އިދިކޮޅު ފަރާތްތައް

ސައިކަލު ބުރާއި ގުޅިގެން ޝުޖާއު ފުލުހަށް ހާޒިރުކުރަނީ

ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް ޕްރޮގްރެސިވް ކޯލިޝަންގެ ޒުވާނުން އިއްޔެ ބޭއްވި ސައިކަލު ބުރާއި ގުޅިގެން ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ގިނަ އަދަދެއްގެ މީހުނާއެކު އިދިކޮޅު ކޯލިޝަންގެ ޒުވާނުން ބޭއްވި ސައިކަލް ބުރުގަައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވި މައްސަލަ ބަލާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ޝުޖާއު ހާޒިރު ކުރަނީ އެ މައްސަލައާއި ގުޅިގެން ސުވާލު ކުރާށެވެ. އޭނާ ހާޒިރުވާން އަންގާފައިވަނީ މާދަމާ ރޭ 7:00 ޖަހާއިރަށެވެ.

އިދިކޮޅު ކޯލިޝަންގެ ޒުވާނުން ބޭއްވި ސައިކަލް ބުރުގަައި ގިނަ ބަޔަކު މާސްކު އަޅައިގެން ތިބި ނަމަވެސް ގައިދުރުކަން ބަހައްޓާފައެއް ނުވެއެވެ.

ޝުޖާއު ފުލުހަށް ހާޒިރު ކުރާތީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ސަރުކާރުން ކިތަންމެ ބިރެއް ދެއްކި ނަަމަވެސް ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިފްގައި ހިމެނޭ ކައުންސިލު މެންބަރަކު ވެސް އަދި އާންމު މެންބަރަކު ވެސް ނުހުއްޓުވޭނެ ކަމަށެވެ.

"ޝުޖާއުއަކީ ބޮޑު ތިލަދުންމަތީގެ ފަހުރުވެރި ދަރިއެއް. ފަހަތަކަށް ނުޖެހޭނެ. މާ ބަދަހި ޓީމެއް. މިއީ ދިވެހި ގައުމީ ޓީމު،" އަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ.