އެލްޖީއޭ

ޝިފާގެ ނަން ކިލަނބުކުރަން މަސައްކަތްކުރި މައްސަލައެއް ބަލަނީ

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ ބޮލުގައި ކޮރަޕްޝަންގެ އިލްޒާމު އަޅުވާ މޭޔަރުގެ ނަން ކިލަނބު ނުކުރުމަށް މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުހައްމަދު ފަޒީން މަސައްކަތް ކުރެއްވި ކަމަށް ބުނާ މައްސަލައެއް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަލަން ފަށައިފި އެވެ.

ފަޒީންގެ މައްސަލައެއް އެލްޖީއޭއިން ބަލަން ފަށާފައި މިވަނީ ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އޭނާ ހުށައަޅުއްވާފައި ވަނިކޮށެވެ. އެ މައްސަލައާއި ގުޅިގެން ޖަވާބުދާރީވެ ވަޑައިގަތުމަށް ޝިފާއަށް މުއްދަތު ދީފައިވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އެލްޖީއޭއިން އިއްޔެ ވަނީ އަންގާފައެވެ.

އެލްޖީއޭއިން ވަނީ ފަޒީންގެ މައްސަލައެއް އެ އޮތޯރިޓީން ބަލަމުން ގެންދާކަން އޭނާއަށް ސިޓީއަކުން އަންގާފައެވެ. އެ ސިޓީގައި ބުނެފައިވަނީ މާފަންނު އޮފީހުގައި މަސައްކަތް ކުރި ގިނަ މުވައްޒިފުންތަކެއްގެ ކުރިމަތީގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ ބޮލުގައި ކޮރަޕްޝަންގެ އިލްޒާމު އަޅުވާ މޭޔަރުގެ ނަން ކިލަނބު ކުރުމަށް މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުހައްމަދު ފަޒީން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ބައެއް މުވައްޒިފުންނަށް އިންޒާރުދީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކަމަށާ މުވައްޒިފުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށްވެސް އޭނާ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި ޝިފާގެ އަބުރަށް ހުތުރުވާ ގޮތަށް ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތުތައް ފަތުރާ ނޫސްތަކަށް ދޮގު މައުލޫމާތުދީ ރަށުތެރޭގައާއި މުވައްޒިފުން ހިމެނޭ ވައިބަރު ގުރޫޕްތަކުގައި މޭޔަރުގެ ބޮލުުގައި ބޮޑެތި އިލްޒާމްތައް އަޅުވައި މޭޔަރުގެ ގަދަރު ކުޑަކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. މި މައްސަލަތަކަކީ ޝިފާ އެ އޮތޯރިޓީއަށް ހުށައަޅާފައިވާ މައްސަލަތަކެއް ކަމަށާ އެ މައްސަލަތަކާއި ގުޅިގެން "އިންކުއަރީ" އެއް ހެދުމަށް އެލްޖީއޭއިން ނިންމާފައިވާ ކަމަށެވެ.

އެލްޖީގެ ސިޓީގައި ވަނީ އެ މައްސަލަތަކާއި ގުޅިގެން އެ އޮތޯރިޓީއާއި ފަޒީން ހިއްސާ ކުރަން ބޭނުންވާ މައުލޫމާތު މާދަމާގެ ކުރިން ލިޔެކިޔުމުން ހުށައެޅުމަށް އެދިފައެވެ.

ފަޒީން ހުށައެޅި އިތުުބާރުގެ މައްސަލަ މައްސަލަ ކުރިއަށް ގެންދަން ފެންނަ ކަމަށް ނުވަ ކައުންސިލަރަކު ވޯޓް ދެއްވި އިރު އެ މައްސަލަ އަށް ޖަވާބުދާރީވެ ވަޑައިގަތުމަށް މިމަހުގެ 18 ވަނަ ދުވަހު 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އެ މައްސަލައަށް އެމްޑީޕީގެ އިސް ބޭފުޅުން ނުފޫޒު ފޯރުވާ، މައްސަލަ ކުރިއަށް ނުގެންދިއުމަށް އަންގަމުންދާ ކަމަށް އަޑުފެތުރިފައިވެއެވެ.