައި އިދިކޮޅު ކޯލިޝަންގެ ޒުވާނުން މިއަދު ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތް، ސައިކަލް ބުރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފާޑުވިދާޅުވެފައެވެ.

ރައީސް ސޯލިހު ވިދާޅުވީ އެޗްޕީއޭގެ އެންގުންތަކުގައި ގާނޫނުގެ ބާރުވެރިކަން ހުންނާނެ ކަމަށާއި އެކަންކަމާއި ހިލާފަށް އެއްވެސް ބަޔަކަށް އަމަލު ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އެއްވެސް ހާލެއްގައި އެޗްޕީއޭގެ އެންގުންތައް މުގުރާލާފައި އެއްވެސް ފަރާތަކަށް އަމަލު ކުރުމުގެ ފުރުސަތެއް ނުދޭނަން. އެކަމާއި ގުޅިގެން ސަރުކާރުން، ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ އިނގޭތޯ،" ރައީސް ވިދާޅުވި އެވެ.