ޑރ. މުހައްމަދު މުއިއްޒު

"ބޭރު ސިފައިން ބައިތިއްބާނަމަ ސާފު ކޮށްދޭންޖެހޭ"

ރާއްޖޭގެ އެއްވެސް ރަށެއްގައި އެހެން އެއްވެސް ގައުމެއްގެ ސިފައިން ބައިތިއްބުމަށް ރާވާފައިވާކަން ނޫނީ ރާވަމުން ދާކަން ސަރުކާރުން ރައްޔިތުންނަށް ސާފު ކޮށްދޭން ޖެހޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅުން ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ހއ. ދަށްޕަރާއި ހދ. ހަނިމާދޫގައި ނޫނީ ލ. ކައްދޫ އަދި ސ. ގަމުގައިގެ އިތުރުން ރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ގައުމެއްގެ ސިފައިން ބައިތިއްބުމަށް ރޭވިފައިވާކަން ނޫނީ ރާވަމުން ދާކަން ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.

"ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ރައްކާތެރިވޭ،"

މުއިއްޒު މި މޭރުމުން ޓްވީޓެއް ކުރައްވާފައިވަނީ ހަނިމާދޫގައި އިންޑިއާ ސިފައިން ތިބުމަށް ގެތަކެއް ކުއްޔަށް ހިފަން އުޅޭ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާ ސިފައިން ތިބުމަށް 30 ގެ ކުއްޔަށް ނަގަން ވަނީ ހަމަޖައްސާފަ އެވެ.

އިންޑިއާ ސިފައިން ހަނިމާދޫގައި ތިބެނީ އިންޑިއާ އިން ހަދިޔާކުރާ ޑޯނިއާ ފުލައިޓް އޮޕަރޭޓް ކުރުމަށެވެ. މިހާރުވެސް އިންޑިއާއިން ހަދިޔާކޮށް ދިވެހިންނަށް ބޭނުން ނުކުރެވޭ ގޮތަށް އޮންނަ ދެ ހެލްކޮޕްޓަރެއް އޮޕަރޭޓް ކުރަން ރާއްޖޭގައި އިންޑިއާ ސިފައިންގެ ގިނަ ބަޔަކު ތިބެ އެވެ.