ފަތިސް ނަމާދަށް ގަޑިއަށް ހޭނުލެވެނީ ހެއްޔެވެ؟ އޮފީހަށް ގަޑިއަށް ނުދެވެނީ ހެއްޔެވެ؟ ނުވަތަ އެއްގޮތަކަށް ވެސް ނުނިދެނީ ހެއްޔެވެ؟
ނިންޖަކީ ބައެއް މީހުންނަށް އަރާމެކެވެ. ބައެއް މީހުންގެ އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮންނަނީ ވެސް ނިންޖެވެ. ހަމަނިދި ނުލިބިގެން ނުވަތަ ނިދާނުލެވިގެންނެވެ. މިހެން ކަންތައްވުމުން މިފަދަ މީހުންގެ ދިރިއުޅުން އޮންނަނީ ބޮޑު އޮޅުންބޮޅުންގަނޑަށް ބަދަލުވެފަ އެވެ.
ސައިންސްގެ ހަގީގަތެއް އެނގޭ ހެއްޔެވެ؟ ހަމަނިދި ނުލިބުމަކީ ތިމާ މީހާގެ ސިކުނޑި އަށް އޭގެ ނޭދެވޭ އަސަރުކޮށް ވިސްނުމުގެ ގާބިލުކަން ކޮށިކޮށްލާ ކަމެކެވެ.
އަދި ހަމަނިދި ނުލިބުމަކީ ތިމާގެ ސިފަ އަށް ހުތުރު ބަދަލުތަކެއް އަދި އަހުލާގަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއްކަން ވެސް ދިރާސާތަކުން އެނގިފައިވެ އެވެ. ރަނގަޅަށް ނުނިދޭ މީހާގެ ހަޔާތް އުފާވެރި ނުވަތަ ބާއްޖަވެރިއެއް ވެސް ނުވާނެ އެވެ. ވަގުތަށް ހޭނުލެވޭ މީހާ ނުވަތަ ހަމަނިދި ނުލިބި ބިތަކަށް ޖެހިފައި ހުންނަ މީހާގެ ދުވަހެއް ބާއްޖަވެރި ވެދާނެ ހެއްޔެވެ؟
ދިރާސާތަކުން އެނގިފައިވާ ގޮތުން ހަމަނިދި ނުލިބުމަކީ ފުރާނަ އަށް ނުރައްކާވާ ވަރުގެ ސިއްހީ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހިދާނެ ކަމެކެވެ. އެހެންވީމަ އެންމެން ވެސް ދުޅަހެޔޮ ސިއްހަތަކަށް ނުވަތަ ފުރިހަމަ އަހުލާގަކަށް އެދެނީ ނަމަ ރަނގަޅަށް ނިދަން އެބަޖެހެ އެވެ.
އެހެންވީމަ ނުނިދިގެން އުޅެން ޖެހެނީ ކީއްވެ ހެއްޔެވެ؟
ނިދި ހަރާބުކޮށްލަނީ އަމިއްލަ އަށެވެ.
މިއީ އަލީގެ ޒަމާނެވެ. ދުނިޔެ ދިއްލިފައި އޮންނައިރު ޖީބުގައި އޮންނަ މޯބައިލް ފޯނު ވެސް އޮންނަނީ ދިއްލިފަ އެވެ.
ތަޖުރިބާކާރުން ބުނަނީ ނިދި ހަރާބުކޮށްލާ އެންމެ އާންމު އާލާތްތަކަކީ ސްމާޓްފޯނާއި އައިޕެޓް އަދި ޓީވީ ފަދަ އާލާތްތައް ކަމަށެވެ. މި ސްމާޓް ފޯނުތަކާއި ޓީވީ ފަދަ ޒަމާނީ އުފެއްދުންތަކަކީ އެއިން ނިކަން ގަދަ އަށް ބްލޫ ލައިޓް ބޭރުކުރުވާ އާލާތްތަކެވެ. މި ބްލޫ ލައިޓަކީ އިންސާނާގެ ސިކުނޑިއަށް ކެހި ދޭ ޒާތެއްހެ އައްޔެކެވެ.
ސިކުނޑި އަށް ބްލޫ ލައިޓްގެ އަލި އެޅިގެން ދަނީ ދުވާލުގެ އިރުގެ އަލި ފަދައިންނެވެ. މިހެންވުމުން ސިކުނޑިން ފޮނުވައިދޭ ނިދީގެ މެސެޖު އޮޅުންބޮޅުންގަނޑަކަށް ބަދަލުވެ ނުބައި މެސެޖުތައް ދޭން ފަށަނީ އެވެ.
ތަޖުރިބާކާރުން ބުނަނީ 10 މިނެޓް ވަންދެން ސްމާޓްފޯނަކަށް ބަލަހައްޓައިގެން ރޭގަނޑު އެނދުމަތީގައި އޮތުމަކީ ދުވާލުގެ ގަދަ އަލީގައި އެއްގަޑިއިރުވަންދެން ހިނގުމާ އެއްވަރުގެ ކަމެއް ކަމަށެވެ.
މި އަލި އެޅުމުގެ ސަބަބުން ނިދި އެއްކޮށް ހަރާބުވެގެން ދަނީ އެވެ.
ރޭގަނޑުގެ ނިންޖަށް ގަވާއިދެއް!
ނިންޖަކީ މުހިންމު ކަމެއްކަން ދަނެގެން އެކަމަށް ކުރިއާ ލައި ވަގުތު ހުސްކުރެވިދާނެ އެވެ. މިސާލަކަށް ގަވާއިދުން ރޭގަނޑުގެ ވަކި ވަގުތެއްގައި އެނދަށް އަރައި ނިދަން މަސައްކަތްކުރާ ނަމަ ވަކި އަހުލާގަކަށް ނުވަތަ އުސޫލަކަށް ތިމާގެ ދިރިއުޅުން ސެޓްވެގެންދާނެކަން ޔަގީނެވެ.
މިސާލަކަށް ހަމަނިދި ނުލިބިގެން ހެނދުނު ހޭނުލެވޭ މީހާގެ މައްސަލަ އަކީ ނިދަން ވަކި ގަޑިތަކެއް ކަނޑައެޅުމެއް ނެތި މާ ގިނަ ވަގުތު މަސައްކަތުގައި އުޅުމެވެ. ނެގެޓިވް ތިންކިން އާއި ކަންކަމާ ހެދި ނިދީގެ ވަގުތު ގުރުބާންކޮށްލައިގެން ނުވާނެ އެވެ.
ކުޑައިރުކޮޅަކަށް ވެސް ނިދާލެވިދާނެ!
ނިދި ހަމައިން ނެއްޓިގެން އުޅޭ ހާލަތެއްގައި ބައެއް މީހުން ދޭތެރެ ދޭތެރެއިން ނިދިބޮޅަށް ވެއްޓޭ މަންޒަރު ފެނެ އެވެ. އޭގެ ބަދަލުގައި އެކަން ހަމަޖެއްސުމަށް 20 މިނެޓް ނުވަތަ 30 މިނެޓްގެ ނިދި ބްރޭކެއް މަސައްކަތުން ނެގުމަކީ ރަނގަޅު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ނަމަވެސް މިހެން ނެޕެއް ނަގާއިރު އެއް ގަޑިއިރަށް ވުރެ ގިނައިރު ނިދައިފި ނަމަ އެމީހެއްގެ ދުވަސް އެ ދުވަހަށް ދެން އެ ނިމުނީކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ އެވެ. މަސައްކަތުގައި އުޅެމުން ގާތްގަނޑަކަށް ބައިގަޑިއިރުގެ ނެޕެއް ނަގާލުމަކީ ފޯކަސް ރަނގަޅުވެ ކްރިއޭޓިވިޓީ ވެސް އިތުރުވެގެންދާ ކަމެކެވެ.
ނާސާގެ ޕައިލެޓުންނަށް ބަލާއިރު އާންމުކޮށް 25 މިނެޓްގެ ނެޕް ބްރޭކް ނަގާ ޕައިލެޓުންނަކީ އެހެން ޕައިލެޓުންނަށް ވުރެ 35 ޕަސެންޓް ހަލުވި ނުވަތަ އެކްޓިވް ޕައިލެޓުންނެވެ.