އިދިކޮޅު ފަރާތްތައް

އިދިކޮޅު ހަރަކާތުން ރައީސަށް އަސަރު ކުރުވައިފި: އަދުރޭ

އިދިކޮޅު ކޯލިޝަނުން މިދިއަ ދެތިން ދުވަހު ހިންގި ސިޔާސި ހަރަކާތްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހިތްޕުޅަށް ވަރަށް ބޮޑަށް އަސަރު ކުރުވައިފި ކަމަށާއި މި ސަރުކާރަށް ފާޅުގައި ނޫނެކޭ ރައްޔިތުން ބުނާކަން ރައީސަށް ގަބޫލުފުޅު ކުރެއްވިފައި ވާކަން ހާމަ ވެގެން ގޮސްފި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަން ލީޑް ކުރައްވާ އަދުރޭ މިހެން ވިދާޅުވީ ހެންވޭރު "ޓިއޯލޯ ކެފޭ" އާއި ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގައި ރޭ ހިނގި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަނިކޮށް އެ މަންޒަރު ބައްލަވައިލައްވަން އެ ސަރަހައްދަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އިދިކޮޅު ކޯލިޝަންގެ ސިޔާސީ ހަރަކާތަށް ރައީސް ސޯލިހް ފާޑު ވިދާޅުވުމުން ދެއްވި ރައްދެއްގެ ގޮތުގަ އެވެ.

އަލިފާން ރޯވި ސަރަހައްދަށް ވަޑައިގެން ރައީސް ސޯލިހު ރޭ ވިދާޅުވީ މި ދުވަސްވަރަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކާ ބޮޑު ދުވަސްވަރެއް ކަމަށާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ބަަޔަކު އުޅެމުންދާ މަންޒަރު ފެންނަ ކަމަށެވެ. އަދި ވިދާޅުވީ ވިދާޅުވީ އެޗްޕީއޭގެ އެންގުންތަކުގައި ގާނޫނުގެ ބާރުވެރިކަން ހުންނާނެ ކަމަށާއި އެއާ ހިލާފަށް އެއްވެސް ބަޔަކު އަމަލު ކުރަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އޭގެ ފަހުން ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މިއަދު ވަނީ ނޫސްވެރިންނާ ބައްދަލު ކޮށްފަ އެވެ. އެ ބައްދަލުވުމެއްގައި އަދުރޭ ވަނީ މި ސަރުކާރަށާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ތުހުމަތުތަކެއް ވެސް ކުރައްވާފަ އެެވެ.

އަދުރޭ ވިދާޅުވީ މި ސަރުކާރުގެ ނުކުޅެދުންތެރިކަން އަމިއްލަޔަށް ގަބޫލުކޮށްފި ކަމަށާއި އެކަން ހާމަވެގެން ދިޔައީ ރޭގެ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން އަލިފާނާ ނުގުޅޭ ވާހަކަ ރައީސް ދެއްކެވުމުން ކަމަށެވެ. އަދި އިދިކޮޅުން ސަރުކާރު ޖަވާބުދާރީ ކުރުވަން ހިންގާ ހަރަކާތްތަކުން އެމަނިކުފާނުގެ ހިތްޕުޅަށް ވަރަށް ބޮޑަށް އަސަރު ކުރުވާފައިވާކަން އެއިން ހާމަވި ކަމަށެވެ.

"ގައުމަށް ހެޔޮ އެދޭ ވާހަކަ ދައްކާތީ އަޅުގަނޑު ވެސް ދެތިން ސުވާލެއް ކޮށްލަން ބޭނުން. މަނިކުފާނު އަޑިގައި ހުރެގެން ޓެރަރިސްޓުން މި ގައުމަށް ފޮނުވައި 19 ދިވެހިންގެ ލޭ އޮހުރުވީ ގައުމަށް ހެޔޮ އެދިގެންތޯ؟ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދިނުމުން މަނިކުފާނު ނިސްބަތްވާ ޕާޓީގެ ފަރާތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އަލިފާން ރޯކޮށް ދައުލަތު އިދާރާތަކަށް ގެއްލުން ދިނީ ގައުމަށް ހެޔޮ އެދިގެންތޯ؟ އޭނާ ވިދާޅުވި އެވެ. "ބޮޑުތަނުން ބަލިވެއްޖެކަން ގަބޫލުފުޅު އެކުރެއްވީ [އެހެން] ނޫންތޯ؟ ރޭގެ އަލިފާނުގެ ހާދިސާ ހިނގި ތަނަށް ވަޑައިގެން ވެސް މި ދެކެވެނީ އަޅުގަނޑުމެން ބޭއްވި ސައިކަލް ބުރެއްގެ ވާހަކަ. ވަރަށް ބޮޑަށް ރައީސް ސޯލިހްގެ ހިތްޕުޅަށް އަސަރު ކޮށްފިކަން މި ހާމަވީ... އެޗްޕީއޭގެ ގައިޑްލައިންގެ ވާހަކަ ދައްކަވާއިރު ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވެ ނޫޅުމަށް ވެސް އެބައިން ދެއްތޯ އިލްތިމާސް ކުރައްވާފައި. އެމަނިކުފާނު އެވާހަކަފުޅު ދައްކަވަން ހުންނެވި އިރު އަރިހުގައި ތިބީ ކިތައް މީހުންތޯ؟ ގައިޑްލައިނަށް އަމަލު ކުރަންވީ ހަމައެކަނި ޕީޕީއެމްގެ މީހުންތޯ؟ ނޫނީ ސަރުކާރާއި އިދިކޮޅު މީހުންތޯ؟"

އަދުރޭ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދައުލަތުގެ ހަޒާނާއަށް ޖަމާ ކޮށް ދެއްވާފައިވާ ފައިސާ އަށް ރައީސް ސޯލިހާއި މި ސަރުކާރުގެ އިސްވެރިންތައް ހިޔާނަތްތެރިވީ ކީއްވެތޯ ވެސް ސުވާލު ކުރައްވާފަ އެވެ.

އިއްޔެ ކުރިއަށް ގެންދެވި ހަރަކާތަށް އެހާ ގިނަ ރައްޔިތުން ނުކުންނަވާނެ ކަމަށް ރައީސް ހީފުޅު ނުކުރައްވާނެ ކަމަށާއި ނަމަވެސް މި ހަރަކާތަށް ނުކުތް މީހުންގެ އަދަދު ފެނި ވަޑައިގަތުމުން ހަޖަމު ނުކުރެެއްވުނު ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. އެހެންވެ ފިޔަވަޅު އަޅަން ފުލުސް ކޮމިޝަނާއަށް އެންގެވީ ކަމަށްވެސް އަދުރޭ ތުހުމަތު ކުރައްވަ އެވެ.

"އަޅުގަނޑުމެން މި ހަރަކާތްތަށް ކުރިއަށް މި ގެންދަނީ ސިއްރަކުން ނޫން. ފުލުހުން ވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ދިން. އެކަމަކު މިހާ ގިނަ މީހުން ފެނުނީމަ ރައީސް ސޯލިހު ހިތްޕުޅަށް ކެތްކުރައްވަން ދަތިފުޅުވި..."