ސުޕްރީމް ކޯޓް

މަލީހާއަށް ވަޒީފާދޭން ސުޕްރީމް ކޯޓުންވެސް ހުކުމްކޮށްފި

ބެންކު އޮފް މޯލްޑިވްސްގެ އެމްއެސްއެމްއީ ހެޑްގެ މަގާމުގައި ހުންނަވަނިކޮށް ފުވައްމުލަކު ދޫޑިގަމް، މަލީޝާ، ފާތިމަތު މަލީހާ ޖަމާލު ވަޒީފާއިން ވަކިކުރީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅާ އޭނާއަށް އަލުން އެ ވަޒީފާ ދިނުމަށް ކޮށްފައިވާ ހުކުމް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ދަމަހައްޓައިފި އެވެ.

މަލީހާ ވަޒީފާއިން ވަކިކުރި މައްސަލަ އެންމެ މަތީ ކޯޓުން ނިންމާފައިވާއިރު މި މައްސަލައަށް 8 އަހަރު ދުވަސް ވަނީ ވެފައެވެ. މަލީހާއަކީ ޖަނަވަރީ 30، 1995 ވަނަ އަހަރުން ފެށިގެން ބެންކުގައި ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ. މަލީހާ ބެންކުގެ ވަޒީފާއިން ވަކިކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މަލީހާ ވަޒީފާއިން ވަކިކޮށްފައިވަނީ ބެންކުގެ ފަރާތުން އެ ބެންކުގެ އިތުުރު މުވައްޒިފުންތަކަކާއެކު ކޮލަންބޯގައި ފުރިހަމަ ކުރި ތަމްރީންތަކަށް ދިޔަ ހަރަދު އަނބުރާ ހޯދުމުގައި ނުކުރާ ހަރަދުތަކެއް ހޯދަން އުޅުނު ކަމަށް ބުނެއެވެ. އެ ތަމްރީން ކުރިއަށް ގެންގޮސްފައިވަނީ ތަމްރީންތަކަށްފަހު ހަރަދުވީ ފައިސާ ބެންކުން ފަހުން ހޯދާ ގޮތަކަށެވެ.

ވަޒީފާއިން ވަކިކުރުމާއި ގުޅިގެން މަލީހާ ވަނީ ވަޒީފާ އިއާދަކޮށް ދިނުމަށް އަމުރުކޮށް ދިނުމަށާއި ބަދަލު ހޯދުމަށް އެ އަަހަރުގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށައަޅާފައެވެ. އެ މައްސަލައާއި ގުޅިގެން 2014 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ މަލީހާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި އަދި ވަޒީފާއާއި ބެހޭ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅާފައެވެ.

އަދި މަލީހާ ކުރިން ހުރި މަގާމުގައި ބެހެއްޓުމަށާއި ނުވަތަ އެފަދަ މަގާމެއް ދިނުމަށް އަންގާފައިވެއެވެ. އަދި ޓްރައިބިއުލަންއިން މައްސަލަ ނިންމި ދުވަހުން ފެށިގެން މަސް ދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިކުރި ފަހުން ހޭދަވީ މުއްދަތަށްވާ މުސާރައާއި އިނާޔަތް ގަނޑުކޮށް ދިނުމަށް ވަނީ އަމުރުކޮށްފައެވެ.

ޓްރައިބިއުނަލްގެ އެ ނިންމުން ބެންކު އޮފް މޯލްޑިވްސްއިން ވަނީ ހައިކޯޓްގައި އިސްތިއުނާފު ކޮށްފައެވެ.

ނަމަވެސް 2016 ވަނަ އަހަރު ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު މައްސަލަ ނިންމާފައިވަނީ މަލީހާއާއި އެއްކޮޅަށެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ހައިކޯޓްގެ އެ ނިންމުން ސުޕްރީމް ކޯޓްގައި ބެންކުން އިސްތިއުނާފު ކުރުމުން މިއަދު ވަނީ މައްސަލައިގެ ހުކުމް އިއްވާފައެވެ. އެގޮތުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިއްތިފާގުން މިއަދު އިއްވި ހުކުމްގައި ވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ. އަދި ހައިކޯޓުގެ އެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ހުކުމްގައިވެއެވެ.

މިއަދުގެ ހުކުމްގައި ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައިޝާ ޝުޖޫންއެވެ.

މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ނޯޓިސް ނުދީ މުވައްޒިފަކު ވަޒީފާއިން ވަކިކުރެވޭނީ އަދުލުވެރި ސަބަބެއް އޮވެގެން ކަމަށެވެ. އަދުލުވެރި ސަބަބެއް އޮތް ކަމަށް ބެލެވޭނެ ދެ ހާލަތަކީ ފާޅުކަން ބޮޑު ގައިރު ސުލޫކީ އަމަލެއް ކުރުން ނުވަތަ ހިޔާނާތްތެރިވުން ކަމަށެވެ.

ބެންކު އޮފް މޯލްޑިވްސްގެ ވަޒީފާއިން ފާތިމާ މަލީހާ ޖަމާލު ވަކިކޮށްފައިވަނީ ތަމްރީންތަކުގައި އޭނާއާއެކު ބައިވެރިވި އަނެއް ދެ މުވައްޒިފުންގެ ބަހެއް ނުހޯދާ ކަމަށާ އަދި މަލީހާ ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިސްވެސް ނުދީ ކަމަށް ހުކުމްގައި ފާހަގަކޮށްފައިވެއެވެ. އަދި މަލީހާ ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިސް ނުދީ މުވައްޒިފަކު ވަޒީފާއިން ވަކިކުރެވޭނެ ދެ ހާލަތް ކަމަށްވާ ފާޅުކަން ބޮޑު ގައިރު ސުލޫކީ އަމަލެއް ކުރުން ނުވަތަ ހިޔާނާތްތެރިވުން ފަދަ އަމަލެއް އޮވެގެން ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް މިއަދުގެ ހުކުމްގައި ބުނެފައިވެއެވެ.

"އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާއިން ކުރެވުނު ހުކުމަކީ ޝަރުއީ އަދި ގާނޫނާއި ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތުމާއި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރަން،" ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔަށް ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ތާއީދު ކުރެއްވުމުން ރިޔާސަތުގައި އިންނަވާ ފަނޑިޔާރު ޝުޖޫން އިއްވެވި ހުކުމްގައި ބުނެފައިވެއެވެ.

މި މައްސަލާގައި މަލީހާގެ ފަރާތުން ވަކާލު ކުރައްވާފައިވަނީ ކުރީގެ ނާއިބް ރައީސް އަދި ކުރިން ޖަސްޓިސް މިނިސްޓަރު ކަމާއި އިސް ގާޒީކަން ކުރެއްވި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. މަލީހާއާއި ޖަމީލަކީ އާއިލީ ދެ ބޭފުޅުންނެވެ.