ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިރާގު

ހުން ބަލާ ކެމެރާ ދިރާގުން ތައާރަފުކޮށްފި

Aug 30, 2020

އިންސާނެއްގެ އެހީއަކާ ނުލައި ހުން ބަލާ ކެމެރާ ދިރާގުން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ ޓެލެކޮމް މެލޭޝިއާ ކުންފުންޏާ ގުޅިގެން ރާއްޖެއަށް ތައާރަފުކުރި އާލީ ވޯނިންގް އެލާޓް އަދި ރެސްޕޮންސް (އީވާރް) ހިމެނޭ ހުންބަލާ ޓެކްނޮލޮޖީ އަކީ ވިޔަފާރި ތަކަށް ހާއްސަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އުފެއްދުމެއް ކަމަށެވެ.

މި ސޮލިއުޝަން މެދުވެރިކޮށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންސާނެއްގެ އެހީއަކާ ނުލައި މީހުންގެ ގައިގެ ފިނިހޫނުމިން ބަލައިލެވޭނެ އެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރިތަކަށް ސިއްހީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. ކަސްޓަމަރުންނަށާއި މުވައްޒަފުންގެ ސަލާމަތެރި ކަމަށް ފިޔަވަޅުތައް އަޅަން ޖެހިފައިވެ އެވެ. މި ޓެކްނޮލޮޖީގެ އެހީގައި އެއް ފަހަރާ 15 މީހުންގެ ބޮޑީ ޗެމްޕަރޭޗާ ޗެކްކޮށްލެވެ އެވެ.

މި އުފެއްދުން ރާއްޖެއަށް ތައާރަފުވުމާއެކު އާއްމުކޮށް އަތުން ހިފައިގެން ގެންގުޅޭ ތަމޯމީޓަރު ފަދަ ވަސީލަތްތައް ގެންގުޅެން ނުޖެހި، ގައި ދުރުކަން ބަހައްޓަން ފަސޭހަ ވެގެންދާނެ އެވެ.

އެ ކުންފުނިން ބުނީ ހުން އައިސް ނުވަތަ ގައިގެ ފިނި ހޫނުމިން ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ހުރި މީހަކު ބިލްޑިން އަށް ވަނުމާ އެކު، މި ސޮލިއުޝަން މެދުވެރިކޮށް ސިސްޓަމަށް ވަގުތުން އެލާޓް ފޮނުވައި މޮބައިލް ފޯނުތަކަށް ނޮޓިފިކޭޝަން ލިބޭނެ ކަމަށެވެ. މީގެ އިތުރުން، މި ޑޭޓާތައް ތިން މަހުގެ ނިޔަލަށް ކްލައުޑް ސިސްޓަމެއްގައި ފަސޭހައިން ބަލާލެވޭގޮތަށް ރައްކާކުރާނެ ކަމަށެވެ.

ދިރާގުން މިހާރު ވަނީ މި ސޮލިއުޝަން އެ ކުންފުނީގެ ހެޑް އޮފީހުގައި ގާއިމް ކޮށްފަ އެވެ.

ދިރާގާ ގުޅިގެން މި ޓެކްނޮލިޖީ ރާއްޖެ އަށް ގެނެސްދިން މެލޭޝިއާގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝަރްލިން ތިއެގަރަޖަ ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާކޮށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގާއި ގުޅިގެން މި ސޮލިއުޝަން ރާއްޖޭގައި ތައާރަފުކުރުމަކީ އުފަލެއް ކަމަށެވެ.