ރެއާލް މެޑްރިޑްގެ ސެންތިއާގޯ ބާނެބެއު ސްޓޭޑިއަމްގެ މަސައްކަތް އާ ސީޒަންގައި ވެސް ނުނިމޭނެތީ އަންނަ ސީޒަންގައި ވެސް އެ ޓީމުގެ ހޯމް މެޗުތައް އެ ކުލބުގެ ބީ ޓީމުގެ ދަނޑުގައި ކުޅެން ނިންމައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން މާޗް މަހު ސީޒަން މެދުކަނޑާލުމުން، ރެއާލްއިން ނިންމީ ސެންތިއާގޯ ބާނެބެއުގެ މަރާމާތު ކުރުމުގެ މަސައްކަތް ފަށުމަށެވެ. ޖޫން މަހު އަލުން ސީޒަން ފެށުމުން، ސީނިއާ ޓީމުގެ ހޯމް މެޗުތައް ކުރިއަށް ގެންދިޔައީ ބީ ޓީމުގެ ދަނޑު އަލްފްރެޑޯ ޑި ސެޓްފާނޯ ގައެވެ. ބާނެބެއު ބަންދު ކުރުމުން، ރެއާލްގެ ވާދަވެރިޔާ އެތުލެޓިކޯ މެޑްރިޑުން ރެއާލްއަށް ރަނގަޅު ހުށަހެޅުމަކަށް ދައުވަތު ދިނެވެ. އެއީ ރެއާލްގެ ހޯމް މެޗުތައް، އެތުލެޓިކޯގެ ހޯމް ސްޓޭޑިއަމް ވަންޑާ މެޓްރޯޕޮލިޓާނޯގައި ކުޅުމަށެވެ. ނަމަވެސް އެ ދައުވަތު ގަބޫލުނު ނުކޮށް ރެއާލްއިން އަނބުރާ އެ ހުށަހެޅުން ރައްދު ކުރި އެވެ.
ޔޫރަޕްގެ ސްޓޭންޑަޑަށް ފެއްތުމަށްޓަކައި، ރެއާލްއިން ވަނީ އަލްފްރެޑޯ ޑި ސެޓެފާނޯ ސްޓޭޑިއަމްގެ ބައެއް އިންތިޒާމުތަކަށް ބަދަލު ގެނެސްފަ އެވެ. ޔޫއެފާގެ މިންގަނޑަށް ފެތޭ ގޮތަށް ބަދަލު ގެނައުމުން، ޔޫރޯ ޒޯންގެ އިންޓަނޭޝަނަލް މެޗުތައް އެ ދަނޑުގައި ވެސް މިހާރު ކުޅެވޭނެ އެވެ. ޔޫއެފާ ނޭޝަން ލީގްގައި ސްޕެއިން އާއި ޔޫކްރޭން އަންނަ އާދީއްތަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗުވެސް ކުޅޭނީ އަލް ފްރެޑޯ ޑި ސްޓެފާނޯގެ ދަނޑުގަ އެވެ.
މަރާމާތަށް ބަންދު ކޮށްފައިވާ ބާނެބެއުގައި ވިނަ އެތުރުމުގެ މަސައްކަތް ވެސް ރެއާލްއިން ފެށި އެވެ. ބީ ޓީމުގެ ދަނޑަށް ޔޫއެފާގެ ރުހުން މިހާރު ލިބުމުން، ބާނެބެއު އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދެވޭނެ އެވެ. ރެއާލްގެ ޓާގެޓަކީ 2022 ވަނަ އަހަރަށް ބާނެބެއުގެ މަސައްކަތް ނިންމުމެވެ. އާ ސީޒަނަށް ސްޓޭޑިއަމްއަށް ސަޕޯޓަރުން ވައްދައިގެން ކުޅުމަށް ލަލީގާއިން ވިސްނުން ގެންގުޅެ އެވެ.