ސަންގީތާ ބިޖިލާނީ އަކީ 1980 އާއި 1990ގެ އަހަރު ތަކުގައި ބޮލީވުޑް ގިނަ ފިލްމު ތަކަކުން ފެނިފައިވާ ބަތަލާ އެކެވެ. އޭނާ މޮޑެލްކުރަން ފެށީ އުމުރުން އެންމެ 15 އަހަރުގަ އެވެ. އަދި މޮޑެލް ކުރަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ފިލްމުތަކުގައި އެކްޓްކުރަން ވެސް ފެށި އެވެ. ނަމަވެސް ކެރިއަރުގެ ވަކި ހިސާބަކުން ސަންގީތާ ވަނީ ފިލްމު ކުޅުމާ ދުރަށް ގޮއްސަ އެވެ. އޭނާގެ އެންމެ ފަހުން ނުކުތް ފިލްމަކީ 1996 ގައި ކުޅުނު "ޖަގައްނާތު" އެވެ.
އޭގެ ފަހުން ވެސް ވަރަށް ގިނަ ފިލްމުތަކުން ފުރުސަތުތައް ސަންގީތާ އަށް ލިބެމުން ދިޔަ އެވެ. އަލުން ފިލްމުކުޅެން ފެށުމުގެ ޚިޔާލެއް އޭނާގެ އޭރު ނެތެވެ. އެހެންވެ ލިބުނު ފިލްމުތައް ގަބޫލު ނުކުރީ އެވެ. ނަމަވެސް މިހާރު ދެ ވަނަ ފަހަރަށް އަލުން ފިލްމީ މަސައްކަތް ފަށަން ސަންގީތާ ހުރީ ތައްޔާރަށެވެ.
ސަންގީތާ، 60، ބުނި ގޮތުގައި އޭނާ ފިލްމު ކުޅުނުއިރު އަންހެނުންނަށް ޚާއްސަ ރޯލުތައް ވަރަށް ކުޅެލަން ނުލިބެ އެވެ. ނަމަވެސް މިހާރު އެއާ ވަރަށް ތަފާތު ކަމަށާއި އަންހެނުންނަށް ވަރަށް ވަރުގަދަ ރޯލުތައް ކުޅެން މިހާރު ލިބޭ ކަމަށް ސަންގީތާ ބުންޏެވެ. އެހެންވެ އެފަދަ ރޯލެއް އޭނާއަށް ވެސް ލިބިއްޖެނަމަ އެނބުރި އަންނަން މިއީ ރަނގަޅު ވަގުތެއްކަމަށް ސަންގީތާ ދެކެ އެވެ.
މިހާރު ހިންދީ ފިލްމުތައް ޑައިރެކްޓްކުރާ އަންހެން ޑައިރެކްޓަރުންގެ ތެރެއިން ގޯރީ ޝިންޑޭ، ތަނޫޖާ ޗަންދުރާ، މެގްނާ ގުލްޒާރު، ޒޯޔާ އަޚްތަރުގެ ފިލްމުތައް ސަންގީތާ އަށް ވަރަށް ކަމުދެ އެވެ. އަދި ފިރިހެން ޑައިރެކްޓަރުންގެ ތެރެއިން ޝްރީރާމް ރަގްވަން، އިމްތިޔާޒު އަލީ، މިލަން ލުތާރިއާ، ފަދަ މީހުންގެ ފިލްމުތައް ވެސް އޭނާއަށް ވަރަށް ހިތްހަމަޖެހެ އެވެ.
އެހެންވީމާ އެފަދަ މީހެއްގެ ފިލްމެއް ލިބިއްޖެނަމަ އޭނާ މިހާރު ނޫނެކޭ ނުބުނާނެ އެވެ.
ސަންގީތާ ފިލްމު ކުޅުނުއިރު އޭނާ ބޮޑަށް މަޝްހޫރުވެފައި ވަނީ ސަލްމާން ޚާންގެ ލޯބިވެރިޔާގެ ގޮތުގަ އެވެ. ސަލްމާނަށް ވުރެ ސަންގީތާ އުމުރުގެ ގޮތުން ވަރަށް ބޮޑަށް ދޮށީ ނަމަވެސް އެމީހުން ރައްޓެހިވެގެން ގިނަ ދުވަސްތަކަކު އުޅެފައި ވެއެވެ. އަދި ސަންގީތާ އާ ކައިވެނިކުރަން ވެސް ސަލްމާން އޭރު ތައްޔާރުވި އެވެ. ނަމަވެސް އެންމެ ފަހު ވަގުތު ކޮންމެވެސް މައްސަލައެއް ދިމާވެގެން އެ ކައިވެނި ކެންސަލް ކުރީ އެވެ.
ފަހުން ސަންގީތާ ކައިވެނި ކުރީ އިންޑިޔާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މުހައްމަދު އަޒްހަރުއްދީން އާ އެވެ . އަޒްހަރުއްދީނާއި ސަންގީތާ 2010 ގައި ވަނީ ވަރިވެފަ އެވެ. އެމީހުންނަކަށް ދަރިއަކު ނުލިބެ އެވެ.
ސަލްމާނާ އޮތް ލޯބީގެ ގުޅުން ކެނޑިފައި ވިޔަސް މިހާރުވެސް ސަންގީތާ އާއި ސަލްމާނުގެ މެދުގައި ޚާއްސަ ގުޅުމެއް އޮވެ އެވެ. މި ގުޅުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ސަންގީތާ ބުނީ އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި އެއީ މާ ޒާތީ ވާހަކައެއް ކަމަށެވެ.